ads
ރައީސް ސޯލިހު ސައުދީއަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން: ވީއައިއޭ ނިންމަން ސައުދީން 100 މިލިއަން ޑޮލަރު ދިނުމަށް ވަނީ އެއްބަސްވެފައި - ފޮޓޯ:ރައީސް އޮފީސް
ވީއައިއޭ ނިންމަން ސައުދީން 100 މިލިއަން ޑޮލަރު ދިނުމަށް އެއްބަސްވެއްޖެ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ތަރައްގީ ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެދިވަޑައިގަތުމަކަށް، ސައުދީ އަރަބިއްޔާއިން ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް އެއްބަސްވެއްޖެއެވެ.

ސައުދީ އަރަބިއްޔާއިން ރާއްޖެއަށް 150 މިލިއަން ޑޮލަރުގެ އެހީ ދީފައިވަނީ ވީއައިއޭ ތަރައްގީ ކުރުމަށާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ހޮސްޕިޓަލުތަކެއް އެޅުމަށް ރައީސް ސޯލިހުގެ އެދިވަޑައިގަތުމަކަށެވެ.

ރައީސް ސޯލިހު މިދިޔަ އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ސައުދީއަށް ވަޑައިގެން އެ ގައުމުގެ ވިޔަފާރި އާ ބެހޭ މިނިސްޓަރާ ބޭއްވި ބައްދަލުކުރެއްވުމުގައި ކުރެއްވެވި މަޝްވަރާތަކަށްފަހު ހަމަޖެހުނު މި އެހީގެ ތެރެއިން 100 މިލިއަން ޑޮލަރަކީ ސައުދީގެ ބިން ލާދިން ގްރޫޕުން ތަރައްގީކުރާ ވީއައިއޭގެ މަސައްކަތްތަކަށް ކުރުމަށް ހަމަޖެހުނު ހޭދައެކެވެ. މި އެހީ ހަމަޖައްސައިދިނުމަށް ރާއްޖެއަށް އެހީވެދޭ އަރަބި ކޯޑިނޭޝަން ގްރޫޕުން ވަނީ މަސައްކަތްކޮށްދީފައެވެ. އެހީގެ ބާކީ 50 މިލިއަން ޑޮލަރަކީ ސިއްހީ ދާއިރާއަށް ދީފައިވާ އެހީއެކެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެއާޕޯޓު ޓާމިނަލް ޕްރޮޖެކްޓު ބިން ލާދިން ގްރޫޕާ 2016 ވަނަ އަހަރު ހަވާލުކޮށްގެން ފެށީ ހަތަރު އަހަރުން ނިންމާ ގޮތަށް 300 މިލިއަން ޑޮލަރަށެވެ. އެހެންނަމަވެސް އެ މުއްދަތުގެ ތެރޭގައި ޕްރޮޖެކްޓުގެ މަސައްކަތް ނިމޭ ގޮތް ނުވުމުން އަގު ބޮޑުވެ، ސަރުކާރުން ވަނީ 2021 ވަނަ އަހަރު ކުވޭތު ފަންޑުން 48.8 މިލިއަން ޑޮލަރުގެ ލޯނެއް ނަގާފައެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި މަޝްރޫއަށް މިހާތަނަށް ސައޫދީ ފަންޑުން 99.8 މިލިއަން ޑޮލަރާއި ކުވޭތު ފަންޑުން 97.6 މިލިއަން ޑޮލަރާއި އޯޕެކް ފަންޑުން 50 މިލިއަން ޑޮލަރުގެ އިތުރުން އަބޫ ދާބީ ފަންޑުން 50 މިލިއަން ޑޮލަރު ސަރުކާރުން ވަނީ ނަގާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް