އެމްއެމްއޭއިން އާންމުކޮށްފައިވާ ކުއާޓާލީ ބިޒްނަސް ސާވޭ ރިޕޯޓުގައިވާ ގޮތުގައި އަހަރުގެ ތިންވަނަ ކުއާޓަރުގައި ރާއްޖޭގެ އިގުތިސޯދުގައި ވަޒީފާ އުފެދުނު ނިސްބަތް ވަނީ އިތުރުވެފަ އެވެ.
އިގުތިސޯގައި މުހިންމު ހިއްސާއެއް އަދާކުރާ އެހެނިހެން ސިނާއަތްތަކާ އަޅާބަލާއިރު ތިންވަނަ ކުއާޓަރުގައި ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރާފައެއް ނުވެ އެވެ. ސަބަބަކީ މި ދުވަސްވަރަކީ ޓޫރިޒަމްގެ އޮފް ސީޒަން ކަމަށްވުމުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މަދުވުން ކަމަށް އެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ.
އެ ރިޕޯޓުގައި ބުނެފައިވަނީ ތިންވަނަ ކުއާޓަރުގައި ފަތުރުވެރިކަމުގެ ދާއިރާއަށް ކުރިއެރުން ނުލިބުނު ނަމަވެސް އަހަރުގެ ފަހު ކުއާޓަރުގައި އެ ދާއިރާއަށް ދިރުން ލިބޭނެ ކަމަށެވެ.
ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ފިނި މޫސުމުގެ ޗުއްޓީ އާއެކު އިތުރުވާނެތީ، ރިސޯޓުތަކުގެ ބުކިން އާއި ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭނެ ކަމަށް އަންދާޒާކުރާ އާމްދަނީ އިތުރުވާނެ ކަމަށް އެ ރިޕޯޓުގައި ވަނީ ލަފާކޮށްފަ އެވެ. އޭގެ އިތުރުން ރިސޯޓުތަކުގެ ކޮޓަރިތަކުގެ އަގު ވެސް ބޮޑުވާނެ ކަމަށާއި ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ މުވައްޒަފުންނަށް ލިބޭ އާމްދަނީ އިތުރުވާނެ ކަމަށް ލަފާކުރޭ ކަމަށް ވަނީ ބުނެފަ އެވެ. އަދި ހަތަރުވަނަ ކުއާޓަރުގައި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ވިޔަފާރިތައް ކުރިއަރާނެ ކަމަށްވެސް ލަފާކޮށްފައިވެ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު އަހަރުގެ މިހާތަނަށް 1.3 މިލިއަން ފަތުރުވެރިން ވަނީ އައިސްފަ އެވެ. ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމޭއިރު ރާއްޖެއަށް 1.9 މިލިއަން ފަތުރުވެރިން ގެނައުމެވެ.