ފުލުހުން ބުނީ އެ ހާދިސާ ތަހުގީގު ކުރުމަށް އެ އަތޮޅު ކުޅުދުއްފުށި ސިޓީން ފޮރެންސިކް ޓީމަކާއި ތަހުގީގު ޓީމެއް މަކުނުދޫގައި މިހާރު ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ.
މަކުނުދޫގައި ގޮވާފައިވަނީ އެ ރަށު މަސް މާރުކޭޓު ކައިރީގައި އޮތް ސިލިންޑަރެއް ކަމަށް އެ އިދާރާއިން ބެލި ބެލުމުން އެނގިފައިވާ ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފަ އެވެ.
ފުލުހުން ބުނެފައިވަނީ މި ހާދިސާގައި މަރުވެފައިވަނީ މަކުނުދޫ އެއާޕޯޓު ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދާ ކުންފުނީގެ ދެ މުވައްޒަފުން ކަމަށެވެ. އެއީ ބިދޭސީ ދެ ފިރެހެނުން ކަމަށް އެ އިދާރާއިން ބުނެ އެވެ.
މަކުނުދޫން މައުލޫމާތު ލިބުނު ގޮތުގައި މި ހާދިސާގައި މަރުވީ އިންޑިއާއަށް ނިސްބަތްވާ ދެ މީހުން ނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން އެ ދެ މީހުންގެ ހަށިގަނޑުގެ ބައިތައް 200 ވަރަކަށް ފޫޓު ދުރަށް ވިއްސައިގެން ގޮސް، މީހުން ވަކި ނުވާ ވަރަށް ވަނީ ޗިސްޗިސްވެފައެވެ. މި ހާދިސާގައި އެ ސަރަހައްދުގައި ހުރި ސައިކަލުތަކަށް ގެއްލުން ލިބި، އެ ރަށު ފަޅުގައި އަޅާފައި ހުރި ބައެއް ދޯނިތަކުގެ ބިއްލޫރިތައް ވެސް ވަނީ ތަޅައިގެން ގޮސްފައެވެ.