ads
ޖަބާލިއާ ރެފިއުޖީ ކޭމްޕަށް އިޒްރޭލުން ދިން ހަމަލާއަށް ފަހު އަނިޔާވެ މަރުވި މީހުން ހޯދުމުގެ މަސައްކަތް ކުރިއަށް ދަނީ.
ޖަބާލިޔާ ރެފިއުޖީ ފޭލިގެ އަވަށަށް ދިން ހަމަލާ އެއީ ހަނގުރާމައިގެ ކުށެއް: އދ
ފަލަސްތީނުގެ ގާޒާގެ މެދުތެރޭގައި އޮންނަ ޖަބާލިޔާ ރެފިއުޖީ ފޭލިގެ އަވަށަށް ޔަހޫދީ އިޒްރޭލު ސިފައިން ވިދިވިދިގެން ދެ ވަނަ ދުވަހު ދިން ބާރު ގަދަ ބޮމުގެ ހަމަލާތަކަކީ ޖެނީވާ ކޮންވެންޝަންގެ ދަށުން މަނާ - "ހަނގުރާމައިގެ ކުށެއް"ގެ ގޮތުގައި ބެލޭނެ ކަމުގައި އ.ދ ގެ އިންސާނީ ހައްގުތަކާ ބެހޭ އިދާރާއިން ބުނެފި އެވެ.
Advertisement

ގާޒާގެ ސިއްހަތާ ބެހޭ ވުޒާރާ އިން ބުނީ ޖަބާލިޔާ ފޭލިގެ އަވަށުގައި ހުރި އާންމުން ދިރިއުޅޭ އިމާރާތްތަކަށް، ޔަހޫދީ އިޒްރޭލު ސިފައިން މިފަހުން ދިން ބޮމުގެ ހަމަލާގައި ބިމާ ހަމަވެފައިވާ އިމާރާތްތަކުގެ ދަށުވެ، ނުވަތަ ހަށިގަނޑު ޗިސްޗިސްވުމުގެ ސަބަބުން ވީނުވީއެއް ނޭނގި 120 އަށް ވުރެ މީހުން ގެއްލިފައިވާ ކަމަށެވެ. އަދި 195 މީހަކު ޝަހީދުވެ 770 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށެވެ.

މަންޒަރު ދުށް މީހުން ރިޕޯޓުކުރި ގޮތުގައި ޖެޓުތަކުން އެއްފަހަރާ ހަތެއް ނުވަތަ އަށް މިސައިލް އެ ސަރަހައްދަށް ވައްޓާލި އެވެ. އެއާއެކު ބާރުގަދަ އަޑެއް ގޮވައި އެތައް ބަޔަކު މަރުވެގެންދިޔަ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ޔަހޫދީ އިޒްރޭލުން ބުނާ ގޮތުގައި މިއީ އެ ކޭމްޕުގައި ފިލައިގެން އުޅުނު ހަމާސްގެ ލީޑަރަކަށް އަމާޒުކޮށް ދިން ހަމަލާއެކެވެ. އަދި، ހަމާސްގެ އިސް ކޮމާންޑަރެއް ކަމުގައިވާ އިބްރާހީމް ބިޔާރީ ޝަހީދު ކޮށްލާފައިވާނެ ކަމުގައި ވެސް ޔަހޫދީ އިޒްރޭލުން ބުނެއެވެ. ނަމަވެސް ހަމާސްއިން ވަނީ އެ ޖަމާއަތުގެ ލީޑަރަކު އެ ކޭމްޕުގައި ނޫޅޭ ކަމަށް ބުނެފަ އެވެ.

އަދި މި ހަމަލާތަކުގައި ބޭރު ގައުމުތަކުގެ ތިން މީހަކު ހިމެނޭ ގޮތަށް ރަހީނުކޮށްފައި ތިބި ހަތް މީހަކު ވެސް މަރުވި ކަމަށް ހަމާސް އިން ވަނީ ބުނެފަ އެވެ.

އ.ދގެ އިންސާނީ ހައްގުތަކާ ބެހޭ އިދާރާއިން ޓްވިޓަރަށް ދޫކޮށްލެއްވި ޕޯސްޓެއްގައި ވިދާޅުވި ޖަބާލިޔާ ރެފިއުޖީ ކޭމްޕަށް ދީފައިވާ ހަމަލަތަކުގައި ޝަހީދުކޮށްލާފައިވާ، އަދި ޒަހަމު ކޮށްލާފައިވާ މީހުންގެ އަދަދަށް ބަލާއިރު، އަދި އެ ކޭމްޕަށް ދީފައިވާ ގެއްލުންތަކަށް ބަލާއިރު، އެ ހަމަލަތަކަކީ "ހަނގުރާމައިގެ ކުށެއް"ގެ ގޮތުގައި ބެލުމުގެ ފުރުސަތު އެބައޮތް ކަމަށާއި އަދި މިއީ ވަރަށް ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.

ހަނގުރާމައިގެ ތެރެއިން އާންމުންނަށާއި، އެ މީހުންގެ ގެދޮރަށް ގަސްދުގައި ހަމަލަ ދިނުމަކީ ޖެނީވާ ކޮންވެންޝަންގެ ދަށުން މަނާ ކަމެކެވެ.

ގާޒާގެ މެދުތެރޭގައި އޮންނަ ޖަބާލިޔާ ރެފިއުޖީ ފޭލިގެ އަވަށަކީ، އެ ސަހަރުގައި މިވަގުތު އެންމެ ގިނަ ބަޔަކަށް ސިއްހީ ފަރުވާ ދެމުން އަންނަ އިންޑޮނީޝިޔާ ހޮސްޕިޓަލާ ވަރަށް ކައިރީގައި އޮންނަ އަވަށެކެވެ. އެ ހޮސްޕިޓަލާ ކައިރީގައި ހުރި އިމާރާތްތަކަކަށް، ޔަހޫދީ އިޒްރޭލު ސިފައިން ފުލުފުލުގައި ދިން ބޮމުގެ ހަމަލާތަކުގައި މުޅި އެ ސަރަހައްދު ވަނީ ސުންނާފަތިވެފަ އެވެ.

އ.ދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޒް ވެސް ވަނީ ޖަބާލިޔާ ރެފިއުޖީ ކޭމްޕަށް ޔަހޫދީން ދީފައިވާ ރަހުމު ކުޑަ ހަމަލަތަކާ ގުޅިގެން ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އޭނާ ވިދާޅުވީ، މި ހަމަލަތަކުގައި ކުށެއް ނެތް ކުޑަކުދިންނާއި އަންހެނުންގެ ގިނަ އަދަދެއްގެ ބަޔަކު ޝަހީދުކޮށްލާ، އެ މީހުންގެ ގެދޮރު ސުންނާފަތި ކޮށްލާފައިވާތީ އެ ކަމާ މެދު ކަންބޮޑުވެ ވަޑައިގަންނަވާ ކަމުގައެވެ.

އިޒްރޭލުން ގާޒާ އަށް މިހާރު ދެމުންދާ އަސްކަރީ ހަމަލާތަކުގައި 27 ވަނަ ދުވަހަށް އިރު އެރި އިރު، ފަލަސްތީނުގެ 9000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައި 25200 އަށް ވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި އެވެ. ޝަހީދުވި މީހުންގެ ތެރޭގައި 3950 އަށް ވުރެ ގިނަ ކުޑަކުދިންނާއި 2690 އަށް ވުރެ ގިނަ އަންހެނުން ހިމެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް