ads
މިނިސްޓަރު އާއިޝަތު އަލީ ޓީޗަރުންތަކަކާއެކު
މުސާރަ ބޮޑުވިއަސް، ޓީޗަރުންގެ ކަންބޮޑުވުންތައް ބޮޑު!
މިއަދު ޓީޗަރުންގެ ދުވަސް ފާހަގަ ކުރަމުން އަންނަ އިރު، ދުވަހާ ގުޅިގެން އެކި ހަރަކާތްތައް ހިންގާ، މުވައްޒަފުންގެ އަގު ވަޒަންކޮށް ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން ސުކޫލުތަކުން ވެސް އަންނަނީ އުފާފާޅުކޮށް ޝުކުރު އަދާކުރަމުންނެވެ. .
Advertisement

ޓީޗަރުން ކުރާ މަސައްކަތަކީ މިހެން އެންމެ ދުވަހަކު އަދާކުރާ ޝުކުރަކުން އަގުވަޒަން ކުރެވޭނެ ކަމެއްނޫނެވެ. ބުރަ މަސައްކަތްކުރައްވާ ގިނަ ޓީޗަރުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ވެސް އެބަ ހުއްޓެވެ. 

މީގެ ކުރިން ދެކެވޭ ވާހަކަ އަކީ ޓިޗަރުންގެ މަސައްކަތާ އެކަށޭނަ މުސާރައެއް ނުލިބޭ ވާހަކައެވެ. ނަމަ ވެސް މިނިމޭ ސަރުކާރުން ވަނީ ޓީޗަރުންގެ މުސާރަ ބޮޑުކޮށްފައެވެ. 

ޓީޗަރުންގެ މުސާރައަށް ގެނައި ބަދަލާއެކު، ގިނަ ޓީޗަރުންނަށް މުސާރައިގެ ގޮތުގައި 20،000 ރުފިޔާއަށްވުރެ ގިނައިން ލިބެއެވެ. އެގޮތުން ރޭންކު އެކެއްގެ ޓީޗަރުންގެ މުސާރައަށް 22 އިންސައްތައިގެ ބަދަލެއް، ރޭންކު 2 ގެ މުވައްޒަފުންނަށް 50 އިންސައްތައިގެ ބަދަލެއް އަދި ރޭންކު ތިނެއްގެ މުވައްޒަފުންނަށް 38 އިންސައްތައިގެ ބަދަލެއް ގެނެސްފައިވެއެވެ.

ރޭންކް އެކެއްގެ ޓީޗަރުންނަށް 13،266 ރުފިޔާ، ރޭންކް ދޭއްގެ ޓީޗަރުންނަށް 19،467 ރުފިޔާ އަދި، ރޭންކް ތިނެއްގެ ޓީޗަރުންނަށް 20،895 ރުފިޔާ ލިބެއެވެ. ރޭންކް ހަތަރެއްގެ ޓީޗަރުންނަށް 20،865 ރުފިޔާ ހަމަޖައްސާފައިވާއިރު، ރޭންކް ފަހެއްގެ ޓީޗަރުންނަށް ހަމަޖައްސާފައިވަނީ 25،958 ރުފިޔާއެވެ. އެޑިއުކޭޝަނުން ވަނީ ރޭންކް ހަތަރެއް އަދި ފަހެއްގެ ޓީޗަރުން އަދި ނެތް ކަމަށް ބުނެފައެވެ. މީގެއިތުރުން ލީޑިން ޓީޗަރުންނަށް ކުރިން ދެމުން އައި 1000 ރުފިޔާގެ އިނާޔަތް ވަނީ 2000 ރުފިޔާއަށް ބަދަލުކޮށްފައެވެ.

މުސާރަ އަށް ގެނެވުނު ބަދަލާ އެކު ފެންވަރު ރަނގަޅު ޓީޗަރުން އުފެދި މިދާއިރާއާ ގުޅެން ބޭނުންވާ މީހުން ގިނަވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު އަލީ ވެސް ވިދާޅުވިއެވެ. 

your imageޓީޗަރުންގެ ދުވަސް 2017: ފޮޓޯ ރާއްޖެ

މުސާރަ ބޮޑުވިއިރު ހުރި ކަންބޮޑުވުން

މުސާރައިގެ އޮނިގަނޑަށް އައި ބަދަލާ އެކު ދިމާވި އެއްކަމަކީ، ގިނަދުވަސް ވީ ޓިޗަރުންނާއި އަލަށް ގުޅޭ ޓީޗަރުންގެ މުސާރައިގެ ފަރަގެއް ނެތުމެވެ. 

ޑިގްރީ ހާސިލްކުރާ ޓީޗަރުން މުސާރަ ބޮޑު ކުރުމަށް، ދެ އަހަރުވަރު މަޑުކުރަން ޖެހެއެވެ. އެކަމަކު އެއީ އެއް ސްކޫލެއްގައި މަސައްކަތްކުރާ ނަމައެވެ. އިސްތިއުފާ ދީ، އަލުން ކުރިމަތިލައިފި ނަމަ އާ މުސާރަ ލިބެއެވެ. 

އަލުން ވަޒީފާއަށް ވަންނަ މުވައްޒަފުންނަށް އެލިބޭ މުސާރަ، ވަޒީފާގައި ތިބެގެން ކިޔަވާ މުވައްޒަފުންނަށް ނުލިބޭ ކަން އެއީ ވަރަށް ގިނަ ޓީޗަރުން ފާހަގަ ކުރާ ކަންބޮޑުވުމެކެވެ. 

މި މައްސަލައިގައި ސިވިލް ސާވިސަސް ކޮމިޝަނަށް ގެނެސްދެވޭނެ އެއްވެއް ހައްލެއް ނެތް ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ. އެއީ ޕޭ ކޮމިޝަނުން ވަކި އުސޫލަކުން ކުރާ ކަމަކަށްވުމުން އެކަމާ ސިވިލް ސާވިސް ކޮމިޝަނުން އެއްވެސްކަމެއް ނުކުރެވޭނެ ކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ.

ތައުލީމީ ސެޓްފިކެޓާ އެއްހަމަ މުސާރައެއް ބޭނުންނަމަ ޓީޗަރުންނަށް ޖެހެނީ ގިނަ ދުވަސްތަކެއް ވަންދެން ވަޒީފާ އަދާކުރި ތަނުން އެހެން ތަނަކަށް ބަދަލުވާށެވެ. 

އެފަދަ ޓީޗަރަކު ވިދާޅުވި ގޮތުގައި އެއީ ވަރަށް އުނދަގޫ ނިންމުމެކެވެ. އަދި ވަރަށް ދެކޮޅު ނުޖެހޭ ގޮތެކެވެ. 

"މިއީ ވަރަށް ދެކޮޅު ނުޖެހޭ ގޮތެއް. ޑިގްރީ ނިމުނީމާ ކޮންމެ ސްކޫލެއްގައި ވަޒީފާގައި ހުއްޓަސް އެ މީހަކަށް ބޮޑުވާ މިންވަރުން މުސާރަ ދެވެންވާނެ. ދެ ތިން އަހަރު މަޑުކޮށްގެން ތިބެވޭ ކަހަލަ ކަންކަމެއް ނޫން މިއީ. އެ ކަމަކު މިހާރު އުޅޭ ތަނުން އެހެން ތަނަކަށް ކެނޑިގެން ގޮސް އާ ވަޒީފާގައި އެއްވެސް މަޑުކުރުމެއް ނެތި މުސާރަ މި ލިބެނީ. މީ އިންސާފެއް ނޫން ދޯ" ޓީޗަރަކަރު ބުންޏެވެ.

އެޓެންޑެންސް އާއި އޯވަޓައިމްގެ މައްސަލަވެސް ބައެއް ޓީޗަރުން ފާހަގަ ކުރެއެވެ. 

" ސްކޫލް ޗުއްޓީ ތަކަކީ އަހަރެމެން ބުނެގެން ދޭ އެއްޗެއްނޫން، އަހަރެމެންގެ ޗޮއިސްއެއްނޫން، އެކަމަކު ކޮންމެ ޗުއްޓީއެއްގަ، އެޓެންޑެންސް އެލަވަންސް އާއި އޯވަޓައިމް ކަނޑާލާ " ޓީޗަރަކު ބުންޏެވެ. 

މުސާރައިގެ މިމައްސަލަތައް ސަރުކާރުން ހައްލުކޮށްދިނުމަކީ ޓީޗަރުންގެ ބޮޑު އެދުމެކެވެ.

your imageއެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ 2019 ވަނަ އަހަރުގެ މަތީ ޘާނަވީ އިމްތިޙާނުގެ ގަދަ 10 ގައި ހިމެނުނު ދަރިވަރުންނަށް އިނާމު ދިނުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ-- ފޮޓޯ: މިނިސްޓްރީ އޮފް އެޑިއުކޭޝަން 

ރިޓަޔަމަންޓް އުސޫލު

 ޓީޗަރުން ރިޓަޔާވުމުގެ އުސޫލޫ އޮތްގޮތާމެދު ކަންބޮޑުވުން ފާޅުކޮށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އަށް، ޓީޗަރުންގެ ފަރާތުން މިދިޔަ އޮގަސްޓް މަހު ވަނީ ދެވަނަ ވެސް ޕެޓިޝަނެއް ހުށަހަޅާފައެވެ.

ރިޓަޔާމަންޓް އުސޫލުގައި އޮތް ގޮތުން 55 އަހަރަށް ވުރެ މަތީ އުމުރުގެ މީހުން ރިޓަޔާވުމަށް ހަމަސް ދުވަހުގެ މުއްދަތެއް ދެއެވެ. އަދި ރިޓަޔާކުރަން ޖެހެނީ  ރިޓަޔާވާ އިރު ލިބެމުންދާ މުސާރައިގެ ބަދަލުގައި އެ މީހުން ކުރިން ހުރި މަގާމުގައި ލިބުނު މުސާރައިންނެވެ. ޕެޓިޝަން ހުށަހަޅާފައިވާ ގިނަ ބައެއްގެ ކަންބޮޑުވުމަކީ ކުރީގެ މުސާރައިގައި ރިޓަޔާކުރަން ޖެހުމެވެ.

މީގެ އިތުރުން، އޮނިގަނޑު ތަންފީޒުކުރި އިރު ވެސް ބައެއް މުވައްޒަފުންނަކީ 40 އަހަރު ނުވަތަ އެއަށް ވުރެ ދިގު މުއްދަތެއްގައި ވަޒީފާ އަދާކޮށްފައި ތިބި ބަޔަކަށް ވީ ނަމަވެސް އިނާޔަތް ދޭން ވުމުން އެ މުވައްޒަފުންގެ ހިދުމަތް 30 އަހަރަށް ބަދަލުވާގޮތަށް މި އޮނިގަނޑުގައި އޮންނަ އޮތުމަކީ ވެސް ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް ޕެޓިޝަންގައި ވެއެވެ.

އާލީ ރިޓަޔަމެންޓެއްގައި ތައުލީމީ ދާއިރާގެ މީހަކު ވަޒީފާއިން ވަކިވި ނަމަވެސް މަހުން މަހަށް ކުރިން ލިބެމުން އައި އެލަވެންސް ދެން ނުލިބޭނެއެވެ. އެހެންކަމުން ތައުލީމީ ދާއިރާގައި މިހާރު ވަޒީފާ އަދާކުރަމުންދާ އެއްވެސް މީހަކަށް ކުރިއެކޭ އެއްގޮތަށް މަހުން މަހަށް ލިބޭނެ ގޮތަށް އޮތް ޕެންޝަން ނުލިބޭނެއެވެ.

މި އޮނިގަނޑުގައި ސިވިލް ސާވިސްގެ ވަކި ބަޔަކު ހިމަނައި އެ ބަޔަކަށް އެކަނި އޮނިގަނޑު ތަންފީޒުކުރަން ފެށުމަކީ ބޭއިންސާފެއް ކަމުގައި ފާހަގަކޮށް ޓީޗަރުންނަށް ކުރިން ލިބެމުން އައި ޕެންޝަން އެލަވަންސް އަނބުރާ އިއާދަ ކުރުމަށް ވަނީ ޕެޓިޝަނުގައި ގޮވާލައިފައެވެ.

މި ކަންތައްތަކާ މެދު ކަންބޮޑުވުން ފާޅުކޮށް މިދިޔަ އަހަރު އޮކްޓޯބަރު މަހުގައި ވެސް ރައީސަށް ޕެޓިޝަނެއް ވަނީ ހުށަހަޅާފައެވެ. އެ ޕެޓިޝަނުގައި މާލެ ސަރަހައްދުގެ ސްކޫލުތަކުގެ 500 ވަރަކަށް ޓީޗަރުން ވަނީ ސޮއިކޮށްފައެވެ. ފަހުން ހުށަހެޅި ޕެޓިޝަނުގައި މާލެ ސަރަހައްދުގެ ސްކޫލުތަކުގެ އިތުރަށް އަތޮޅުތެރޭގެ 856 ޓީޗަރުން ސޮއިކުރިއެވެ.

your imageއެޑިއުކޭޝަން މިނިސްޓްރީގެ ބައްދަލުވުމެއްގައި، މިނިސްޓަރު ޑރ. އައިޝަތު އަދި އެ މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ

ތަފާތު ކަންބޮޑުވުން

ޓީޗަރުންގެ މިފަދަ ކަންބޮޑުވުންތަކުގެ އިތުރުން މިއަދު ސީއެންއެމް އާ ވާހަކަދައްކާލި ބައެއް ޓީޗަރުން ވަނީ ތަފާތު ކަންބޮޑުވުންތައް ފާހަގަ ކުރައްވާފައެވެ. 

" އަޅުގަނޑުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، ކުރިން އަަޅުގަނޑުމެނަށް ކުރި އިހުތިތާމް މިހަރު ނުލިބޭތީ، މިހާރު ބެލެނިވެރިން ވެސް ނުކުރ ކުރިން ކުރި އިހުތިރާމް " 30 އަހަރަށް ވުރެ ގިނަ ދުވަހު ކިޔަވާދިނުމުގަ ހޭދަ ކުރައްވާފައިވާ އަދި މިހާރުވެސް މާލޭގެ ސްކޫލެއްގެ ލީޑިން ޓީޗަރެއްގެ މަގާމުފުރުއްވަމުންދާ ޓީޗަރަކު ވިދާޅުވިއެވެ.

ޓީޗަރުންނަނީ ގައުމުގެ ކުރިމަގު ބިނާކުރުމުގެ އެންމެ މުހިންމު ދައުރެއް އަދާކުރަމުންދާ ބަޔަކަށްވާއިރު، ޓީޗަރުންގެ އަގުވަޒަން ކުރުމާއި ޝުކުރު އަދާކުރުމުގެ އިތުރުން ޓީޗަރުންގެ ކަންބޮޑޫވުންތަކަށް ހައްލު ހޯދުމަކީ ވެސް މުހިންމުކަމެކެވެ. އެކަމުގައި ސަރުކާރުގެ ޒިންމާގެ އިތުރުން ސްކޫލުތަކުގެ މެނޭޖްމަންޓްތަކާއި ބެލެނިވެރިންނާއި ދަރިވަރުންގެ ޒިންމާ ވެސް ކުޑައެެެއްނޫނެވެ. 

"އަޅުގަނޑުގެ އެންމެ ބޮޑު ކަންބޮޑޫވުމަކީ ސްކޫލުތަކުގަ މިއޮންނަ އިންޓާނަލް ޕޮލިޓިކްސް، މިވާހަކަ ނުދައްކާނެ ގިނަ ޓީޗަރުން، އެކަމަކު ޓީޗަރުންގެ މެދުގަ ވެސް ދަރިވަރުންގެ މެދުގަ ވެސް އަދި ބެލެނިވެރިންގެ މެދުގަ ވެސް އެކި ކަހަަލަ ތަފާތު ކުރުން ވަރަށް ގިނަ، ހާއްސަކޮށް ޕީޓީއޭތަކުން ސުކޫލު ހިންގުމަށް މާބޮޑަށް ބާރު ފޯރުން އެއީ ވަރަށް ދެރަކަމެއް" މާލޭގެ ސްކޫލެއްގެ ޓީޗަރަކު ވިދާޅުވިއެވެ.

ޑރ. އައިޝަތު ޢަލީ ވިދާޅުވެފައިވަނީ، ތައުލީމީ ދާއިރާގައި ހުރި ކަންބޮޑުވުންތައް ދެނެގަތުމަށް މި ސަރުކާރުން ކުރި ދިރާސާގައި އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ މުސާރައާއި އިނާޔަތްތައް ކުޑަކަމުގެ ވާހަކަކަމަށެވެ. މީގެއިތުރުން މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ދަތިތަކާއި، އެކަށީގެންވާވަރަށް ރިސޯސަސް ނުލިބުމުގެ ކަންކަންވެސް ފާހަގަކޮށްފައިވާކަަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް