ads
ޑިމޮކްރެޓްސްއިން މިއަދު ބޭއްވި ވަގުތީ ކައުންސިލުގެ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ:ދަ ޑިމޮކްރެޓްސް
މަގާމަށްވުރެ މުހިންމީ ޕީއެންސީ ސަރުކާރުގެ ސިޔާސަތުތައް ބައްޓަންވުން: ޑިމޮކްރެޓްސް
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލާ ސަރުކާރުން ލިބޭ މަގާމުތަކަށްވުރެ މުހިންމީ އެ ޕާޓީން ގަބޫލުކުރާ މިންގަނޑުގެ ތެރޭގައި އާ ސަރުކާރުގެ ސިޔާސަތުތައް ބައްޓަންވުން ކަމަށް ދަ ޑިމޮކްރެޓްސްގެ ވަގުތީ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.

ހ. މައިޒާންދޮށުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަސަން ވިދާޅުވީ އަލަށް އެކުލަވާލާ ސަރުކާރުގައި ބައިވެރިވުމާ މެދު ކުރެވޭ މަޝްވަރާތައް އަދިވެސް ކުރިއަށްދާ ކަމަށެވެ. ޕީއެންސީގެ ސަރުކާރުގައި ޑިމޮކްރެޓުން ދެކެން ބޭނުންވާ ކަންކަން ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް އަބްދުﷲ އާ ބައްދަލުކޮށް ހިއްސާކޮށްފައިވާ ކަމަށް ހަސަން ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ ޑިމޮކްރެޓްސްއިން ބޭނުންވަނީ އެ ޕާޓީ ހިމެނޭ ސަރުކާރެއް ކަމަށްވާ ނަމަ، ޕާޓީން ބޭނުންވާ ސިޔާސަތުތަކެއް ރައީސް އާއި ސަރުކާރުން ހިންގުން ކަމަށެވެ. އެގޮތުން ފަރުދީ ތަނަވަސްކަމާއި އަބުރުވެރި ހަޔާތެއް ރައްޔިތުންނަށް ލިބޭނެ ގޮތް ހެދުމުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދާ އަދި ކޮރަޕްޝަނުގެ މައްސަލަތައް ބެލޭނެ ސިޔާސަތުތަކެއް ބައްޓަން ކުރުމަށް އެދި ކުރެވުނު މަޝްވަރާތަކުން ފެހި ސިގްނަލް ލިބިފައިވާ ކަމަށް ހަސަން ވިދާޅުވިއެވެ.

ހަސަން ވިދާޅުވެފައިވަނީ ސިޔާސަތު ތަންފީޒުކުރަން ސަރުކާރުގައި ހިމެނޭ ޕާޓީއެއްގެ ގޮތުން ބައިވެރިވާން ޖެހޭ ކަންކަން ހުންނާނެ ކަމަށެވެ. އެކި ލެވެލްތަކުގައި އެ ޕާޓީ ޝާމިލްވާނެ ކަމުގެ ޔަގީންކަން ޕީއެންސީން ދީފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެމްޑިޕީ ދެބައިވެގެން އުފެދުނު ޑިމޮކްރެޓްސްއިން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ތިންވަނަ ހޯދިއެވެ. ރިޔާސީ އިންތިހާބުގައި ކުރިއަށް ދާނެ ގޮތެއް ނިންމުމަށް ޑިމޮކްރެޓްސްގެ އިންޓެރިމް ކައުންސިލުުގެ ބައްދަލުވުމަކުން ފުރަތަމަ ނިންމާފައިވަނީ ދެވަނަ ބުރަށް ދިޔަ ކެންޑިޑޭޓުންގެ ތެރެއިން ކެންޑިޑޭޓަކަށް ތާއީދުކުރަން ނުވަތަ އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރަން ނިންމުމުގެ ކުރިން ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރުމަށެވެ. 

އެގޮތުން ވެެރިކަން ކުރާ އެމްޑީޕީ އަދި ވާދަވެެރި ޕީޕީއެމް އާއެކު މަޝްވަރާ ކުރުމަށް އަށް މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް އެ ޕާޓީން ވަނީ ނެގިއެވެ. އެގޮތުން ކުރެވުނު މަޝްވަރާތަކުގައި ކުރިއެރުންތަކެއް ނުލިބިވަނިކޮށް، އެފަހުން އެ ޕާޓީން ވަނީ އެމްޑީޕީއަށާއި ޕީޕީއެމްއަށް ހުށަހެޅުންތަކެއް ހުށަހަޅާފައެވެ. އެހެންނަމަވެސް، އެކަމުންވެސް އަލިމަގެއް ނުފެނުމުން ޑިމޮކްރެޓުންގެ އިންޓެރިމް ކައުންސިލުން ނިންމާފައިވަނީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރާ އެެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށެވެ. އެހެންނަމަވެސް ޑިމޮކްރެޓްސްގެ މެންބަރުން އަމިއްލަގޮތުން ޑރ. މުއިއްޒަށް ތާއީދުކުރިއެވެ. އިންތިހާބީ ރައީސް ޑރ. މުއިއްޒުވެސް ވަނީ ދެވަނަ ބުރުގައި ޑިމޮކްރެޓުންގެ އެހީތެރިކަން ލިބުނުކަން ފާހަގަކުރައްވާފައެވެ.

އަލަށް އުފެދޭ ސަރުކާރުގައި ޑިމޮކްރެޓުން ބައިވެރިވުމަށް ޕީއެންސީ އާއެކު މަޝްވަރާތައް ކުރަމުން އަންނައިރު، އާ ސަރުކާރުން ލިބޭ މިންވަރެއް ދެ ޕާޓީން ކުރެ ޕާޓީއަކުން އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް