
އެމްޓީސީސީން މިހެން ބުނެފައިމިވަނީ ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތުވާ 55 މިލިޔަން ޑޮލަރުގެ މަޝްރޫއުއެއްގައި އެމްޓީސީސީން ސޮއިކުރަން އުޅޭ ކަމަށް ބުނެ މީޑިއާއަކުން ރިޕޯޓުކޮށްފައިވާ ހަބަރެއް ދޮގުކޮށް ނެރެފައިވާ ބަޔާނެއްގަ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ އެ މަޝްރޫއުއަކީ ބައިނަލްއަޤުވާމީ ޕްރައިވެޓް އިންވެސްޓަރުން ރާއްޖެގައި ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ބޮޑެތި މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ މަޝްރޫއުއަކަށް ވެފައ،ި ވިޔަފާރި ކުންފުންޏެއްގެ ހައިސިއްޔަތުން މި މަޝްރޫއު ކާމިޔާބު ކުރުމަކީ މިވަގުތު ކުންފުނީގެ މުހިންމު އަމާޒެއް ކަމަށެވެ. އަދި މި މަޝްރޫޢުގެ ކްލައިންޓާއިއެކު މަޝްވަރާކުރަމުންދާ މިދަނޑިވަޅުގައި ކުންފުނީގެ ނަޒާހަތްތެރިކަމާއި މެދު ސުވާލު އުފެއްދުމުގެ މަޤުސަދުގައި މިފަދަ ހަޤީގަތާއި ޚިލާފު ދޮގު ޚަބަރު ފެތުރުމުގެ ސަބަބުން މި މަޝްރޫއު ކުންފުންޏަށް ގެއްލިދާނެ ކަމުގެ ބިރު ވަރަށް ބޮޑު ކަމަށް އެމްޓީސީސީން ބުނެ އެވެ.
މީގެ އިތުރުން މިވަގުތު މަޝްވަރާކުރަމުންދާ މިފަދަ އެހެން މަޝްރޫއުތަކާއި ކުރިއަށް ލިބޭނެ ކަމަށް ލަފާކޮށްފައިވާ މަޝްރޫޢުތަކަށްވެސް މިފަދަ ނޭދެވޭ އަމަލުތަކުގެ ސަބަބުން އެތައް ގެއްލުމެއް ކުރިމަތިވެ، ކުންފުނީގެ ހިއްސާދާރުން ކަމަށްވާ ދިވެހި ސަރުކާރާއި އާންމު ހިއްސާދާރުންނަށް ލިބޭނެކަމަށް ލަފާކުރި ނަފާ ގެއްލުމުގެ ފުރުސަތުވެސް މިހާރު އިތުރުވެފައިވާ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
ދިޔަރެސް ނޫހުގައި ބުނެފައިވާ މަޝްރޫއަކީ ބައިނަލްއަގުވާމީ ޕްރައިވެޓް އިންވެސްޓަރުން ރާއްޖޭގައި ކުރިއަށްގެންދިއުމަށް ރާވާފައިވާ ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ މަޝްރޫއެއްކަން ފާހަގަކޮށް އެމްޓީސީސީން ބުނީ ވިޔަފާރި ކުންފުންޏެއްގެ ހައިސިއްޔަތުން އެ މަޝްރޫއު ކާމިޔާބު ކުރުމަކީ މިވަގުތު ކުންފުނީގެ މުހިންމު އަމާޒެއް ކަމަށެވެ.
ނަމަވެސް، އެއީ ސީދާ ކޮން މަޝްރޫއެއް ކަމެއް އެމްޓީސީސީގެ ނޫސް ބަޔާނުގައި ހާމަކޮށްފައެއް ނުވެ އެވެ.