އަލްޖަޒީރާއިން ރިޕޯޓްކުރާގޮތުގައި މިއަދު ހެދުނުން ފެށިގެން ހިޒްބުﷲ އިން އަންނަނީ ލުބުނުނާން - އިޒްރޭލު ބޯޑަރުކައިރީގައި އިޒްރޭލުގެ އަސްކަރީ މަރުކަޒުތަކާއި ޕޯސްޓްތަކަށް ހަމަލާދެމުންނެވެ.
ރަސްމީގޮތެއްގައި އަދި މިހާތަނަށް ހަނގުރާމަ އިއުލާނުކޮށްފައިނުވާއިރު ހިޒްބުﷲގެ ޑްރޯންތައް ވަނީ މިއަދު އިޒްރޭލުގެ ވައިގެ ސަރަހައްދަށް ވަދެފައެވެ. އިޒްރޭލުގެ މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި 15-20 ދެމެދު އަދަދަކަށް ޑްރޯން ވަނީ އިޒްރޭލުގެ ވައިގެ ސަރަހައްދަށް ވަދެފައެވެ.
އިޒްރޭލުގެ އިދާރާތަކުން ވަނީ އުތުރު ސަރަހައްދުތަކުގައި އުޅޭ ޔަހޫދީ ވަކި ގޮތެއް އަންގަންދެން ބޮމުގެ ހަމަލާއިން ރައްކާވުމަށް ހަދާފައި ހުންނަ "ބޮމް ޝެލްޓާ"ތަކުގައި ތިބެން އަންގާފައެވެ.
އަލްޖަޒީރާއިން ރިޕޯޓްކުރާ ގޮތުގައި ހިޒްބުﷲ އިން މިއަދު އިޒްރޭލަށް ރޮކެޓް ހަމަލާތަކެއް ވެސް ދީފައިވާއިރު އިޒްރޭލްގެ އުތުރު ސަރަހައްދުތަކުގެ ރީޖަނަލް ކައުންސިލްގެ ވެރިޔާ ވަނީ ޕެރަގްލައިޑާތަކުގައި ވައިގެ މަގުން ހަނގުރާމަވެރިން އިޒްރޭލަށް އަރައިގެންފައިވާކަމަށް ބުނެފައެވެ. އަދި އެމީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ބުނެފައިވެއެވެ.
ނަމަވެސް އިޒްރޭލުގެ އަސްކަރިއްޔާއިން އަދި މިހާތަނަށް ޕެރަގްލައިޑާތަކުގައި ހަނގުރާމަވެެރިން އަރައިގެންފައިވާ ވާހަކަ ކަށަވަރުކޮށްދީފައެއް ނުވެއެވެ.
ހެޒްބުﷲ އިން މިއަދު އާންމުކުރި ވީޑިއޯއެއްގައި އިޒްރޭލުގެ ދެ ސިފައިން ރޮކެޓް ހަމަލާއެއްގައި މަރާލާ މަންޒަރު ފެނެއެވެ. ނަމަވެސް މިހާާތަނަށް ދިން ހަމަލާތަކުގެ މާބޮޑު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
ކުރިމަތިލުންތަކުގައި ހިޒްބުﷲގެ ތިން މީހަކު ޝަހީދުވެފައިވާކަމަށް އެ ޖަމާއަތުން ބުނެއެވެ.
ލުބުނާނު މަގުން ހަނގުރާމަ ފުޅާވަމުން އަންނަ ކަމުގެ ސިގްނަލް ލިބެމުންދާތީ އދ. ސެކްރެޓެރީ ޖެނެރަލް އެންޓޮނިއޯ ގުއަޓަރޭޒް ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ. ގުއަޓަރޭޒް ވަނީ ހަނގުރާމަ ފުޅާވެނުދިނުމަށް ހުރިހާ ފަރާތްތަކަށްވެސް ގޮވާލާފައެވެ.