
އެމްޕީއެލުން ބުނީ އުމުރުން 13 އަހަރާއި 18 އަހަރާ ދެމެދުގެ ސްކޫލް ދަރިވަރުންނަށް އަމާޒު ކޮށްގެން ބޭއްވި މި ޕޯޓް އޯޕަން ޑޭގައި 100 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވި ކަމަށެވެ. އޯޕަން ޑޭގައި މާލެ އާއި އަތޮޅުތެރޭގެ ބައެއް ސްކޫލުތަކުގެ ދަރިވަރުން ބައިވެރިވި ކަމަށް އެ ކުންފުނިން ބުނެއެވެ.
އޭގެ ތެރޭގައި މާލޭގެ ހުރަވީ ސްކޫލާއި އިމާދުއްދީން ސްކޫލާއި ކަލާފާން ސްކޫލާއި ތާޖުއްދީން ސްކޫލާއި ހުޅުމާލޭގެ ސަލާހުއްދީން ސްކޫލާއި ހުވަދޫ ސްކޫލާއި ބ. އަތޮޅު ތައުލީމީ މަރުކަޒާއި ނ. ހެނބަދޫ ސްކޫލުގެ އިތުރުން ރ. އިނގުރައިދޫ ސްކޫލުގެ ދަރިވަރުން ހިމެނެއެވެ.
ޕޯޓް އޯޕަން ޑޭގެ ސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ. އެ ސެޝަންތަކުގެ ތެރެއިން ޕޯޓުގެ އެކި ދާއިރާތަކުގެ މައުލޫމާތުތައް ހިއްސާކުރުމާ އެކު، ޕޯޓުގެ އަމަލީ މަސައްކަތްތައް ބަލާލުމަށް ސްކޫލުތަކުގެ ދަރިވަރުން ވަނީ މާލޭ ވިޔަފާރި ބަނދަރަށް ޒިޔާރަތްކޮށްފައެވެ.
މި އޯޕަން ޑޭގައި ސޭފްޓީ އެންޑް ސެކިއުރިޓީ ޑްރިލްއަކާއި ޕޯޓުގައި ގެންގުޅޭ މެޝިންތައް ބޭނުންކުރާ ގޮތް ދަރިވަރުންނަށް ދައްކާލާފައިވެއެވެ. އަދި ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލަށް އެ ދަރިވަރުން ވަނީ ގެންގޮސްފައެވެ.
އެމްޕީއެލުން ބުނެފައިވަނީ މި އޯޕަން ޑޭގެ ބޭނުމަކީ ޕޯޓުގެ ދާއިރާގައި މަސައްކަތް ކުރުމަށް ދަރިވަރުންގެ މެދުގައި ޝައުގުވެރިކަން އިތުރުކޮށް ދާއިރާގައި ކުރިއަށް ދެވެން ހުރި ކެރިއަތަކުގެ މައުލޫމާތު ހިއްސާ ކުރުން ކަމަށެވެ. އޭގެ އިތުރުން އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތްތަކުގެ މައުލޫމާތުތައް ފޯރުކޮށްދިނުމާ އެކު ޕޯޓުގެ ދާއިރާގެ ހޭލުންތެރިކަން އިތުރުކޮށް، ކުންފުނީގެ ސްޓޭކް ހޯލްޑަރުންނާ އޮތް ގުޅުން އިތުރަށް ވަރުގަދަކުރުން ހިމެނޭ ކަމަށް އެމްޕީއެލުން ބުނެއެވެ.
ޕޯޓް އޯޕަން ޑޭގައި ބައިވެރިވި ދަރިވަރުންގެ މެދުގައި ނެގުނު ގުރުއަތަކުން ހޮވުނު ތިން ދަރިވަރަކަށް އެ ކުންފުނީގެ ފަރާތުން ވަނީ ލެޕްޓޮޕް ހަދިޔާކޮށްފައެވެ.