މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ޑިމޮކްރެޓްސްގެ ވަގުތީ ކައުންސިލުން މިއަދު ބޭއްވި ބައްދަލުވުމަށްފަހު، އެ ޕާޓީގެ ވަގުތީ ޗެއާޕާސަން ހަސަން ލަތީފު ވަނީ ކައުންސިލުގެ ނިންމުންތައް ހާމަކުރައްވާފަ އެވެ.
ހ. މައިޒާންދޮށުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަސަން ވިދާޅުވީ ވަގުތީ ކައުންސިލުން މިއަދު ނިންމީ މައިގަނޑު ތިން ނިންމުމެއް ކަމަށެވެ.
އެގޮތުން މަޖިލީހުގެ މެންބަރުންގެ އަދަދު 76 ގައި ހިފެހެއްޓުމަށް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ގާނޫނު އަސާސީއަށް ހުށަހަޅުއްވާފައިވާ އިސްލާހާ ގުޅިގެން އެކަން ހާސިލުކުރަން އެ ޕާޓީން މަސައްކަތް ކުރުމަށް އިގުރާރުވި ކަމަށް ހަސަން ވިދާޅުވިއެވެ. އެހެންނަމަވެސް އެ އިސްލާހު ފާސްނުވެއްޖެ ނަމަ، އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައަޅާފައިވާ 93 ގޮނޑިއަށް ވާދަކުރުމަށް ކައުންސިލުން ނިންމާފައިވާ ކަމަށް ހަސަން ވިދާޅުވިއެވެ. ޑިމޮކްރެޓްސްގެ ކައުންސިލުގެ މެންބަރު މުހައްމަދު ޝިފާޒު ހުށަހެޅުއްވި އެ ގަރާރު ފާސްކޮށްފައިވަނީ އިންޓެރިމް ކައުންސިލުގެ ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.
ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ކަންވެސް ކުރައްވާ، ހަސަން ވިދާޅުވެފައިވަނީ ހުރިހާ ގޮނޑިއަކަށް ވާދަކުރަން ނިންމި ނަމަވެސް އިސްކަން ދޭނީ ގަރާރުގައިވާ ގޮތަށް އިލްޔާސް ހުށަހެޅި އިސްލާހު ފާސްކުރަން ކުރަން ޖެހޭ ކަންކަން ކުރުމަށް ކަމަށެވެ. ގާނޫނު އަސާސީގައި އޮތް ގޮތަށް އާބާދީގެ ނިސްބަތުން މަޖިލިސް ބޮޑުވަމުންދާ އުސޫލުން ގެންދަން ވަކާލާތު ކުރުމަކީ އެ ޕާޓީން ކަންބޮޑުވާ ކަމެއް ކަމަށް ހަސަން ވިދާޅުވި އެވެ.
ހަސަން ވިދާޅުވި ގޮތުގައި އެމްޑީޕީގެ ބައެއް މެންބަރުން އެކަމަށް ތާއީދުނުކުރެއްވުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމުގައެވެ. މީގެ ކުރިން އެ ޕާޓީންވެސް އެ ކަަމަށް ތާއީދުކުރި ކަމަށް އޭނާ ވިދާޅުވި އެވެ.
ޑިމޮކްރެޓްސްގެ ވަގުތީ ކައުންސިލުން ވަނީ ޕާޓީގެ ލެޖިސްލޭޓިވް އެޖެންޑާއެއް އޮންނަން ވާނެ ކަމަށާއި އެ އެޖެންޑާ އެކުލަވާލުމުގެ މަސައްކަތް ވީ އެންމެ އަވަހަކަށް ފެށުމަށްވެސް ވަނީ ނިންމާފަ އެވެ.