
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ ޑރ. މުއިއްޒު އިއްޔެ ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން މަޝްވަރާ ކުރެވުނު ކަންތައްތަކުގެ ތެރޭގަ ރާއްޖޭގެ ނިޒާމީ ވޯޓުވެސް ހިމެނޭކަމަށެވެ.
މިގޮތުން ނިޒާމީ ވޯޓުގެ ވާހަކަ ޑރ. މުއިއްޒުއަށް ދެންނެވުމުން ވަގުތު ޖެހުމުން އެ ވޯޓާ ދިމާލަށް އަލުން އެނބުރޭނެކަމަށް ޑރ. މުއިއްޒު ވިދާޅުވިކަމަށް ވެސް ރައީސް ނަޝީދު މިއަދު މަޖިލީސް ފައްޓަވަމުން ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ އެދިލެއްވުމަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވީ " އިން ޑިއުކޯސް ވީ ކޭން ސާކަލް ބެކް ޓު އިޓް" ކަމަށެވެ. މާނައަކީ ވަގުތުޖެހުމުން އެކަމަށް އެނބުރި ދެވިދާނެކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ޑރ. މުއިއްޒުގެ ޖަވާބުން ވަރަށް ބޮޑަށް ހިތްހަމަޖެހި ވަޑައިގަތްކަމަށެވެ. އަދި އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ ޑިމޮކްރެޓިކް ޕާޓީން ވެސް އެދެނީ މިވަގުތު އެދެނީ ނިޒާމީ ވޯޓު މަޑު ޖައްސާލުމަށް ކަމަށް ވިދާޅުވެފައިވާނެކަމަށެވެ.
ނިޒާމީ ވޯޓު މަޑުޖައްސާލުމުގެ ވާހަކަ ރައީސް ނަޝީދު ވެސް ވިދާޅުވެފައިވާއިރު، އިއްޔެ އިލެކްޝަންސް ކޮމިޝަނުން ވެސް ބުނެފައިވަނީ މިމަހުގެ ތެރޭގަ ނިޒާމީ ވޯޓު ނުނެގޭނެކަމަށެވެ.