ads
ފިނޭންސް މިނިސްޓްރީ: - ފޮޓޯ:ރާއްޖެއެމްވީ
ސަޕްލިމަންޓްރީ ބަޖެޓު ތަފްސީލާ އެކު އަލުން ފޮނުވަން މަޖިލީހުން އަންގައިފި
ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވި ސަޕްލިމަންޓްރީ ބަޖެޓުގައި، މާލިއްޔަތު ގާނޫނުގައި ބަޔާންކުރާ ޝަރުތުތަށް ފުރިހަމަނުވާތީ، އެކަންކަން ފުރިހަމަކުރުމަށްފަހު އަލުން ހުށައެޅުމަށް ލިޔުމުން މަޖިލީހުގެ އިދާރާ އިން ފިނޭސް މިނިސްޓްރީ ގައި އެދިއްޖެ އެވެ.
Advertisement

މި މަހުގެ 18 ގައި ފިނޭންސުން ހުށަހެޅީ 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަކެޓެކެވެ. އެ ބަޖެޓް ބަލައި ނުގަނެ، ފޮނުވާލައި އަލުން ހުށަހަޅަން އެންގީ މާލިއްޔަތު ގާނޫނާ ހިލާފަށް ކަމަށް ބުނެ އެވެ. އެ ބަޖެޓްގައި ތަފުސީލުތައް ނުހިމަނައި ހުށަހަޅާފައިވާ ކަމަށް ބުނެ ކުރިން ވެސް އެކަން އިސްލާހު ކުރަން އެންގި އެވެ. ނަމަވެސް ދެވަނަ ފަހަރަށް ފޮނުވި އިރު، ތަފުސީލުތައް ހިމަނާފައި ނުވާ ކަމަށް މަޖިލީހުން ބުނެފައިވެ އެވެެ.

އެހެންވެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސޮއި ކުރައްވައި އިއްޔެ ފިނޭންސް މިނިސްޓްރީއަށް ފޮނުއްވި ސިޓީއެއްގައި ވަނީ މާލިއްޔަތު ގާނޫނުގައި ހިމެނޭ ހުރިހާ ތަފުސީލުތަކާ އެކު އަލުން އެ ބަޖެޓު މަޖިލީހަށް ހުށަހަޅަން އަންގައިފަ އެވެ. 

މައުލޫމާތު ލިބިފައިވާގޮތުގައި މިއީ ސަރުކާރުން ހުށައެޅުއްވި ސަޕްލިމަންޓްރީ ބަޖެޓުގެ ޝަރުތު ފުރިހަމަކުރުމަށް ފިނޭންސް މިނިސްޓްރީއަށް އެންގެވި ދެވަނަ ފަހަރެވެ. 

މަޖިލީހުން އެދުނު ހުރިހާ މައުލޫމާތެއް ހިމަނައި، ސަޕްލިމަންޓްރީ ބަޖެޓު މިއަދުގެ ވަގުތެއްގައި އަލުން މަޖިލީހަށް ފޮނުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

މާލިއްޔަތު ޤާނޫނުގައި ބަޔާންކުރާގޮތުގައި، ބަޖެޓަށް އިތުރަށް ބޭނުންވާ ފައިސާއެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް ނުވަތަ ސަޕްލިމަންޓްރީ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް އެދި ހުށައަޅާނަމަ ގާނޫނުގައި ބަޔާންކުރާގޮތަށް ބަޖެޓު ތައްޔާރުކުރުމަށްފަހު އެ ފައިސާއެއް ނުވަތަ އެބަޖެޓެއް ބޭނުންވާ ދުވަހެއްގެ އެއް މަސްދުވަސް ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށައަޅަންވާނެކަމަށެވެ.

އަދި އެ ހުށައަޅާ ބަޖެޓުގައި ދައުލަތުން ހިނގާނެކަމަށް ލަފާކުރާ ހަރަދާއި، ދައުލަތަށް ލިބޭނެކަމަށް ލަފާކުރާ އެއްޗެއްގެ ހިސާބާއި، އަދި ވޭތުވެދިޔަ މާލީ އަހަރު ދައުލަތުންހިނގި ހަރަދާއި، ދައުލަތަށް ލިބުނު އެއްޗެއްގެ ހިސާބު ހިމަނަންވާނެކަމަށް މާލިއްޔަތު ގާނޫނުގައިވެއެވެ. އަދި ރިކަރަންޓު ހަރަދާއި ކެޕިޓަލް ހަރަދުގެ ހުލާސާވެސް ބަޖެޓުގައި ހިމަނަންވާނެކަމަށް މާލިއްޔަތު ގާނޫނުގައި ބަޔާންކުރެއެވެ.

ސަޕްލިމެންޓްރީ ބަޖެޓުގައި ގާނޫނުތަކުގައި ބަޔާންކުރާ މައުލޫމާތުތައް ނުހިމެނޭ ކަން މަޖިލީހުގެ އިދާރާގެ ސަމާލުކަމަށް ގެނައީ މަޖިލީހުގެ މައިނޯރިޓީ ޕާޓީ ޑިމޮކްރެޓްސް އިންނެވެ.

އެގޮތުން މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ފިނޭންސް މިނިސްޓްރީން ސަޕްލިމެންޓްރީ ބަޖެޓު ފޮނުވި އިރު، މާލިއްޔަތު ގާނޫނުގައި ބަޔާންކުރާ ގޮތަށް މިދިޔަ އަހަރު ދައުލަތަށް ލިބުނު އާމްދަނީ އާއި ކުރި ހަރަދު ފަދަ މާލީ މައުލޫމާތުތައް ހިމަނާފައި ނުވާ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ހުށަހެޅީ ޖުމުލަ ރިކަރަންޓު ޚަރަދަށް 3.1 ބިލިއަން ރުފިޔާ އަދި، ކެޕިޓަލް ޚަރަދުގެ ގޮތުގައި 3.3 ބިލިއަން ރުފިޔާއެވެ.

ފިނޭންސް މިނިސްޓްރީން ރިކަރަންޓް ޚަރަދަށް އިތުރު ކުރަން ހުށަހެޅި ފައިސާގެ ތެރެއިން ސަބްސިޑީއަށް 1.8 ބިލިއަން ރުފިޔާ އިތުރަށް ޚަރަދު ކުރާނެއެވެ. އަދި، އާސަންދައަށް 1.2 ބިލިއަން ރުފިޔާ ވަނީ އިތުރަށް ކަނޑައަޅާފައެވެ. އާސަންދައަށް އިތުރު ކުރި 1.2 ބިލިއަން ރުފިޔާއާ އެކު އާސަންދައަށް ކުރާ ހޭދަ 2.3 ބިލިއަން ރުފިޔާއަށް އިތުރުވާނެއެވެ.

ކެޕިޓަލް ހަރަދު އިތުރު ކޮށްފައިވަނީ ޕީއެސްއައިޕީއަށް ކުރާ ހޭދަ އިތުރުވުމުންނެވެ. އަލަށް ބަޖެޓަށް އިތުރުކުރި ފައިސާގެ ތެރެއިން ޕީއެސްއައިޕީއަށް 1.7 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. ބަޖެޓަށް އިތުރުކުރި 6.5 ބިލިއަން ރުފިޔާއާ އެކު ދައުލަތުގެ ރިކަރަންޓް ހަރަދު 31.7 ބިލިއަން ރުފިޔާއަށް އިތުރުވާނެއެވެ.

ބަޖެޓަށް ހުށަހެޅި 6.5 ބިލިއަން ރުފިޔާއާ އެކު މި އަހަރު ދައުލަތުގެ ބަޖެޓު 49.3 ބިލިއަން ރުފިޔާއަށް އިތުރުވާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް