
އޭއެފްސީ ކަޕުގައި މާޒިޔާގެ އަވޭ ދެވަނަ މެޗަކީ އަންނަ އަންގާރަ ދުވަހު އޮޑިއްޝާ އެފްސީއާ ދެކޮޅަށް ކުޅޭ މެޗެވެ. މި މެޗު ކުޅޭނީ އަންގާރަ ދުވަހު ކަލިންގާ ސްޓޭޑިއަމްގައެވެ. 15000 މީހުންގެ ޖާގައިގެ މި ސްޓޭޑިއަމްއަކީ، އޮޑިއްޝާ އެފްސީގެ ހޯމް ދަނޑެވެ. މެޗު ފެށޭނީ ރާއްޖޭ ގަޑިން ހަވީރު 5 ޖަހާއިރުއެވެ.
އަވޭ ދެވަނަ މެޗަށް މާޒިޔާ މިއަދު ފުރިއިރު، އޭއެފްސީ ކަޕްގައި އިންޑިޔާގެ ގަދަ ބާރު، މޯހަން ބަގާން އަތުން އަވޭގެ ފުރަތަމަ މެޗުގައި މާޒިޔާ ބަލިވީ ހިތްދަތި ގޮތަކަށް މެޗުގެ ފަހު ވަގުތުގައެވެ. ކަލްކަތާގެ ސޯލްޓް ލޭކް ސްޓޭޑިއަމްގައި މާޒިޔާ އަވޭ ފުރަތަމަ މެޗުން ބަލިވީ ދެ ލަނޑު އެއް ލަނޑުންނެވެ. މާޒިޔާ ބަލިވި ލަނޑު އެ ޓީމު ކޮޅަށް ލަނޑުވަނީ މެޗުގެ އިތުރު ވަގުތުގެ ތެރޭގައެވެ. މިއާއެކު ވިދިވިގެން ތިން އަހަރު، މޯހަން ބަގާން އަތުން މާޒިޔާ ބަލިވީއެވެ.
މާޒިޔާވަނީ އޭއެފްސީ ކަޕުގައި ހޯމްގައި ކުޅުނު މެޗުން މާލޭގައި މޮޅުވެފައެވެ. އެއީ ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝަންދުރާ ކިންގްސް އަތުންނެވެ. އޮޑިއްޝާވަނީ އެ ޓީމުން ކުޅުނު ދެ މެޗުންވެސް ބަލިވެފައެވެ. އެއީ މޯހަން ބަގާން އަތުން އަދި ބަޝަންދުރާ އަތުންނެވެ.