ads
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް. -- ފޮޓޯ: އަވަސް
މާދަމާގެ ޖަލްސާގެ އެޖެންޑާގައި ނަޝީދުގެ މައްސަލަ ހިމަނަން އެދިއްޖެ
މާދަމާގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ ހިމަނަން ވެރިކަންކުރާ ޕާޓީ އެމްޑީޕީ އިން އެދިއްޖެ އެވެ.
Advertisement

އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާއަށް ފޮނުއްވި ސިޓީއެއްގައި ވަނީ މާދަމާގެ ޖަލްސާގެ އެޖެންޑާ އިސްލާހުކޮށް  މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ އެޖެންޑާގައި ހިމަނަން އެދިފައެވެ.

އަސްލަމް ފޮނުއްވި ސިޓީގައި ވަނީ މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްްސަލަ ވައްދާފައޮއްވާ 29 އަދި 30 އޮކްޓޯބަރު ވަނަ ދުވަހުގެ ޖަލްސާވެސް ކެންސެލްކޮށްފައިވާކަން މަޖިލީހުގެ އިދާރާއިން އަންގާފައިވާކަމަށާއި ނަޝީދުގެ މައްސަލަ ކުރިއަށް ނުދަނީސް 31 ވަަނަ ދުވަހުގެ ޖަލްސާގެ އެޖެންޑާ ފޮނުވާފައިވާއިރު އެ މައްސަލަ އެޖެންޑާގައި ހިމަނާފަނުވާކަން ފާހަގަކޮށްފަ އެވެ.

އަމީން އާންމު އަށް ފޮނުއްވި ސިޓީގައި އަސްލަމް ވަނީ މަޖިލީހުގެ ރައީސްގެ މައްސަލަ މާދަމާ އޮންނަ ޖަލްސާއަށް އެޖެންޑާކޮށްފަނުވާ ސަބަބުވެސް ސާފުކޮށްދޭން އެދިފައެވެ.

އަދި މާދަމާ އޮންނަ ޖަލްސާގެ އެޖެންޑާ އިސްލާހުކޮށް އެ މައްސަލަ އެޖެންޑާކުރަން އެދިފައިވެއެވެ.

މިއަދު މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު މިއަދު ވިދާޅުވެފައި ވަނީ އީވާ މާދަމައަށް ސަލާން ވިދާޅުވެފައިވާތީ، މާދަމާވެސް މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެކަން ޔަގީން ކުރެއްވޭ ކަމަށެވެ.

އެހެންކަމުން އެ މައްސަލަ މާދަމާގެ އެޖެންޑާގައި ނުހިމެނީ ކަމަށް ޒިޔާއު ވިދާޅުވި އެވެ. ޒިޔާއު ވިދާޅުވި ގޮތުގައި ބުދަ ދުވަހު ބާއްވާ ޖަލްސާއަށްވެސް އީވާ ސަލާން ވިދާޅުވެއްޖެނަމަ ރައީސް ނަޝީދުގެ އިތުބާރުނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމުގަ އެވެ.

އެހެންނަމަވެސް އަދި ސަލާން ވިދާޅުވެފައިނުވާތީ ބުދަ ދުވަހުގެ ޖަލްސާއަށް އެ މައްސަލަ އެޖެންޑާކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި އަހަރުގެ ތިން ވަނަ ދައުރުގެ 15 ވަނަ ޖަލްސާގައި އިއްޔެ އާއި މިއަދު ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާކޮށްފަ އެވެ. ނަމަވެސް އީވާ އާލާސްކަންފުޅާ އުޅުއްވާތީ ދެ ދުވަހުވެސް މަޖިލިހަށް ވަނީ ސަލާން ފޮނުއްވާފަ އެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް