އަސްލަމް މިހެން ވިދާޅުވެފައިވާއިރު، މާދަމާގެ ޖަލްސާގެ އެޖެންޑާއަށް މި އަހަރަށް ލަފާކުރާ ސަޕްލިމެންޓަރީ ބަޖެޓު ހުށަހެޅުމުގެ އިތުރުން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުން ވަނީ އެޖެންޑާކޮށްފަ އެވެ.
އަސްލަމް ވިދާޅުވެފައިވަނީ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ވަނީ ރައްޔިތުންގެ މަޖިލިހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުބާރުނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސް ބަޖެޓު ހުށަހެޅުން ނުވަތަ އެނޫން ކަމެއް ވިޔަސް މަޖިލިހުގައި ދެން ކުރިއަށް ނުގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އޭނާ ބޭނުންވެ ވަޑައިގެންނެވިޔަސް އަދި ބޭނުންވެ ވަޑައިނުގެންނެވި ނަމަވެސް އެކަން ބަދަލު ނުކުރެއްވޭނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވި ގޮތުގައި މާދަމާގެ ޖަލްސާގެ އެޖެންޑާ އާންމުކުރުމާ ގުޅިގެން މާދަމާގެ ޖަލްސާ ކުރިއަށް ގެންދިއުމަށް އެއްބާރުލުން ނުދެއްވާނެ ކަމަށް މަޖިލިހުގެ އަމީންއާންމަށް އަންގަވާފައިވާނެ ކަމުގަ އެވެ.
މި އަހަރުގެ ތިން ވަނަ ދައުރުގެ 15 ވަނަ ޖަލްސާގައި އިއްޔެ އާއި މިއަދު ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާކޮށްފަ އެވެ. ނަމަވެސް އީވާ އާލާސްކަންފުޅާ އުޅުއްވާތީ ދެ ދުވަހުވެސް މަޖިލިހަށް ސަލާން ފޮނުއްވުމާ ގުޅިގެން މި ދެ ދުވަހުގެ ޖަލްސާވެސް ބޭއްވޭ ގޮތް ވަނީ ނުވެފަ އެވެ.
ރައީސް ނަޝީދުގެ އިތުބާރުނެތް ކަމުގެ މައްސަލަ މިހާރު އެޖެންޑާކޮށްފައިވަނީ އަންނަ ބުދަ ދުވަހު ބާއްވާ ޖަލްސާ އަށެވެ.