ads
އިންތިހާބީ ރައީސް އަދި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު: ވިދާޅުވީ ސަރުކާރު ވާނީ ކައުންސިލުތަކަށް ހަގީގީ މާނައިގައި ލާމަރުކަޒީ ނިޒާމް ޗެމްޕިއަން ކުރެވިގެންދާ ސަރުކާރަކަށް ކަމަށް - ފޮޓޯ:މާލޭ ސިޓީ ކައުންސިލް
"ސަރުކާރު ވާނީ ލާމަރުކަޒީ ނިޒާމް ޗެމްޕިއަން ކުރެވިގެންދާ ސަރުކާރަކަށް"
އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އުފެދޭ އާ ސަރުކާރު ވެގެން ދާނީ ކައުންސިލުތަކަށް ވަރަށް ފަހި ހަގީގީ މާނައިގައި ލާމަރުކަޒީ ނިޒާމް ޗެމްޕިއަން ކުރެވިގެންދާ ސަރުކާރަކަށް ކަމުގައި ދިވެހިރާއްޖޭގެ އިންތިހާބީ ރައީސް އަދި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލޭ ސިޓީ ކައުންސިލުގެ 119 ވަނަ ޖަލްސާގައި މުއިއްޒު ވަނީ އެ ކައުންސިލަށް ސަރުކާރުގެ އެއްބާރުލުން ނުލިބުމުގެ ސަބަބުން ކުރިއަށް ނުގެންދެވުނު މުހިންމު ކަންކަން ފާހަގަކުރައްވާފައެވެ. އެގޮތުން ލޭންޑް ޔޫސް ޕްލޭން ފާސް ނުވި ކަމަށާއި ކުންފުނި ރަޖިސްޓްރީ ނުކޮށްދެއްވާ ކަމަށާއި ޕާކިން ބިލްޑިންތައް އަޅަން އުޅެ އެ ހުއްދަ ނުދެއްވުމުގެ އިތުރުން މަގު ހެދުމުގެ މަޝްރޫއު ސިޓީ ކައުންސިލް އަތުން އަނބުރާ ގެންދިޔަ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"ބޮޑެތި ކަންކަން ނިންމަން އުޅެ އެއްވެސް ކަމެއް ނުނިމި ދިޔައީ. ލޭންޑް ޔޫސް ޕްލޭން ފާހެއް ނުވި، ކުންފުނި ރަޖިސްޓްރީއެއް ނުކޮށްދެއްވާ، ޕާކިން ބިލްޑިންތައް އަޅަން އުޅެއުޅެ އެ ހުއްދައެއް ނުދިން، މަގު ހެދުމުގެ މަޝްރޫއު ގެންދިއައީ، އެކަން ދިމާވެފަ ހުރީ ސިޔާސީ ފިކުރު ދިމާނުވާ ރާއްޖޭގެ އެހެން ގިނަ ކައުންސިލްތަކަށްވެސް. އެހެންވީމަ އަޅުގަނޑު ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ވަރަށް ބޮޑަށް އެކަމާ ވިސްނާފައި ހުށަހެޅީ އެލްޖީއޭ ފުލީ ފަންކްޝަން ކުރެވި ބާރުވެރި ކުރެވޭނެ ނިޒާމް. އެކަމަށް ހާއްސަ މިނިސްޓަރެއް ބަހައްޓައިގެން، އެލްޖީއޭއަށް ބާރުދީގެން ޑޭޓުޑޭ ކައުންސިލްތަކުން ބޭނުންވާ އެފަދަ ހުރިހާ ކަމެއް ސަރުކާރު ތެރެއިން ލިބޭ ހުއްދަތައް ހޯދުމާއި ކައުންސިލްތައް ހިނގާނެ ގޮތް ހެދުމަކީ އަޅުގަނޑުމެން ކުރިއަށް ގެންދާނެ ގޮތެއް،" - އިންތިހާބީ ރައީސް އަދި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު

މާލެ ސިޓީ ކައުންސިލެކޭ އެއްފަދައިން ރާއްޖޭގެ ގިނަ ކައުންސިލުތަކުގައި މިފަދަ މުހިންމު ކަންކަން ކުރިއަށް ގެންދިއުމުގައި ދިމާވެފައިވާ ދަތިތަކަށް އަލިއަޅުއްވާލައްވާ މުއިއްޒު ވިދާޅުވެފައިވަނީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ފަހުން އެމަނިކުފާނު ސަރުކާރާ ހަވާލުވެވަޑައިގެންނެވުމަށްފަހު ފެނިގެން ދާނީ ކައުންސިލުތަކުގައި މަޑުޖެހިފައި ހުރި ކަންކަން ބާރަށް ހިނގާތަން ކަމަށެވެ. ރައްޔިތުން އިންތިހާބުކޮށްފައި ތިބި ލޯކަލް ކައުންސިލަރުންގެ ދައުރު ފުރިހަމައަށް އަދާ ކުރުމުގެ ފުރުސަތު އެމަނިކުފާނުގެ ސަރުކާރެއްގައި ލިބިގެންދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އެހެންވީމަ އިރާދަކުރެއްވިއްޔާ 17 ނޮވެމްބަރަށްފަހު ފެނިގެން ދާނީ މާލެ ސިޓީ ކައުންސިލުން އަދި އެހެން ހުރިހާ ކައުންސިލްތަކުން ވެސް ހުއްޓިފަހުރި ނުވަތަ ހުއްދަ ނުލިބިގެން ނުހިނގާހުރި ހުރިހާ ކަމެއް އިރާދަކުރެއްވިއްޔާ ވަރަށް ފަސޭހަކަމާ އެކީގައި ހުއްދަ ލިބިގެން ސީދާ ރައްޔިތުން އިންތިހާބުކޮށްފައި ތިބި ލޯކަލް ކައުންސިލަރުންގެ ދައުރު ފުރިހަމައަށް އަދާކުރުމުގެ ފުރުސަތު ލިބިގެން ދާނެ. އެހެންވީމަ މި ކައުންސިލުގައިވެސް މަޑުޖެހިފައި ހުރި ކަންކަން ބާރަށް ހިނގާނެ އެހިސާބުން އިރާދަކުރެއްވިއްޔާ.. ހަގީގީ މާނައިގައި ލާމަރުކަޒީ ނިޒާމް ޗެމްޕިއަން ކުރެވިގެންދާނެ،" - އިންތިހާބީ ރައީސް އަދި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު

މުއިއްޒު ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ސަރުކާރު ވެގެން ދާނީ ކައުންސިލުތަކަށް ވަރަށް ފަހި ސަރުކާރަކަށް ކަމަށާއި ކައުންސިލުތައް ހިންގުމަށް ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމުގައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް