އެ ކުންފުނީގެ މުހިންމު ލިޔެކިޔުންތަކެއް ނައްތާލަމުންދާ މަންޒަރު ފެންނަ ކަމަށް ތުހުމަތުކޮށް މީސްމީޑިއާގައި ވީޑިއޯއެއް ދައުރުވަމުންދާ ދިއުމާ ގުޅޭގޮތުން އެފްއެސްއެމުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ކުންފުނީގެ މުހިންމު އެއްވެސް ލިޔެކިޔުމެއް ނައްތާލާފައި ނުވާނެ ކަމަށެވެ.
އެފްއެސްއެމުން ބުނެފައިވަނީ މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯ އާ ގުޅިގެން ބަލަން ޖެހޭ ކަންކަން އިދާރީ ގޮތުން ބަލަމުން އަންނަ ކަމަށެވެ. ދައުލަތުގެ ކަމާ ބެހޭ އެއްވެސް އިދާރާއަކުން މައުލޫމާތެއް ސާފުކުރަން ބޭނުންވާ ނަމަ އެ ކުންފުނިން މަރުހަބާ ކިޔާނެ ކަަމަށް ވެސް އެފްއެސްއެމުން ވަނީ ބުނެފައެވެ.
މީސްމީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަނީ އެފްއެސްއެމްގެ މުވައްޒަފުންތަކެއް ސިމެންތި ގަށާ މެޝިނަކުން ގިނަ އަދަދެއްގެ ލިޔެކިޔުންތަކެއް ނައްތާލާ މަންޒަރެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އިންތިގާލީ މަރުހަލާގައި މިފަދަ ލިޔެކިޔުންތައް ނައްތާލުމަށް މަސައްކަތް ކުރަމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް، އެކަން ތަހުގީގު ކުރުމަށް ގޮވާލާފައެވެ.
އެ ކުންފުނީގެ މަސައްކަތްތައް ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކުރިއަށް ގެންގޮސްފައިވާ ނަމަ، އެހާ ގިނަ އަދަދެއްގެ ލިޔެކިޔުންތަކެއް ނައްތާލަން ޖެހޭ ސަބަބަކާ މެދު މީހުން ވަނީ ސުވާލު އުފައްދާފައެވެ.
ލިޔެކިޔުންތައް ނައްތާލާ ވީޑިއޯ ނަގާފައި ވަނީ އެ ކުންފުނީގެ ޓެކްނީޝަނެއް ކަމަށްވާ އަހުމަދު އަނީސެވެ. އެ ވީޑިއޯ މީސްމީޑިއާގައި އާންމުވުމާ ގުޅިގެން އޭނާ ވަނީ ސަސްޕެންޑުކޮށްފައެވެ.