
އާބަންކޯއިން މިއަދު ބުނީ ދިގު މުއްދަތަށް ބަހާލައިގެން ވިނަރެސް ފްލެޓުތަކަށް ކުލި ދައްކާ ފަރާތްތަކަށް ކަނޑައެޅިފައިވާ އިންޓްރެސްޓް ރޭޓް ނުވަ އިންސައްތައިން ހަ އިންސައްތައަށް ކުޑަކޮށްފައިވާ ކަމަށެވެ.
މި ކަމުގެ ސަބަބުން ދިގު މުއްދަތަށް ބަހާލައިގެން ކުލި ދައްކާ ފަރާތްތަކަށް ފައިސާ ދެއްކުމުގައި ލުއިވެގެންދާނެ ކަމަށް އާބަންކޯއިން ބުނެއެވެ. އާބަންކޯއިން ބުނެފައިވަނީ މި ބަދަލު ގެނެވިފައިވަނީ ހަމައެކަނި ދިގު މުއްދަތަށް ބަހާލައިގެން ފައިސާ ދައްކާ ފަރާތްތަކަށް އެކަނި ކަމަށެވެ.
މާޅެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް އެ ކޯޕަރޭޝަނުން އިސްނަގައިގެން ގިނަ މަސައްކަތްތަކެއް މިހާރުވެސް އަންނަނީ ކުރަމުން ކަމަށް އާބަންކޯއިން ބުނެއެވެ.
އާބަންކޯއިން ބުނި ގޮތުގައި ހުޅުމާލޭގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން އެ ކޯޕަރޭޝަނުން ހިންގާފައިވާ ވިނަރެސް މަޝްރޫއުގައި މިހާތަނަށް 288 ފަރާތަކާ އެކު އެގްރިމެންޓްގައި ސޮއިކޮށްފައިވާ ކަމުގައެވެ.