
އެމްޑީޕީ ޗެއާޕާސަންގެ ނައިބު އިދާރީ އިބްރާހިމް ވަހީދު (އިބުރޭ) މިއަދު އެކްސްގައި ވިދާޅުވީ ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމެއް ކަނޑައެޅުމަށް ނަގާ ވޯޓުގައި އެމްޑީޕީން ތާއީދުކުރާނެ ނިޒާމެއް ކަނޑައެޅުމަށް މަޝްވަރާކޮށް ގޮތެއް ނިންމުމަށް ބާއްވާ ގައުމީ މަޖިލިސް މިރޭ އޮންނާނެ ކަމަށެވެ. ގައުމީ މަޖިލިސް ބާއްވާނީ މިރޭ 8:30 ގައި އިމާދުއްދީން ސްކޫލުގައި ބޮނޑިބަތާ އެކު ކަމަށާއި ޖާގަ އޮތް ވަރަކުން އާންމު މެންބަރުންނަށް އަޑުއަހަން ވަދެވޭނެ ކަމަށް ވަހީދު ވިދާޅުވިއެވެ.
މީގެ ކުރިން އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެފައިވަނީ ރިޔާސީ އިންތިހާބަށްފަހު ޕާޓީގެ ގައުމީ މަޖިލީހުގެ ފުރަތަމަ ބައްދަލުވުން ބޭއްވުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ. ފައްޔާޒު އޭރު ވިދާޅުވެފައިވާ ގޮތުގައި ގައުމީ މަޖިލީހުގެ ބައްދަލުވުން ބޭއްވުމަށް މަސައްކަތް ކުރަމުން އައި ނަމަވެސް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ގައުމީ މަޖިލީހުގެ ގިނަ މެންބަރުން އެ ފަރާތްތަކުގެ ދާއިރާ ރަށްތަކުގައި ތިއްބެވުމާ އެކު ބައްދަލުވުން ބާއްވާ ތާރީހު އަދި މުޅިން ހަމަނުޖެހޭ ކަމަށެވެ.
ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވުމަށް އެމްޑީޕީން މަސައްކަތް ކުރަމުން އަންނައިރު، ކުރިން އެ ޕާޓީ ލީޑުކުރެއްވި ރައީސް މުހައްމަދު ނަޝީދު ވަނީ އަނބުރާ ޕާޓީއަށް ވަޑައިގަންނަވަން ފައްޔާޒަށް މެސެޖެއް ކުރައްވާފައެވެ. އެހެންނަމަވެސް އެމްޑީޕީ އާ އަލުން ގުޅިވަޑައިގަންނަވާނީ ގައުމީ މަޖިލީހުގެ 50 އިންސައްތަ މެންބަރުން އެ ގޮތަށް އެދޭ ނަމަ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރާއްޖެއަށް ބަރުލަމާނީ ނިޒާމު ގެނައުމަށް އަބަދުވެސް ވަކާލާތު ކުރައްވާ ރައީސް ނަޝީދުގެ ދަ ޑިމޮކްރެޓްސްއިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ފެންނަ ނުފެންނަ ވޯޓު ނެގުމުގެ ގަރާރު ފާސްކޮށްފައިވަނީ ޑިމޮކްރެޓްސްގެ މަޖިލިސް މެންބަރުންގެ އިތުރުން އެމްޑީޕީގެ ބައެއް މެންބަރުންގެވެސް ވޯޓާ އެކުގައެވެ.
ހިންގުމުގެ ނިޒާމާ ގުޅޭގޮތުން 2007 ވަނަ އަހަރު ނެގި ވޯޓުގައި ރައީސް ނަޝީދާއި އެމަނިކުފާނު އޭރު ނިސްބަތްވި އެމްޑީޕީން ތާއީދުކޮށްފައިވަނީ ބަރުލަމާނީ ނިޒާމަށެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި ނިޒާމު ބަދަލުކުރުމަށް ތާއީދުކުރައްވާ ވާހަކަ ދެއްކެވި ނަމަވެސް އެކަން ކުރެވޭ ގޮތްވެފައެއް ނުވެއެވެ.
ވެރިކަމުގެ ނިޒާމަށް ބަދަލު ގެނައުމަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށްވެސް އެމްޑީޕީން ހުށަހެޅިއެވެ. އެކަމަކު ކޯލިޝަނުގެ ބައިވެރިންގެ މެދުގައި ހިޔާލު ތަފާތުވުން ހުރުމާ އެކު ކޯލިޝަނުގެ މެނިފެސްޓޯގައި އެ ކަން ހިމަނާފައެއް ނުވެއެވެ.
ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ރައީސް ސޯލިހާއި އެމްޑީޕީގައި ތިބި އެމަނިކުފާނުގެ ސަޕޯޓަރުން ބޭނުންވީ މިހާރު އޮތް ގޮތަށް ރިޔާސީ ނިޒާމެއްގެ ގޮތުގައި ބޭއްވުމަށެވެ. އެމްޑީޕީގެ އެތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ތެރޭގައި ހިމެނޭ އެއް ކަމަކީ ވެރިކަމުގެ ނިޒާމުގެ މައްސަލައެވެ.