
އާބަންކޯއިން މިއަދު ކުރި އިއުލާނެއްގައި ބުނީ ވިނަރެސް ފްލެޓްތައް ގަންނަން ހުށަހެޅި މީހުންގެ ތެރެއިން ހުރިހާ މަރުހަލާއެއް ނިންމާ ޝަރުތުހަމަވާ މީހުން ބެލުމަށް ފަހުވެސް ބާކީ ފްލެޓް ހުންނާނެކަމަށް އަންދާޒާ ކުރެވޭކަމަށެވެ.
އެހެންކަމުން 31 އޮގަސްޓުގެ ނިޔަލަށް މިހާރު ކުރިއަށްދާ މަރުހަލާތައް ނިމުމުން މާލީ ގާބިލްކަން ފުރިހަމަނުވާ ފަރާތްތަކާއި ޔުނިޓްތައް އިހުތިޔާރުކުރުމުގެ ފުރުސަތުދިނުމަށް ފަހުވެސް ހާޒިރުވެފައިވާ ފަރާތްތަކުގެ ފޯމް ބާތިލްކޮށް ނުވިކި ހުރި ފްލެޓްތައް ވިއްކަން ހުޅުވާލާނެކަމަށް އާބަންކޯއިން ބުނެއެވެ.
އާބަންކޯއިން ބުނީ ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ނުވިކި ހުރި ފްލެޓަށް އެދި ހުށަހެޅޭނެކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޗައިނާގެ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އިން އަޅަން ފެށި ފްލެޓުތައް ނިންމައި 20 ޖޫން 2022 ގައި އެޗްޑީސީ (މިހާރުގެ ނަން އާބަންކޯ) އާ ވަނީ ހަވާލުކޮށްފަ އެވެ.
ވިރަނެސް ފްލެޓްތަކުގެ ގޮތުގައި 1،344 ފްލެޓް ހިމެނޭ 13 ބުރީގެ 10 ޓަވަރު ވަނީ އިމާރާތް ކޮށްފަ އެވެ. އޭގެ ތެރެއިން ގުޅިފަޅުން ފްލެޓް ގަތް 140 ފަރާތަކަށް ވިނަރެސް ފްލެޓް ދޫކުރި އެވެ. އަދި ސީލައިފް އިން 123 މީހުންނަށް އަދި ހިޔާ އިން ފްލެޓް ދޫކޮށްލި 78 ފަރާތަކަށް ވެސް ވިނަރެސް އިން ވަނީ ފްލެޓް ލިބިފަ އެވެ. އެ ފަރާތްތަކަށް އާބަންކޯއިން މިހާރު އަންނަނީ ފްލެޓް ތަޅުގަނޑި ހަވާލު ކުރަމުންނެވެ.