މުއާމަލާތް ކުރުމުގެ އަހުލާގުގެ މައްޗަށް އަލިއަޅުވާލައި ހުކުރު ހުތުބާގައި ބުނީ މުސްލިމުންނަކީ ހިތްތިރި، މުއާމަލާތު ކުރުން ރީތި، މީސްތަކުންނަށް އެ މީހުންގެ ކަންތައްތައް ލުއިކޮށްދޭ، ސާދާ ބައެއް ކަމަށެވެ. އެ މީހުންނަކީ މީސްތަކުންނާ ގުޅިގެން އުޅޭ ބައެއް ކަމަށާއި މީސްތަކުން ދެކެ ލޯބިވާ އަދި މީސްތަކުން އެ ބަޔަކު ދެކެ ލޯބިވާ ބައެއް ކަމަށެވެ. މި ސިފަތަކުގެ ވެރިންނަށް މާތް ﷲ ނަރަކަ ހަރާމްކުރައްވާނެ ކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ.
މީސްތަކުންނާ އެކު ސުލްހަވެރި އަމާން ދިރިއުޅުމެއް އުޅެން ބޭނުންވާ މީހާ، މީސްތަކުންނަށް ހެޔޮ ފޯރުވަން ޖެހޭނެކަން ފާހަގަކޮށް ހުތުބާގައި ބުނެފައިވަނީ އެ މީހުންގެ ފުށުން ފެންނަ އިހުމާލުތަކަށް ކެތްތެރިވާން ޖެހޭނެ ކަމަށާއި އެ މީހުންގެ އައިބުތައް ވަންހަނާ ކުރަން ޖެހޭނެ ކަމަށެވެ. އެ މީހުންގެ ކުށް ހޯދައި، އެ މީހުން ބޭޒާރުކޮށްގެން ނުވާނެ ކަމަށެވެ. އެ މީހުންނަށް ފުރައްސާރަކޮށް، މަލާމާތްކޮށްގެން ނުވާނެ ކަމަށެވެ. އަދި އެ މީހުންގެ އަބުރަށް އަރައިގަނެގެން ނުވާނެ ކަމަށެވެ.
މިއަދުގެ ހުތުބާގައި ބުނި ގޮތުގައި މުއުމިނުންނަކީ ބަސްމަގު ރިވެތި، ހިތްސާފު މީހުން ކަމުގަ އެވެ. އެގޮތުން މީސްތަކުންނާ ވާހަކަދައްކާއިރު، އެކުވެރިކަން ދެމެހެއްޓޭ ގޮތަށް ރީތި ބަހުން ވާހަކަ ދެއްކުމަށާއި އެންމެ ރަނގަޅު އުސްލޫބުތައް ބޭނުން ކުރުމަށް ހުތުބާގައި ވަނީ ގޮވާލާފަ އެވެ.
ބަސްމަގަކީ ވާހަކަދެއްކުމުގެ ތެރެއިން ދަސްވާ އެއްޗެއް ކަމުން އާއިލާގެ ތެރޭގައި ރީތި ބަހުން ވާހަކަދައްކާ ނަމަ ދަރީން ރީތި ބަހުން ވާހަކަ ދައްކާނެ ކަަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ. ހުތުރު ބަހުން ވާހަކަ ދައްކާ ނަމަ ދަރިންނަށް ދަސްވާނީ އެ ބަހުރުވަކަން ފާހަގަކޮށް ބުނީ ބަސް މޮށުމުގައި ހުތުރު ބަސްތަކާ ދުރުހެލިވާން ޖެހޭނެ ކަމަށެވެ. ނެތިމޮށުމާއި އާޑަ ފުރައްސާރަ ކުރުމާއި މަލާމާތް ކުރުން ފަދަ ދުލުގެ އާފާތްތަކުން ދުރުހެލިވާން ވާނެ ކަމަށެވެ. ގޭތެރޭގައި އެކަކު އަނެކަކާ ޒުވާބުކޮށް، އަރާރުންވުމާ ދުރުހެލިވާން ވާނެ ކަމަށާއި ދަރީންނަށް ރިވެތި ބަސްމަގު ދަސްކޮށްދެވޭނީ މި މަންހަޖުގައި ހިފައިގެން ކަމަށެވެ.
މުސްލިމަކީ މުއާމަލާތު ކުރާއިރު، ވިސްނުންތެރިކަމާއި އިންސާފުވެރިކަމާ އެކު މުއާމަލާތް ކުރާ މީހާ ކަމަށެވެ. އޭނާއަކީ މީސްތަކުންނާ މުއާމަލާތު ކުރުމުގައި ހިތް ހަރުކަމާއި ހަރުކަށިކަމުން ދުރުހެލިވާ މީހާ ކަމަށް ވެސް ހުތުބާގައި ވަނީ ބުނެފަ އެވެ.
އިސްލާމްދީނަކީ ބިނާ ކުރުމުގެ ދީންކަން ފާހަގަކޮށް، ހުތުބާގައި ބުނި ގޮތުގައި އެ ދީން އަހަރެމެންނަށް ގޮވާލަނީ އިންސާނާ ބިނާ ކުރުމަށް ކަމަށެވެ. ވަތަން ބިނާ ކުރުމަށް ކަމަށެވެ. އެގޮތުން ތަޅައި ފޮޅުމާއި އަރާރުން ވުމާއި އެކަކު އަނެކަކަށް ފުރަގަސް ދިނުން އިސްލާމް ދީން މަނާ ކުރެއްވި ކަމަށެވެ. އެއްވެސް ގައުމަކަށް ކުރިއަށް ދެވޭނީ އެ ގައުމުގެ ރައްޔިތުންގެ ސަފުތައް އެކަތިގަނޑަކަށް ވެގެން ކަމަށާއި ތަރައްގީ އާއި ތަހުޒީބުގެ މައިދާނުގައި ކުރިއެރުން ހޯދޭނީ ރައްޔިތުންގެ މެދުގައިވާ ގުޅުންތައް ހަރުދަނާކޮށްގެން ކަމަށެވެ.
މިއަދުގެ ހުކުރު ހުތުބާގައި ބުނެފައިވަނީ އަހަރެމެންގެ ބިނާ ހަރުދަނާ ކުރެވޭނީ ލޯތްބާއި ކުލުނުން އެއްބަޔަކު އަނެއް ބަޔަކާ އެކު މުއާމަލާތުކޮށްގެން ކަމަށެވެ. މާތް ﷲ އަށް ކިޔަމަން ގަތުމުގެ އަސާސުގެ މަތީގައި ރައްޔިތުންނާއި ހާކިމާ އާ ދެމެދުގައިވާ ގުޅުން ބަދަހިކޮށް، ހާކިމާ ރައްޔިތުންގެ ހައްގުތައް އަދާކޮށްދިނުމަށްޓަކައި ހޭލާ ހުރެގެން ކަމަށާއި ރައްޔިތުން ހާކިމާއަށް ކިޔަމަން ގަތުމުގައި ދެމިތިބެގެން ކަމަށް ހުތުބާގައި ވަނީ ފާހަގަކޮށްފަ އެވެ.
ހުތުބާގައި ވަނީ އަހަރެމެންނަށް ލޯތްބާއި ކުލުނާއި އަޅާލުން ލިބޭނީ އެންމެންގެ ހިތް ސާފުވެގެން ކަމަށެވެ. ކޮންމެ މީހަކުވެސް އަނެކާ އާ މެދު ހިތްހެޔޮކޮށް، ޝައްކުތަކާއި ވަހުމްތަކާއި ދުރުވެގެން ކަމަށެވެ.
އަހަރެމެންގެ ދީން އަހަރެމެންނަށް ގޮވާލާ މަތިވެރި އަގުތަކުގެ ތެރޭގައި އެހެން މީހުންނަށް މުއާމަލާތު ކުރާއިރު، އެ މީހުންގެ ރައުޔަށާއި ހިޔާލަށް އިހުތިރާމް ކުރުން ހިމެނޭކަން ފާހަގަކޮށް ހުތުބާގައި ބުނީ އިސްލާމީ ޝަރީއަތް ހުއްދަކުރާ މިންގަނޑުގެ ތެރޭގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮންނަން ޖެހޭނެ ކަމަށެވެ. އޮފީހެއްގެ ވެރިއެއް ކަމުގައި ވިޔަސް، މުއްސަސާއެއްގެ ވެރިއެއް ކަމުގައި ވިޔަސް، މެނޭޖަރަކަށް ވިޔަސް، އޭނާގެ ދަށުގައި މަސައްކަތް ކުރާ މީހުންގެ ހިޔާލަށާއި ރައުޔަށް އިހުތިރާމް ކުރަން ޖެހޭނެ ކަމުގަ އެވެ. ތަނެއް ކުރިއަރާނީ، އެ ތަނެއްގެ އެންމެންގެ ލަފަޔާއި މަޝްވަރާ ހޯދައިގެން، ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ވެސް ހުތުބާގައި ވަނީ ބުނެފަ އެވެ.