ދިވެހި ފުލުހުން ހިދުމަތުން ބުނީ އެމީހުންގެ ހަށިގަނޑު އިންޑިއާއަށް ފޮނުވާފައިވަނީ އިއްޔެ ކަމަށެވެ.
މައުލޫމާތު ލިބޭ ގޮތުން އެ މީހުންގެ ހަށިގަނޑު އިންޑިއާއަށް ފޮނުވާފައި ވަނީ އާއިލާއިން އެދުމުންނެވެ. ގޭސް ސިލިންޑަރުތަކެއް ގޮވުމުގެ ސަބަބުން އެމީހުންގެ ހަށިގަނޑަށް ވަރަށް ބޮޑެތި އަނިޔާތަކެއް ލިބުނެވެ.
މަކުނުދޫ ބަނދަރުމަތީގައި ހުންނަ މަސް މާރުކޭޓު ކައިރީގައި ހުރި ގޭސް ސިލިންޑަރުތައް ގޮވުމުގެ ސަބަބުން އެ ދެ މީހުންގެ ހަށިގަނޑުގެ ބައިތައް 200 ވަރަކަށް ފޫޓު ދުރަށް ވިއްސައިގެން ގޮސް، މީހުން ވަކި ނުވާ ވަރަށް ވަނީ ޗިސްޗިސްވެފަ އެވެ. މި ހާދިސާގައި އެ ސަރަހައްދުގައި ހުރި ސައިކަލުތަކަށް ގެއްލުން ލިބި، އެ ރަށު ފަޅުގައި އަޅާފައި ހުރި ބައެއް ދޯނިތަކުގެ ބިއްލޫރިތައް ވެސް ވަނީ ތަޅައިގެން ގޮސްފަ އެވެ.
އެ ހާދިސާގައި މަރުވެފައިވަނީ މަކުނުދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަ ބައިސަން މޯލްޑިވްސްއަށް ނިސްބަތްވާ ދެ މުވައްޒަފުންނެވެ. އިންޑިއާއަށް ނިސްބަތްވާ އެ ދެމީހުންނަކީ އުމުރުން 27 އަހަރުގެ މުހައްމަދު ރާޖާ އަންސާރީ އަދި އުމުރުން 25 އަހަރުގެ ސުދީރާ ސެތީ އެވެ.