
ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ 2024 ވަނަ އަހަރަށް ލަފާކުރާ ބަޖެޓު ރައްޔިތުންގެ މަޖިލިހަށް އިއްޔެ ހުށަހަޅާފައިވާ ކަމަށެވެ. ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ބަޖެޓާ ގުޅޭ ތަފުސީލުތައްވެސް މަޖިލިހަށް ފޮނުވާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ އަންނަ އަހަރަށް ހުށަހެޅި 49.5 ބިލިއަން ރުފިޔާގެ ބަޖެޓާ ގުޅޭ އިތުރު މައުލޫމާތުތައް މަޖިލިހަށް ބަޖެޓު ބަޔާނާ އެކު މީޑިއާ އަދި އާންމު ފަރުދުންނާ ހިއްސާކުރާނެ ކަމަށެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ފިނޭންސް މިނިސްޓްރީން ހުށަހެޅިއިރު، މި އަހަރަށް ބޭނުންވާ ސަޕްލިމެންޓަރީ ބަޖެޓު ވެސް ވަނީ މަޖިލިހަށް ހުށަހަޅާފަ އެވެ.
ރައްޔިތުންގެ މަޖިލިހުން މިއަދު އޮތީ ބަޖެޓު ހުށަހެޅުމުގެ ޖަލްސާ އެޖެންޑާކޮށްފަ އެވެ. އެހެންނަމަވެސް ބަންޑާރަ ނައިބުގެ ލަފާފުޅާ އެކު، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ބަޖެޓު ހުށަހެޅުމަށް މަޖިލީހަށް ވަޑައެއްނުގަންނަ އެވެ. މަޖިލިސް ގަވާއިދުގައިވާ ގޮތުގެ މަތިން ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހުގެ ކުރިން އެ އަހަރެއްގެ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލިހަށް ފިނޭންސް މިނިސްޓަރު ހުށަހަޅަން ޖެހެ އެވެ.