ސަންގް ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅުދައްކަވަމުން މުއިއްޒު ވިދާޅުވީ، ޖޭއެސްސީއަށް ހަގީގީ މިނިވަންކަން ގެނައުމަށް ސިޔާސީ ނުފޫޒުން މުޅިން އެ ކޮމިޝަން މިނިވަން ކުރަންޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި، އެކަމުގައި އެމަނިކުފާނު ގެންގުޅުއްވާނެ ސްޓޭންޑަކީ އެއީ ކަމަށެވެ.
"ދެން އަޅުގަނޑު އަދި އަޅުގަނޑުމެންގެ މަޖިލިސް މެމްބަރުންނާއި، މަޝްވަރާ ކުރާނަން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޖޭއެސްސީ ކޮމްޕޮޒިޝަންގައި އެއްގޮތަކަށްވެސް ސިޔާސީ މީހަކު ހުރެގެން ނުވާނެ. ތިއްބަވަން ޖެހޭނީ ޝަރުއީ ދާއިރާގެ ބޭފުޅުން. ރިޓަޔާޑް ޖަޖުން. އެހެންވީމައި އެކަހަލަ ވިސްނުމެއްގައި އަޅުގަނޑު ގަސްތުކުރަނީ ޖޭއެސްސީގެ ކޮމްޕޮޒިޝަން އެކުލަވާލެވޭނެ ގޮތެއް ވާން. ހަގީގީ މާނާގައި ޖޭއެސްސީ އަކީ ސިޔާސީ ނުފޫޒު ނުވަންނަ ތަނަކަށް ހެދުން އެއީ އަޅުގަނޑުގެ އަމާޒު،" މުއިއްޒު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، އެ މަސައްކަތުގެ ތެރެއިން، އެ ކަމާ ގުޅިގެން ހުށަހަޅާފައިވާ ބިލަށް ބަދަލުތަކެއް ގެނެވެން އޮތްނަމަ އެކަން ކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ. ޕީޕީއެމް-ޕީއެންސީ ތަމްސީލުކުރާ ގިނަ މެމްބަރުންތަކެއް މަޖިލީހުގައި މިހާރު ނެތުމަކީ އެ މަސައްކަތަށް ކުރިމަތިވާނެ ގޮންޖެހުމެއް ކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ، އެ މަސައްކަތަށް ހުރިހާ ޕާޓީތަކުގެ އެއްބާރުލުން ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
"އަޅުގަނޑު ބޭނުން ހަަމަ ޑޭ ވަން އިން ފެށިގެން ޝަރުއީ ދާއިރާ އިސްލާހުކޮށް މިނިވަންކުރުމުގެ މަސައްކަތް ކުރަން،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ، ރައްޔިތުންނަށް ހިތްހަމަ ޖެހުމުގެ ނޭވާ އެއް ލެވޭނެ އެއް ކަމަކަށް ވާނީ ޝަރުއީ ދާއިރާއަށް ހަގީގީ މިނިވަންކަން ލިބި، ސަރުކާރުގެ ނުފޫޒު ނުފޯރާނެކަން ޔަގީންވުން ކަމަށެވެ. އެކަމަށްޓަކައި ޖޭއެސްސީ ސިޔާސީ ނުފޫޒުން އެއްކިބާވެފައި އޮތުން ވަރަށް މުހިންމު ކަމަށާއި، އެ ގޮތަށް އެކަން ގެންދެވޭތޯ މަސައްކަތް ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ޖޭއެސްސީ މިނިވަންކުރުމަކީ ނިމިގެން މިދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ވެސް ފުރަތަމަ 100 ދުވަހުގެ ވައުދެކެވެ. އެކަމަކު، ފަސް އަހަރުގެ ދައުރަކަށްފަހު ސަރުކާރު ނިމިގެންދާއިރު އެ މަސައްކަތް މިހާތަނަށް ކުރެވިފައެއް ނުވެ އެވެ. ޖޭއެސްސީގައި ސިޔާސީ މީހުން ނުތިބޭ ގޮތަށް މިދިޔަ އަހަރު މަޖިލީހަށް ހުށަހެޅުއްވި ބިލު ވަނީ ސަރުކާރުގެ މެޖޯރިޓީ އޮތް އެ މަޖިލީހުން ބޭރުކޮށްލާފަ އެވެ.
އޭގެފަހުން، ޖޭއެސްސީ އެކުލެވިގެންވާގޮތް އިސްލާހުކުރަން އާންމު ރައްޔިތުންގެ ހިޔާލު ހޯދުމަށް އެ އަހަރުގެ ޑިސެމްބަރު މަސްތެރޭ ހުޅުވާލި ސުވާލު ކަރުދާހުގެ ނަތީޖާއިން ދެއްކި ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ބަންޑާރަނައިބު އަދި ސިވިލްސާވިސްގެ ރައީސް ޖޭއެސްސީގައި ހިމަނަން ރައްޔިތުން ބޭނުމެއް ނުވެ އެވެ. އެޔަށްފަހު މިދިޔަ ޖޫން މަހު ސަރުކާރުގެ ފަރާތުން އެކަމާ ގުޅޭ ބިލު ވަނީ މަޖިލީހަށް އަލުން ހުށަހަޅާފަ އެވެ.
ޖޭއެސްސީ މިހާރު އެކުލެވިފައިވާ ގޮތް:
- ރައްޔިތުންގެ މަޖިލީހުގެ ރައީސް
- ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެންބަރެއް
- އެޓާނީ ޖެނެރަލް
- މަޖިލީހުގެ މެންބަރުންގެތެރެއިން ކަނޑައަޅާ މެންބަރެއް
- އާންމުންގެތެރެއިން މަޖިލީހުން ކަނޑައަޅާ މެންބަރެއް
- ވަކީލުންގެތެރެއިން އިންތިހާބުކުރާ ވަކީލެއް
- ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުން އިންތިހާބުކުރާ ފަނޑިޔާރެއް (އުއްތަމަ ފަނޑިޔާރު ފިޔަވައި)
- ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުން އިންތިހާބުކުރާ ފަނޑިޔާރެއް
- ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން އިންތިހާބުކުރާ ފަނޑިޔާރެއް