ads
ރާއްޖޭގެ ދަރަނި 115 އިންސައްތައަށް އަރައި، ޖީޑީޕީ ކުރިއަރާވަރު ކުރިން ލަފާކުރި ވަރަށް ވުރެ ދަށްވާނެ ކަމަށް ވޯލްޑް ބޭންކުން ވަނީ ލަފާކޮށްފައި - ފޮޓޯ:އެމްޕީއެލް
ރާއްޖޭގެ ދަރަނި ޖީޑީޕީގެ ނިސްބަތުން 115 އިންސައްތައަށް އަރާނެ: ވޯލްޑް ބޭންކް
ރާއްޖޭގެ ދަރަނި 115 އިންސައްތައަށް އަރައި، ޖީޑީޕީ ކުރިއަރާވަރު ކުރިން ލަފާކުރި ވަރަށް ވުރެ ދަށްވާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފިއެވެ.

އެންމެފަހުގެ ސައުތު އޭޝިއާ ޑިވެލޮޕްމަންޓް އަޕްޑޭޓް އާއެކު މިއަދު ނެރުނު، 'ބެޓެން ޑައުން ދަ ހެޗަސް' ގެ ނަން ދީފައިވާ އެންމެފަހުގެ މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް ރިޕޯޓުގައި ވަނީ ރާއްޖޭގެ ރިއަލް ޖީޑީޕީ 2023 ވަނަ އަހަރު 6.5 އިންސައްތައިގައި އަދި 2024 އިން 2025 އަށް އެވްރެޖްކޮށް 5.4 އިންސައްތައަށް ކުރިއަރާނެ ކަމަށް ބެލެވޭ ކަމަށެވެ. އެހެންނަމަވެސް، ހާއްސަކޮށް ދުނިޔޭގެ އިގުތިސޯދީ ހީނަރުކަމުގެ ތެރޭގައި އަގުބޮޑުކޮށް ދަރަނި ނެގުން ކުރިއަށް ގެންދާ ނަމަ، މާލީ ގޮންޖެހުންތައް ބޮޑުވެ، އޭގެ އަސަރު އިގުތިސޯދަށް ކުރާނެތީ ރާއްޖެއަށް ހުރި ގޮންޖެހުންތައް ބޮޑު ކަމަށް އެ ރިޕޯޓުގައިވެއެވެ.

ވޯލްޑް ބޭންކުން އަހަރަކު ދެ ފަހަރު ނެރޭ ރިޕޯޓުގައި ބުނެފައިވަނީ ދުނިޔޭގައި ތަކެތީގެ އަގު ބޮޑުވުމާއި ކެޕިޓަލް ހަރަދާއި ސަބްސިޑީއަށް ކުރާ ހޭދަ އިތުރުވުމާއި ބަޖެޓް ޑެފިސިޓް ފޫބައްދަން މަރުކަޒީ ބޭންކުން ފައިސާ ދޭން ޖެހުމާއި އިންފްލޭޝަން މަތިވުމާ ގުޅިގެން ރާއްޖޭން ދަނީ މާލީ ގޮންޖެހުންތަކާ ކުރިމަތިލަމުން ކަމަށެވެ. މި ގޮންޖެހުންތަކުގެ ސަބަބުން މާލީ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށްޓަކައި އަވަސް އަދި ހަރުދަނާ މާލީ ފިޔަވަޅުތަކެއް އެޅުމާ އެކު، ޒިންމާދާރު ގޮތެއްގައި ދަރަނި ބެލެހެއްޓުން މުހިންމު ކަމަށް ވޯލްޑް ބޭންކުން ބުނެއެވެ.

ވޯލްޑް ބޭންކުން ބުނި ގޮތުގައި ޑެފިސިޓް ދަށްވާނެ ކަމަށް ލަފާކުރެވުނު ނަމަވެސް ރާއްޖޭގެ ޖުމްލަ ދަރަނި ޖީޑީޕީގެ ނިސްބަތުން 115 އިންސައްތައަށް ވުރެ މަތީގައި ހުންނާނެ ކަމަށް ބެލެވޭ ކަމުގައެވެ. ސަރުކާރުން މި އަހަރުގެ ކުރީކޮޅު މުދަލާއި ހިދުމަތުގެ އަގުން ނެގޭ ޓެކްސް (ޖީއެސްޓީ) ރޭޓް ބޮޑުކުރި ނަމަވެސް، ހާއްސަކޮށް މި އަހަރަށް ރާވާފައިވާ ސަބްސިޑީ އިސްލާހުތައް ލަފާކުރި ގޮތަށް ތަންފީޒުކުރެވެމުން ނުދާތީ މިއަށް ވުރެ ބޮޑު އަދި އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ރިޕޯޓުގައިވެއެވެ.

ވޯލްޑް ބޭންކުގެ ރިޕޯޓުގައި ވަނީ މާލީ ދެމެހެއްޓެނިވިކަން ކަށަވަރު ކުރުމަށްޓަކައި ރާއްޖޭން އާމްދަނީ އިތުރުކުރުމާ އެކު ހަރަދުތައް ރަނގަޅަށް ބަލަހައްޓަން ޖެހޭ ކަން ފާހަގަކޮށްފައެވެ. އެގޮތުން އާސަންދަ ހެލްތު އިންޝުއަރެންސް ސްކީމް ފަދަ ޕްރޮގްރާމްތައް މުރާޖައާކޮށް، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް (ހާއްސަކޮށް ތެލާއި ކާބޯތަކެއްޗަށް ދޭ ސަބްސިޑީތައް) ރަނގަޅަށް އެކަށައަޅައި، ބެލެހެއްޓިގެން އަދި ރަނގަޅަށް އިންތިޒާމްވެގެން އުމްރާނީ ތަރައްގީގެ އިންވެސްޓްމަންޓްތައް ކުރުމަށް ވަރުގަދަ ޕަބްލިކް އިންވެސްޓްމަންޓް މެނޭޖްމަންޓް ނިޒާމެއް ގާއިމުކުރުން ފަދަ މުހިންމު އިސްލާހީ ފިޔަވަޅުތައް އެޅުން މުހިންމު ކަމަށް ވޯލްޑް ބޭންކުން ބުނެއެވެ.

އެ ބޭންކުން ބުނީ އާމްދަނީގެ ދާއިރާއިން ޓެކްސް ބޭސް ފުޅާކުރުމާއި ރާއްޖޭގެ އެތެރެއިން އާމްދަނީ ލިބެންހުރި ވަސީލަތްތަކުގެ ބޭނުން ހިފުމާއި ނުރަސްމީ އިގުތިސޯދީ ހަރަކާތްތައް މަދުކުރުމުގެ އިތުރުން ޓެކްސްގެ އިންސާފުވެރިކަން އުފެއްދުން ފަދަ ފިޔަވަޅުތަކަށް ވިސްނުން ބަހައްޓަން ޖެހޭ ކަމަށެވެ.

"ރާއްޖޭގެ އިގުތިސޯދު މި އަހަރު 6.5 އިންސައްތައިގައި، ރަނގަޅު މިންވަރެއްގައި ކުރިއަރާނެ. ނަމަވެސް، ކުރިއަށް އޮތް ތަނުގައި މިހާރަށް ވުރެ ކާރިސާތަކަށް ތައްޔާރުވެފައިވާ އިގުތިސޯދެއް ކަށަވަރު ކުރުމަށްޓަކައި އަދި ފަހުގެ އިސްލާހުތަކުގެ މައްޗަށް ބިނާކޮށް، ދުނިޔޭގެ އިގުތިސޯދީ މި ނާޒުކު ހާލަތުގައި އަދި މިހާރުވެސް ޑެފިސިޓްތައް މަތިވެފައިވާތީ، ދަރަނި ބެލެހެއްޓުމާއި ޕްލޭންކޮށްގެން އިންވެސްޓްމަންޓްތައް ކުރުން ހަރުދަނާކުރުން ހިމެނޭ ގޮތަށް މާލީ ފިޔަވަޅުތައް އެޅުން މުހިންމު،" - ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗު ހަދާދު-ޒަރްވޮސް

ވޯލްޑް ބޭންކުން ރާއްޖެ، ނޭޕާލް އަދި ސްރީ ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް ވިދާޅުވެފައިވަނީ ފަތުރުވެރިކަމަކީ ރާއްޖޭގެ އިގުތިސޯދީ ކުރިއެރުމުގެ މައި އިންޖީނުގެ ގޮތުގައި ދެމި އޮތަސް، ތިމާވެއްޓާ ރަށްޓެހި ފަތުރުވެރިކަމާއި މަސްވެރިކަމުގެ ސިނާއަތް ތަރައްގީ ކުރުމާއި ދުރު ސަރަހައްދުތަކުގައި މަދުން އުމްރާނީ ތަރައްގީގެ ވަސީލަތްތަކަށް ހަރަދުކުރުމަށް އިސްކަންދިނުމާއި އަމިއްލަ ވިޔަފާރިތަކުން ކުރާ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ބާރުއެޅުން ފަދަ ފިޔަވަޅުތައް އަޅައިފި ނަމަ، އެންމެންގެ ބައިވެރިވުން އޮންނަ، ދެމެހެއްޓެނިވި އަދި މޫސުމީ ބަދަލުތަކުގެ ގެއްލުންތަކާއި އެހެނިހެން ލޮޅުންތަކަށް ތައްޔާރުވެފައިވާ ފެހި އިގުތިސޯދެއް ބިނާކުރުމަށް ރާއްޖެއަށް ބާރަކަށް ވާނެ ކަމަށެވެ.

ވޯލްޑް ބޭންކްގެ މި ރިޕޯޓުގެ ސްޕެޝަލް ފޯކަސް ސެކްޝަން، 'ސަޕޯޓިން ސަސްޓެއިނަބަލް އެންޑް ރެސިލިއަންޓް އިންފްރާސްޓްރަކްޗާ' ގައި ފާހަގަކޮށްފައިވާ ގޮތުގައި، ރާއްޖޭން އުމްރާނީ ތަރައްގީގެ ހިދުމަތްތައް ދިނުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވީ ނަމަވެސް، ބަޖެޓަށް ވަރަށް ބޮޑަށް ބަރޯސާވެ، ގިނަ ފަހަރަށް ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތަށް ވުރެ ވެސް މަތިން އެފަދަ ހަރަދުތައް ކުރެއެވެ. އަތޮޅުތަކުގައި އުމްރާނީ ތަރައްގީގެ ވަސީލަތްތައް ހަރުދަނާކޮށްފައި ވިޔަސް، ވެރިރަށް މާލެ އާ އަޅާބަލާއިރު އަތޮޅުތަކުގައި ސާފު ބޯފެނާއި ނަރުދަމާ އާއި އިންޓަނެޓްގެ ހިދުމަތްތަކުގައި ތަފާތުތަކެއް އެބަހުރި ކަމަށް ވަނީ ފާހަގަކޮށްފައެވެ. މި ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށްޓަކައި އެއްބާރުލުން ހަރުދަނާކުރުމާއި ދެމެހެއްޓެނިވި ގޮތެއްގައި ޕްލޭންކުރުމާއި އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންތައް މެދުވެރިކޮށް އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމުގެ އިތުރުން މާލީ ދަތިތަކާއި މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމަށް ޕަބްލިކް އިންވެސްޓްމަންޓް މެނޭޖްމަންޓް ނިޒާމު ހަރުދަނާކުރަން ޖެހޭ ކަމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ.

އެންމެފަހުގެ ސައުތު އޭޝިއާ ޑިވެލޮޕްމަންޓް އަޕްޑޭޓް، 'ޓުވާޑް ފާސްޓަ، ކްލީނަ ގްރޯތު' ރިޕޯޓުގައި ލަފާކޮށްފައިވާ ގޮތުގައި، ކޮވިޑްގެ ބަލިމަޑުކަމަށް ފަހު އައި އިގުތިސޯދީ ކުރިއެރުން މަޑުޖެހުމާއި މާލީ ސިޔާސަތު ހަނިކުރުމާއި މުދަލަށް ދުނިޔޭގެ ބާޒާރުގައި އޮތް ޑިމާންޑް ދަށަށް ދިއުމުގެ ސަބަބުން އިގުތިސޯދީ ހަރަކާތްތަކަށް އަސަރު ކުރުމާ ގުޅިގެން، 2024 އަދި 2025 ވަނަ އަހަރު ސަރަހައްދީ ކުރިއެރުން 5.6 އިންސައްތައަށް މަޑުޖެހޭނެއެވެ.

ސަރަހައްދީ އިގުތިސޯދީ ކުރިއެރުންތަކާ ގުޅޭ ލަފާކުރުންތައް ދަށަށް ދާނެ ކަމަށް ބެލެވޭ ހިރާސްތައް ހުރިއިރު، އޭގެ ތެރޭގައި ނާޒުކު މާލީ ހާލަތްތައް ހުރުން ހިމެނޭ ކަމަށް ވޯލްޑް ބޭންކުން ބުނެއެވެ. އެ ބޭންކުން ބުނި ގޮތުގައި ދެކުނު އޭޝިއާގެ ގައުމުތަކުގައި ދައުލަތުގެ ދަރަނި 2022 ވަނަ އަހަރު އެވްރެޖްކޮށް ޖީޑީޕީގެ 86 އިންސައްތައަށް އަރާފައިވާއިރު، މިކަމުގެ ސަބަބުން ދަރަނި ނުދެއްކިދާނެ ކަމުގެ ނުރައްކާ އިތުރުވެ، ލޯނު ނެގުމުގެ ހަރަދު ބޮޑުވެ، އަމިއްލަ ވިޔަފާރިތަކަށް ލޯނުގެ ގޮތުގައި ދޫކުރަން ހުންނަ ފައިސާ އެހެން ދިމަދިމާލަށް ހޭދަކުރުން ހިމެނޭ ކަމުގައެވެ. އަދި ޗައިނާގެ އިގުތިސޯދީ ކުރިއެރުން އިތުރަށް ހީނަރުވެ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ގުދުރަތީ ކާރިސާތައް ގިނަވެ، އޭގެ އަސަރުތައް ބޮޑުވަމުން ދިއުމަކީ މި ސަރަހައްދަށް އަސަރު ފޯރާފާނެ ކަންކަމުގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ.

ވޯލްޑް ބޭންކުން ބުނީ މާލީ ގޮންޖެހުންތަކުގެ ސަބަބުން ދަތިތަކެއް ކުރިމަތިވެފައިވާ ސަރުކާރުތަކަށް ދުނިޔޭގެ ހަކަތައިގެ ދާއިރާއަށް އަންނަމުންދާ ބަދަލުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށްޓަކައި އެ ގައުމުތަކުގެ އިގުތިސޯދުތަކަށް އެހީތެރިވުމުގެ ޖާގަ ހަނިވާ ކަމަށެވެ. ގިނަ ފަހަރަށް ތަރައްގީވަމުން އަންނަ ގައުމުތަކަށް އިތުރު ބުރައެއްގެ ގޮތުގައި ދެކުނު ނަމަވެސް، ދެކުނު އޭޝިއާއަށް ހަކަތައިގެ ދާއިރާއަށް އަންނަމުންދާ ބަދަލުތަކަކީ ކުރިއަށް އޮތް ތަނުގައި ކުރިއެރުމާއި ވަޒީފާ އުފެއްދުމަށް ފުރުސަތު ލިބިގެންދާނެ ކަމެއް ކަމަށް ބެލެވޭ ކަމަށް އެ ބޭންކުން ބުނެއެވެ. ވޯލްޑް ބޭންކުން ބުނެފައިވަނީ އެ ފައިދާތައް ކުރާނީ އަމިއްލަ ފަރާތްތަކުން އިންވެސްޓްމަންޓްތައް އިތުރުކޮށް، ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކޮށް، ތެޔޮ އެތެރެކުރާ މިންވަރަށް ބަރޯސާވުން ކުޑަކުރެވޭ ނަމަ ކަމަށެވެ. މާލީ ޖާގަ ކުޑަ ނަމަވެސް، މާލީ ބާޒާރަށް ބިނާކޮށް ހަދާ ގަވާއިދުތަކާއި ހޭލުންތެރިކަން އިތުރުކުރުމުގެ ކެމްޕެއިންތަކާއި ފުޅާ ދާއިރާއެއްގައި ފައިސާ ލިބޭނެ ގޮތް ހަދައިދިނުމާއި އިތުބާރު ހުރި ޕަވަ ގްރިޑްތަކުގެ ތެރެއިން ހަކަތަ އެކަށީގެންވާ ގޮތުގައި ބޭނުންކުރެވޭ ޓެކްނޮލޮޖީތައް ބޭނުންކުރުމަށް އަމިއްލަ ފަރާތްތަކަށް ހިތްވަރު ދެވިދާނެ ކަމަށް ވޯލްޑް ބޭންކުން ބުނެފައިވެއެވެ.

ވޯލްޑް ބޭންކުގެ ރިޕޯޓުގައިވާ ގޮތުގައި ހަކަތައިގެ ދާއިރާއަށް އަންނަ ބަދަލުތަކުގެ ސަބަބުން ދެކުނު އޭޝިއާގެ ވަޒީފާގެ ބާޒާރަށް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމުގައެވެ. މި ސަރަހައްދުގެ މަސައްކަތްތެރިންގެ ގާތްގަނޑަކަށް ދިހަ ބައިކުޅަ އެއް ބައި މީހުންނަކީ ތަގައްޔަރުވުން ބޮޑު ސިނާއަތްތަކުގައި ވަޒީފާ އަދާކުރާ ފަރާތްތައް ކަމަށާއި އެފަދަ ވަޒީފާތައް ގިނަވެފައިވަނީ ވަޒީފާގެ ބާޒާރަށް އަންނަ ބަދަލުތަކަށް ނާޒުކު ފައްތަރެއްގައި ތިބި، ހުނަރު ދަށް އަދި ނުރަސްމީ މަސައްކަތްތެރިންގެ ތެރޭގައި ކަމަށް އެ ރިޕޯޓުގައިވެއެވެ. ރިޕޯޓުގައި ވަނީ ހަކަތައިގެ ދާއިރާއަށް އަންނަ ބަދަލުތަކުގެ ސަބަބުން އިތުރު އާ ވަޒީފާތައް އުފެއްދުމަށް އެހީތެރިވެދޭއިރު، ހީނަރުވަމުންދާ ސިނާއަތްތަކުގައި ވަޒީފާ އަދާކުރާ މީހުންނަށް ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމަށެވެ. މިފަދަ މަސައްކަތްތެރިން ހިމާޔަތްކުރުމަށް ފުޅާ ދާއިރާއެއްގައި ސިޔާސަތުތަކެއް އެކުލަވާލުމަށް ރިޕޯޓުގައި ލަފާދީފައިވާއިރު، އޭގެ ތެރޭގައި މަތީ ފެންވަރުގެ ތައުލީމާއި ތަމްރީނާއި މާލިއްޔަތާއި މާކެޓްތަކަށް ރަނގަޅު ފުރުސަތުތަކެއް ހޯދައިދިނުން ހިމެނެއެވެ. އެގޮތުން މަސައްކަތްތެރިން ދަތުރުފަތުރު ކުރުމަށް މަގުފަހިކޮށްދިނުމާއި އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުތައް ހަރުދަނާކުރުން ހިމެނެއެވެ.

33%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް