ads
އާރުޓީއެލް އަތޮޅުތެރޭގެ ބަހުގެ ހިދުމަތުގައި މާސްޓަކާޑާއި ވިސާ ކާޑު ބޭނުންކޮށް ފައިސާ ދެއްކޭނެ ގޮތް އެމްޓީސީސީން ވަނީ ހަދާފައި - ފޮޓޯ:އެމްޓީސީސީ
އަތޮޅުތެރޭގައި ބަހަށް މާސްޓަކާޑާއި ވިސާ ކާޑުން މިހާރު ފައިސާ ދެއްކޭނެ
ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) އަތޮޅުތެރޭގެ އާންމު ބަހުގެ ހިދުމަތުގައި ކޮންޓެކްޓްލެސް މާސްޓަކާޑު އަދި ވިސާ ކާޑު ބޭނުންކޮށްގެން ފައިސާ ދެއްކޭނެ އިންތިޒާމް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހަމަޖައްސައިފިއެވެ.

އެމްޓީސީސީން ބުނީ އައްޑޫ ސިޓ،ީ ފުވައްމުލައް ސިޓީ، ކުޅުދުއްފުށި ސިޓީ، ހއ.ދިއްދޫ، ލ. ގަން، ލ. ފުނަދޫގެ އިތުރުން ލ. އިސްދޫ/ކަލައިދޫގައި ދެމުން އަންނަ އާރުޓީއެލް ބަސް ހިދުމަތަށް މާސްޓަކާޑު އަދި ވިސާ ކޮންޓެކްޓްލެސް ކާޑު ބޭނުންކޮށްގެން ފައިސާ ދެއްކޭނެ އިންތިޒާމް މިއަދުން ފެށިގެން ހަމަޖެހިފައިވާ ކަމަށެވެ. ހަމައެގޮތަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަދި އެހެނިހެން ބޭންކުތަކުން ދޫކޮށްފައިވާ މާސްޓަ ކާޑު ނުވަތަ ވިސާ ކާޑެއްކަމުގައި ވީނަމަވެސް، އެ ކާޑަކީ ކޮންޓެކްޓްލެސް ޑެބިޓް އަދި ކްރެޑިޓް އީއެމްވީ ކާޑެއް ނަމަ، އެ ކާޑު މެދުވެރިކޮށް އާރުޓީއެލް އަތޮޅުތެރޭގެ އާންމު ބަހުގެ ހިދުމަތުގެ ޓިކެޓް ގަނެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

އާރުޓީއެލްގެ ދަށުން އަތޮޅުތެރޭގައި ދެމުންގެންދާ އާންމު ބަހުގެ ހިދުމަތުގައި "ފިކްސްޑް ފެއަ" ރޫޓާއި "ޑިސްޓެންސް ފެއަ" ރޫޓު ހިމެނެއެވެ. އެގޮތުން "ފިކްސްޑް ފެއަ" ރޫޓުގައި މުޅި ރޫޓަށް ކަނޑައަޅާފައިވަނީ އެއް އަގެކެވެ. އެ ރޫޓުން ދަތުރު ކުރާއިރު ކަސްޓަމަރުން ޓިކެޓް ވެލިޑޭޓަރުގައި ޓެޕް ކުރަން ޖެހޭނީ ބަހަށް އަރާއިރު އެކަންޏެވެ.

"ޑިސްޓެންސް ފެއަ" ރޫޓުގައި އަގު ކަނޑައަޅާފައިވާނީ އެ ރޫޓުގައި ދަތުރުކުރާ ދުރުމިނަށް ބިނާކޮށެވެ. އެ ރޫޓުގައި ދަތުރުކުރާ ކަސްޓަމަރުން ބަހަށް އަރާއިރު "ޓެޕް އިން" ކުރާ ފަދައިން ބަހުން ފައިބާއިރު "ޓެޕް އައުޓް" ވެސް ކުރަން ޖެހެއެވެ. އެމްޓީސީސީން ބުނެފައިވަނީ "ޑިސްޓެންސް ފެއަ" ރޫޓެއްގައި ދަތުރު ކުރާއިރު "ޓެޕް އައުޓް" ކުރަން ހަނދާން ނެތިއްޖެނަމަ އެ ރޫޓަށް ކަނޑައަޅާފައިވާ ޖުމްލަ އަގު ކެނޑޭނެ ކަމަށެވެ.

އާރުޓީއެލް ބަހުގެ ހިދުމަތް 65 އަހަރުން މަތީގެ މީހުންނަށާއި ތިން އަހަރުން ދަށުގެ ކުޑަކުދިންނަށް އައިޑީ ކާޑު ދެއްކުމުން ހިލޭ ލިބޭނެއެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން (އެންސްޕާ) އިން ދީފައިވާ ކާޑު ދެއްކުމުން ހިލޭ ދަތުރު ކުރެވޭނެއެވެ. އޭގެ އިތުރުން ޔުނިފޯމްގައި ތިބޭ ސްކޫލް ކުދިންނަށާއި ކޮލެޖް ޔުނިވަސިޓީގައި ކިޔަވާ ދަރިވަރުންނަށް ސްޓޫޑެންޓް ކާޑު ދެއްކުމުން ބަހުގައި ހިލޭ ދަތުރު ކުރެވޭނެއެވެ.

އާރުޓީއެލް އަތޮޅުތެރޭގެ އާންމު ބަހުގެ ހިދުމަތުގެ ރޫޓް މެޕް އާރުޓީއެލް ވެބްސައިޓް އަދި ޓްރެވަލް އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ބައްލަވާލެވެން ހުންނާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. އެ ކުންފުނިން ބުނި ގޮތުގައި އާރުޓީއެލް އަތޮޅުތެރޭ އާންމު ބަހުގެ ހިދުމަތް ފެށިގެން މި ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި ކަސްޓަމަރުންގެ ފަރާތުންނާއި އަތޮޅުތެރޭގައި ދިރިއުޅޭ ރައްޔިތުންގެ ފަރާތުން ލިބުނު ބޮޑު ތަރުހީބާއި އެއްބާރުލުމަށް ޝުކުރު އަދާ ކުރާ ކަމުގައެވެ.

ރާއްޖޭގައި ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން އެ ކުންފުނީގެ މަގުސަދަކީ އެކަށީގެންވާ އަގެއްގައި ފެންވަރު ރަނގަޅު އޯގާތެރި ހިދުމަތެއް ދިނުމުގެ އިތުރުން، އެންމެފަހުގެ އީޖާދީ ޓެކްނޮލޮޖީގެ ޒަރީޔާއިން ވީހާވެސް ލުއިފަސޭހަ އޮމާން ދަތުރުފަތުރުގެ ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއް ގޮތުގައި ދެމިތިބުން ކަމަށް އެމްޓީސީސީން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް