ads
އާބަންކޯގެ މައި އޮފީސް: ގަވާއިދުން ކުލި ދައްކައިގެން އުމްރާ ދަތުރެއް ހޯދަން ހުޅުވާލި ފުރުސަތުގައި ބައިވެރިވި ފަރާތްތަކުގެ މެދުގައި ގުރުއަތު ވަނީ ނަގާފައި - ފޮޓޯ:ސީއެންއެމް
އާބަންކޯއަށް ގަވާއިދުން ކުލި ދެއްކުމުން ގުރު ނަގާ އުމްރާ ދަތުރު ލިޔުން ދީފި
ގަވާއިދުން ކުލި ދައްކައިގެން އުމްރާ ދަތުރެއް ހޯދަން ހުޅުވާލި "ޕޭ އެންޑް ވިން" ގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ނަސީބުވެރި ފަރާތްތަކުގެ ގުރުއަތު ނަގައިފި އެވެ.

އާބަންކޯއިން ބުނީ މިއަދު ނެގުނު މި ގުރުއަތުގައި ހަތަރު ފަރާތެއް ހޮވާފައިވާ ކަމަށެވެ. އެއީ އެޕްރީލް މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ގަވާއިދުން ކުލި ދެއްކި ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވުނު ދެ ފަރާތަކާއި ޖުލައި މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ގަވާއިދުން ކުލި ދެއްކި ފަރާތްތަކުގެ މެދުގައި ނެގުނު ގުރުއަތުން ހޮވުނު ދެ ފަރާތެއް ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ.

އާބަންކޯއިން ބުނެފައިވަނީ މި ޕްރޮމޯޝަން ނިންމާލުމުގެ ގޮތުން އޮކްޓޯބަރު މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް ގަވާއިދުން ކުލި ދައްކާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނެގުން އަންނަ ޖެނުއަރީ މަހު ކުރިއަށް ގެންދެވޭނެ ކަަމަށެވެ.

"ޕޭ އެންޑް ވިން" އަކީ އާބަންކޯއިން ދޫކޮށްފައިވާ ސޯޝަލް ހައުސިން ޔުނިޓުތައް ލިބިފައިވާ ފަރާތްތަކަށް ހުޅުވާލާފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ބައިވެރިވެވޭނީ ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ކުލި ދައްކާ އަދި އެއްވެސް އޯވަޑިއުއެއް ނެތް ފަރާތްތަކަށެވެ. އެގޮތުން ގަވާއިދުން ކުލި ދައްކާ ފަރާތްތަކުގެ މެދުގައި ކޮންމެ ތިން މަހަކުން ގުރުއަތު ނަގައި ހޮވޭ ފަރާތަކަށް އިނާމެއްގެ ގޮތުގައި އުމްރާ ދަތުރެއް ލިބިގެންދާނެ އެވެ. 

ބައެއް ސޯޝަލް ހައުސިން ޔުނިޓުތަކުގެ ކުލި އެކި ހާލަތްތަކުގެ ސަބަބުން ނުދެއްކި އޯވަޑިއު ވެފައިވާކަން އެ ކޯޕަރޭޝަނަށް ވަނީ ފާހަގަވެފައި ކަމަށް އާބަންކޯއިން ބުނެ އެވެ. އާބަންކޯއިން ބުނި ގޮތުގައި އެ ކޯޕަރޭޝަނުން މަސައްކަތްކުރަނީ މިފަދަ ލަކީޑްރޯއެއް ކުރިއަށް ގެންދެވޭއިރު، ހުރިހާ ފަރާތްތަކަށްވެސް ފުރުސަތު ފަހިކޮށްދިނުން ކަމުގަ އެވެ. އެހެންކަމުން ކުލި ދެއްކުމުގައި ދަތިތައް ދިމާވެފައިވާ ފަރާތްތަކަށް ލަކީޑްރޯގައި ބައިވެރިވެވޭނެ މަގެއް ވާނީ ފަހިކޮށްދީފައި ކަމަށް އާބަންކޯއިން ބުނެ އެވެ. އެ ކޯޕަރޭޝަނުން ބުނީ ޖެހިޖެހިގެން ހަ މަސް ވަންދެން ގަވާއިދުން ކުލި ދައްކައިފި ނަމަ މި ލަކީޑްރޯގައި ބައިވެރިވެވޭނެ ކަމަށެވެ.

އެ ކޯޕަރޭޝަނުގެ މަގުސަދަކީ ވީހާވެސް ގިނަ ފަރާތްތަކަށް މި ފުރުސަތު ހޯދައިދީ، ގަވާއިދުން ކުލި ދެއްކުމަށް ބާރުއެޅުން ކަމަށް އާބަންކޯއިން ބުނެ އެވެ. އާބަންކޯއިން ބުނެފައިވަނީ އެކި ސަބަބުތަކާ ހެދި ފައިސާ ނުދެއްކިފައިވާ ފަރާތްތަކަށް ލުއި ގޮތްތަކެއް ހޯދައިދިނުމަށް ޕޭމަންޓް ޕްލޭންއަކަށް ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތުވެސް ވަނީ ފަހިކޮށްދެވިފައި ކަމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް