ads
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު
ލާމަރުކަޒީ އުސޫލުން އަތްފޯރާ ފަށުގަ ނަފްސާނީ ފަރުވާ ލިބެންޖެހޭ: ފަޒްނާ
ލާމަރުކަޒީ އުސޫލުން އަތްފޯރާފަށުގައި ނަފްސާނީ ސިއްހަތުގެ ފަރުވާއާއި، އެހީތެރިކަން ލިބުމަކީ ދުޅަހެޔޮ، އުފެއްދުންތެރި، މުޖުތަމަޢެއްގެ ނާރެސް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.

 އެކަމަނާ މިހެން ވިދާޅުވީ ދެ ވަނަ ސައިކޮލޮޖީ ސިމްޕޯޒިޔަމް އަދި އެގްޒިބިޝަން އިފްތިތާޙްކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ވިލާ ކޮލެޖުގެ ފަރާތުން އިންތިޒާމު ކޮށްގެން ބާއްވާ މި ސިމްޕޯޒިއަމް އިފްތިތާޙްކޮށްދެއްވާފައި ވަނީ މިކަމަށްޓަކައި މިއަދު މެންދުރުފަހު އެ ކޮލެޖުގެ ހޯލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

"މީހަކު ދިރިއުޅޭ ރަށަކަށް، މީހެއްގެ މާލީ ތަނަވަސްކަމަކަށް ނުވަތަ އެމީހެއްގެ ނަފްސާނީ ހާލަތުގެ މިންވަރަށް ބެލުމެއްނެތި ނަފްސާނީ ސިއްހަތުގެ އެހީތެރިކަމަކީ ކޮންމެ މީހަކަށްވެސް އަތްފޯރާފަށުގައި ލިބިގަނެވޭނެ ހިދުމަތަކަށްވުން މުހިންމު. އެކަމުގެ ބޭނުމަކީ، މުޖުތަމަޢެއް ބިނާކުރުމުގައި ފަރުވާނުކުރެވިހުރި ނަފްސާނީ މައްސަލަތަކުގެ ބުރައާނުލާ، ކޮންމެ މީހަކަށްވެސް، އެންމެ އުފެއްދުންތެރި އެންމެ އުފާވެރިގޮތުގައި އެމީހެއްގެ ހިދުމަތް މުޖުތަމައާ ހިއްސާކުރުމުގެ ހެޔޮކަން ލިބުން،" -ފަޒްނާ-


ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ނަފްސާނީ ދުޅަހެޔޮކަމަށްޓަކައި ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. 

އެގޮތުން، ސްކޫލްތަކަށް ހާއްސަ ޕްރޮގްރާމްތަކާއި ޕްރައިމަރީ ހެލްތްކެއަރގެ ނިޒާމުގެތެރެއިން ނަފްސާނީ ސިއްހަތާބެހޭ މައްސަލަތައް ދެނެގަނެ އެކަމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާބިލުކަމާއި، ވަސީލަތްތައް ތަނަވަސްކުރުން މުހިންމުކަމުގައިވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި އެކަމަނާ ވަނީ ސުލްޙަ މަސަލަސް އުފާވެރި އުފެއްދުންތެރި މުޖުތަމައުއެއް ބިނާ ކުރުމަށްޓަކައި، އެންމެ ފަރުދެއްވެސް ބާކީވެގެންދިޔަނުދީ އެމީހަކަށް އެކަށީގެންވާ ޙައްގު ފަރުވާއެއް ލިބިދެވުމަކީ އެންމެ އެކުގައި ފުރިހަމަކުރަންޖެހޭ ޒިންމާއެއްކަމުގައި ފާހަގަކުރައްވާފައެވެ.

އެއާއެކު މެދުކެނޑުމެއްނެތި "އެވިޑެންސް-ބޭސްޑް" ފަރުވާ، އެހިދުމަތަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް ފޯރުކޮށްދިނުމުގައި ދެމިތިބުމަކީ އެކަމަނާ ކުރައްވާ އުންމީދެއްކަމުގައި ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ނަފްސާނީ ޞިއްޙަތުގެ ބިނާ، ހިތްވަރާއި، ފަންވަރާއި، އޯގާތެރިކަމުން ޒީނަތްތެރިވެގެންވާ ބިނާއެއްގެގޮތުގައި ފަރުމާކުރެވި ދެމެހެއްޓޭނީ އެންމެން އެކުގައި މަސައްކަތްކުރުމުން ކަމުގައިވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހެއްގެ 10 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ނަފްސާނީ ސިއްހަތުގެ ދުވަހުގެ ގޮތުގައެވެ. މި އަހަރު މި ދުވަސް ފާހަގަ ކުރަމުން ދަނީ "މެންޓަލް ހެލްތް އިޒް އަ ޔުނިވަރސަލް ހިއުމަން ރައިޓް" މި ޝިއާރުގެ ދަށުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް