ސްޓެލްކޯގެ އޮފިޝަލަކު "ސީއެންއެމް" އަށް މިއަދު ވިދާޅުވެފައިވަނީ އުތުރު ހުޅުމާލޭން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވަނީ އާތް ފޯލްޓެއްވެ ކަރަންޓު ކޭބަލަކަށް ލިބުނު ގެއްލުމަކާ ގުޅިގެން ކަމަށެވެ.
ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ސަރަހައްދުތަކުގެ ތެރެއިން އެ ހިދުމަތް ދެވެން ހުރި ތަންތަނަށް އަލުން ކަރަންޓު ދެމުން އަންނަ ކަމަށާއި ގެއްލުން ލިބުނު ކޭބަލް ރިޕެއާ ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އޭރު އޭނާ ވިދާޅުވިއެވެ.
ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން އުތުރު ހުޅުމާލޭން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށް ސްޓެލްކޯއިން ބުނެފައިވަނީ މިއަދު މެންދުރު 1:45 ހާއިރުއެވެ.
ކަރަންޓު ކެނޑުމުގެ ސަބަބުން އެ ސަރަހައްދުތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ދިމާވި ދަތިތަކަށް ސްޓެލްކޯއިން ވަނީ މާފަށް އެދިފައެވެ.