ހިޒްބުالله އާއި އިސްރާއީލުގެ ބޯޑަރުގައި ފާއިތުވި ހަފްތާތަކުގައި ހަމަލާބަދަލުކުރުންތައް ވަނީ އިތުރުވެފަ އެވެ. ލުބުނާނުގެ ހަތިޔާރު އެޅި ޖަމާއަތުން 47 ހަނގުރާމަވެރިން މަރުވެފައިވާ ކަމަށް ބުނެފައިވާއިރު އިސްރާއީލުން ވަނީ އެގައުމުގެ ހަ ސިފައިން މަރުވެފައިވާ ކަމަށް ބުނެފައެވެ. އަދި އާންމުންގެ ހަ މީހަކު ވެސް ވަނީ މަރުވެފަ އެވެ.
ބައެއް މީހުން ގަބޫލުކުރާ ގޮތުގައި ކުރިން ކުރި ފަދައިން ހަނގުރާމައަކުން އެމީހުންގެ ދިރިއުޅުން ފުނޑުފުނޑުވެދާނެތީ ގިނަ ބަޔަކު ކަންބޮޑުވި ނަމަވެސް، ލުބުނާނުގެ ދެކުނުގައި ތިބި އޭނާގެ ދާއިރާގެ ރައްޔިތުން އިތުރަށް ވަރުގަދަ ހަމަނުޖެހުމަކަށް ތައްޔާރު ކުރައްވަމުން ގެންދެވިދާނެ އެވެ.
އިސްރާއީލާއި ހިޒްބުالله އާއި ދެމެދު ކުރިމަތިލުންތައް ފެށުނީ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު އިސްރާއީލުގެ އަސްކަރީ އައުޓްޕޯސްޓްތަކަށާއި އާންމުންނަށް ހަމާސްއިން ކުއްލި ހަމަލާއެއް ދިންތާ މާގިނައިރުތަކެއް ނުވެ އެވެ.
އިސްރާއީލުން ވަނީ ގައްޒާއަށް ރަހުމެއްނެތި ބޮން އަޅައި އެއްގަމު މަގުން އަރައިގަންނަން ފަށާފައެވެ.
ގައްޒާގެ ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި ފަލަސްތީނުގެ 8،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު އޭގެ ތެރޭގައި ތިން ހާހަށް ވުރެ ގިނަ ކުޑަކުދިން ހިމެނެ އެވެ. އިސްރާއީލުން ވަށާލުމަށް ފަހު ބަންދުކޮށްފައި އޮތުމުގެ ސަބަބުން އިތުރު އެތައް ބަޔަކު މަރުވަމުންދާއިރު، އެއީ ބައިނަލްއަގްވާމީ ގާނޫނުތަކުގެ ދަށުން ހަނގުރާމައިގެ ޖަރީމާއެއް ކަމަށް ގާނޫނީ ބައެއް ތަޖުރިބާކާރުން ބުނެ އެވެ.
އޮކްޓޯބަރު ހަތް ވަނަ ދުވަހަށް ފަހު އިސްރާއީލުން ވަނީ ކާބޯތަކެއްޗާއި ތެލާއި ބޭހާއި އެހެނިހެން ޒަރޫރީ ތަކެތި ގައްޒާއަށް ވަނުން މުޅިން ހުއްޓުވާފަ އެވެ. ފާއިތުވި ދުވަސްތަކުގައި މިސްރާއެކު ރަފާހު ހުރަސްކުރާ މަގުން ކާބޯތަކެއްޗާއި ބޭސް އުފުލާ ބައެއް އެހީ ޓްރަކްތަކަށް ވަދެވޭއިރު، އިސްރާއީލުން އަދިވެސް ގައްޒާއަށް ތެޔޮ އެތެރެވިޔަނުދެއެވެ. އޭގެ ސަބަބުން ހޮސްޕިޓަލްތައް ވަނީ ހުއްޓިފައެވެ.
ހަނގުރާމަ ހުއްޓާލުމަށް ގޮވާލުންތައް އިތުރުވި ނަމަވެސް އިސްރާއީލުން ބުނެފައި ވަނީ ހިޒްބުالله އާއި އެ ސަރަހައްދުގެ އެހެން ޝިޔައީ ހަތިޔާރު އެޅި ޖަމާއަތްތަކާއި އެ ޖަމާއަތްތަކުގެ ސްޕޮންސަރު އީރާނާ އެކު "ދެކޮޅުވެރިކަމުގެ އެކްސިސް" އެއް އުފައްދާ ހަމާސް ނައްތާލެންދެން ގައްޒާއަށް ހަމަލާދިނުން ހުއްޓާނުލާނެ ކަމަށެވެ.
ލުބުނާނުގެ ރައްޔިތުންގެ ހާސްކަން ކުރިމަތިވި ނަމަވެސް، އެގައުމުގައި ތިބި ފަލަސްތީނުގެ ރެފިއުޖީން ބުނަނީ ހިޒްބުالله އިން އިސްރާއީލަށް ދޭ ހަމަލާތައް ވަރުގަދަ ކުރަން ބޭނުންވާ ކަމަށާއި އެއީ ނަޞްރުاللهގެ ތަގުރީރުގެ ތެރޭގައި އިއުލާނުކޮށްފާނެ ކަމެއް ކަމަށެވެ.
މުޅި ދުނިޔެ މިހާރު ހުއްޓިފައި އޮތީ މެދުއިރުމަތީގެ އެންމެ ބާރުގަދަ ހަނގުރާމަވެރި ޖަމާއަތުގެ ވެރިޔާ މާދަމާގެ ތަގުރީގައި ހަނގުރާމަ އިއުލާނުކުރައްވާނެތޯ ކުރާ ސުވާލުގެ ޖަވާބު ލިބެންދެނެވެ.
ހިޒްބުﷲ އަތުގައި ޒަމާނީ ޑްރޯން އަދި ގައިޑެޑް ރޮކެޓް ފަދަ ހަތިޔާރު ހުރިއިރު ބައެއް ރިޕޯޓްތައް ބުނާގޮތުގައި ރަޝިޔާގެ "ވަގްނާ ގުރޫޕް" އިން އަންނަނީ ހިޒްބުﷲ އަށް ޒަމާނީ އެއާ ޑިފެންސް ސިސްޓަމްތައް ވެސް ދިނުމަށް ތައްޔާރުވަމުންނެވެ.