ads
މަކުނުދޫގައި އެއާޕޯޓު އަޅަން ނިންމާފައިވާ ސަރަހައްދުގެ ކުރެހުމެއް: އެއާޕޯޓު ބިން ހިއްކުމުގެ މަސައްކަތް ވަގުތީގޮތުން ވަނީ މެދުކަނޑާލާފައި.
މަކުނުދޫ އެއާޕޯޓު ބިން ހިއްކުމުގެ މަސައްކަތް ވަގުތީގޮތުން މެދުކަނޑާލައިފި
ހދ. މަކުނުދޫގައި އެއާޕޯޓު އަޅަން ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ވަގުތީގޮތުން މެދުކަނޑާލައިފި އެވެ.

އެއާޕޯޓުގެ މަސައްކަތް މެދުކަނޑާލާފައިވަނީ އިއްޔެ ގޭސް ސިލިންޑަރެއް ގޮވައި ދެ މީހަކު މަރުވެ، އެ ސަރަހައްދުގައި ހުރި ބައެއް ތަކެއްޗަށާއި އުޅަނދުތަކަށް ލިބުނު ގެއްލުންތައް ތަހުގީގުކުރަމުން އަންނާތީއެވެ.
މަކުނުދޫ ބަނދަރުމަތީގައި ހުންނަ މަސް މާރުކޭޓު ކައިރީގައި އޮތް ގޭސް ސިލިންޑަރެއް ގޮވައި ދެ މީހަކު މަރުވެފައިވާތީ އެ މައްސަލަ ތަހުގީގުކުރުމަށް ފުލުހުންނާއި ސިފައިންގެ ހާއްސަ ޓީމަކުން އަންނަނީ އެ ރަށުގައި ހަރަކާތްތެރިވަމުންނެވެ.
އެ ހާދިސާގައި މަރުވި އިންޑިއާގެ ދެ ރައްޔިތުންނަކީ މަކުނުދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަ ބައިސަން މޯލްޑިވްސްއަށް ނިސްބަތްވާ ދެ މުވައްޒަފުންނެވެ.

މަކުނުދޫ ކައުންސިލުގެ ރައީސް އައުޒަމް އާދަމް ވިދާޅުވެފައިވަނީ އެ ރަށުގައި އިއްޔެ ހިނގި ނުރައްކާތެރި ހާދިސާ އާ ގުޅިގެން ތަހުގީގު ކުރިއަށްދާތީ މި ވަގުތަށް ބިން ހިއްކުމުގެ މަސައްކަތް މަޑުޖައްސާލުމަށް އެ ކައުންސިލުން އަންގާފައިވާނެ ކަމަށެވެ. ހާދިސާގައި މަރުވީ ބިދޭސީން ކަމަށް ވީނަމަވެސް އިންސާނިއްޔަތުކަން ހުންނަންވާނެކަން ފާހަގަކުރައްވާ އައުޒަމް ވިދާޅުވެފައިވަނީ މި ދަނޑިވަޅުގައި އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމަށް އަމަލީގޮތުން އެއްވެސް މަސައްކަތެއް ނުކުރާނެ ކަމަށެވެ.

މަކުނުދޫގައި އެއާޕޯޓު އަޅަން ބޭނުންވާ ބިން ހިއްކުމާއި އެ ރަށު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް މި އަހަރުގެ ޖޫން 22 ވަނަ ދުވަހު ހަވާލުކޮށްފައިވަނީ ބިގްފިޝް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށެވެ. ޕްލޭނިން މިނިސްޓްރީން އެ ކުންފުންޏަށް މަސައްކަތް ހަވާލުކޮށްފައިވަނީ 246 މިލިއަން ރުފިޔާއަށް 366 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. މި މަސައްކަތް ސަބް ކޮންޓްރެކްޓަރެއްގެ ގޮތުގައި ކުރަމުން އަންނަނީ ބައިސަން މޯލްޑިވްސްއިންނެވެ. 

33%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް