އިތުބާރު ހުރި ގޮތަކަށް އެނގިފައިވާ ގޮތުގައި ފަނޑިޔާރު ޝަކީލް ރިޓަޔަކުރައްވަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅުއްވިތާ ދުވަސްކޮޅެއް ފަހުން، ޝަކީލް އެދިވަޑައިގެންނެވި ގޮތަށް ރިޓަޔަމެންޓް ހަމަ ޖައްސައިދޭން ޖޭއެސްސީންވަނީ ނިންމާފައެވެ.
ކޮމިޝަންގެ އިއްޔެގެ ބައްދަލުވުމުގައި ޝަކީލް ހުށަހަޅުއްވާފައިވާ ރިޓަޔަމެންޓް ފާސްކުރީ ތިން މެންބަރުންގެ ވޯޓުންނެވެ. އެނގިފައިވާ ގޮތުގައި އެއީ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި ވަކީލުންގެ މެންބަރު އަބްދުއްމާނިއު ހުސެއިން އަދި އާންމުންގެ މެންބަރު އައިމިނަތު އުމްކުލްސޫމްގެ ވޯޓުންނެވެ. ބައްދަލުވުމުގައި ހަތް މެންބަރަކު ބައިވެރިވެ ވަޑައިގެންނެވި ކަމަށާއި އެކަމަކު ވޯޓު ދެއްވި މެންބަރުން ފިޔަވައި އެހެން މެންބަރުން ވޯޓުގައި ބައިވެރިވެ ވަޑައިނުގަންނަވާ ކަމަށް ވަނީ އެނގިފަ އެވެ.
ޖޭއެސްސީން މިކަން އަދި ހާމަކޮށްފައެއް ނުވެއެވެ.
ފަނޑިޔާރަކު އަމިއްލަ އަށް ރިޓަޔަކުރައްވަން އެދިވަޑައިގެންފިނަމަ އަމަލު ކުރާނެ ގޮތްތަކެއް ޖޭއެސްސީން ކުރިން ނިންމާފައިވެއެވެ. ފަނޑިޔާރު ޝަކީލަށް ރިޓަޔަމެންޓް ދޭން ޖޭއެސްސީން ނިންމަވާފައިވާއިރު، އޭނާ ހައި ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށް ލުމަށް ހުކުން އިއްވިތާ މާ ގިނަ ދުވަސްތަކެއް ނުވަނީހެވެ.
އެ ހުކުމާ އެކު ފަނޑިޔާރު ޝަކީލަށް ސިޔާސީ ބައެއް ފަރާތްތަކުގެ ފާޑުކިޔުމާއި ނުރުހުން ވަރަށް ބޮޑަށް އަމާޒުވި އެވެ. ޔާމީނަށް މި އަހަރުގެ ރިޔާސީ އިންތިހާބުން ފުރުސަތު ގެއްލުނީ އެ ހުކުމާ ހެދި އެވެ.
ޝަކީލް އެންމެ ފުރަތަމަ ކްރިމިނަލް ކޯޓަށް އައްޔަންކޮށް މާގިނަ ދުވަސްތަކެއް ނުވެ ފެމެލީ ކޯޓަށް ބަދަލުކުރި އެވެ. އެއީ، 2017 ވަނަ އަހަރު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ދައުލަތުން ކުރި ދައުވާ އަނބުރާ ފޮނުވާލުމުންނެވެ. އޭގެފަހުން އަނެއްކާވެސް ޝަކީލް، ކްރިމިނަލް ކޯޓަށް ބަދަލުކުރީ 2019 ވަނަ އަހަރު ތެރޭގައި، ސަރުކާރާއި ޖޭއެސްސީ ބަދަލުވެފައިވަނިކޮށެވެ.