ބަލިމީހުންނަށް ޒިޔާރަތްކުރުމުގެ މައްޗަށް އަލިއަޅުވާލައި ހުކުރު ހުތުބާގައި ބުނީ ބަލި މީހާއަށް ގޮވާލަން ދިއުމަކީ އޭނާއަށް ހިތްހަމަޖެހުން ލިބޭނެ ކަމެއް ކަމަށެވެ. އެކަމުން އިސްލާމީ އުހުއްވަތްތެރިކަމުގެ ރޫހު އާލާވާނެ ކަމަށެވެ. އޭނާގެ ވޭންތަކަށާއި ކެކުޅުންތަކަށް ލުއިކަމެއް ލިބޭނެ ކަމެއް ކަމަށާއި ބަލީގެ ސަބަބުން ލިބިފައިވާ ނިކަމެތިކަން ކުޑަވާނެ ކަމެއް ކަމަށެވެ. އަދި އޭނާއަށް އަޅާލާ ބަޔަކު ތިބިކަން އެނގި، އޭނާގެ މާނަވީ ބާރު އެކަމުން އިތުރުވާނެ ކަމެއް ކަމަށެވެ.
ދުނިޔޭގައި ކޮންމެ އިންސާނަކުވެސް ބަލިވާނެ ކަމަށާއި ތަދާއި ވޭނާއި ކެކުޅުން ފަދަ ކަންކަމަކީ މާތްﷲ ކުރިމަތި ކުރައްވާ އިމްތިހާނުތަކެއްކަން ފާހަގަކޮށް ހުކުރު ހުތުބާގައި ބުނެފައިވަނީ މި ކަންކަން ތަހައްމަލުކުރަން ނުޖެހޭ އެއްވެސް މީހަކު ނުވާނެ ކަމަށެވެ. ބަލިމަޑުކަމާއި ކުރިމަތިވުމުން ނޫނީ ދުޅަހެޔޮކަމާއި އާފިޔަތުގެ އަގުވަޒަން ނުކުރެވޭނެ ކަމަށެވެ. އިންސާނާ އާ ކުރިމަތި ކުރައްވާ ބޮޑެތި އިމްތިހާނުތަކާއި މުސީބާތްތަކުގެ ތެރޭގައި ބަލިވުން ހިމެނޭ ކަމަށެވެ. މާތް ﷲ އަށް އަދާކުރަން ޖެހޭ ވާޖިބުތަކާއި ތިމާ އަދާކުރަން ޖެހޭ ހައްގުތައް އަދާ ކުރެވޭނީ ސިއްހަތާއި ދުޅަހެޔޮކަން ލިބިގެން ކަމަށެވެ. ސިއްހަތާއި ދުޅަހެޔޮކަމަކީ މާތްﷲ ދެއްވާ އަގުބޮޑު ނިއުމަތެއް ކަމަށެވެ.
ހުތުބާގައި ބުނި ގޮތުގައި އަހަރެމެންގެ ސަލަފުއް ސާލިހުން، އެބޭކަލުންގެ ތެރެއިން ބޭކަލަކު ފެނިވަޑައިނުގެންފިނަމަ، އެ ބޭކަލަކަށް ވީ ކިހިނެއްތޯ އައްސަވައި އުޅުއްވި ކަމަށާއި އާލާސްކަންފުޅާ އުޅުއްވާ ނަމަ ޒިޔާރަތް ކުރައްވައި ހާލުކޮޅު ބައްލަވާ ކަމުގަ އެވެ. ރަށުން ބޭރަށް ވަޑައިގެން އުޅުއްވާނަމަ ހެޔޮ ދުއާކޮށް ދެއްވާ ކަމަށެވެ.
ބަލިމަޑުކަން ކުރިމަތިވެ، އިންސާނާގެ ނަފްސު އިމްތިހާނު ކުރެއްވުމަކީ، އޭނާގެ ނަފްސު ތާހިރުކޮށްދޭނެ ކަމެއްކަން ފާހަގަކޮށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފައިވަނީ އެކަމުން އޭނާގެ ނިކަމެތިކަމާއި އާރެއް ބާރެއް ނެތްކަމުގެ އިހުސާސް އޭނާއަށް ކުރެވޭނެ ކަމަށާއި ބޮޑާކަމާ ދުރުހެލި ކުރުވާނެ ކަމަށެވެ.
ބަލިމީހުންނަށް ގޮވާލަން ދިއުމަކީ އެކަމުގައި ގިނަގުނަ ފައިދާތަކެއް ހިމެނޭ ނުހަނު ދަރުމަ ހުރި ކަމެކެވެ. އެގޮތުން ބަލިމީހާއަށް ގޮވާލަން ދިއުމަކީ މާތްﷲ ގެ ހަޒްރަތުގައި ހޭދަކޮށްލެވޭ ވަގުތުކޮޅެއްކަން ހަނދާން ކޮށްދިނުމާ އެކު ހުތުބާގައި ވަނީ ބަލިމީހާއަށް ގޮވާލަން ގޮސް އޭނާގެ ކައިރީގައި އަމިއްލަ ނަފްސަށާއި އޭނާއަށް ހެޔޮ ދުއާކޮށްދިނުމަށް އެދިފަ އެވެ.
ބަލިމަޑުކަމަކީ މާތްﷲ އަހަރެމެންނަށް ކުރިމަތިކުރައްވާ އިމްތިހާނެކެވެ. އަޖުމަ ބެއްލެވުމެކެވެ. އެކަމަށް ކެތްތެރިވާ މީހާއަށް މަތިވެރި ސަވާބާއި ދަރުމަ ލިބިގެންވެ އެވެ. ހުތުބާގައި ބުނެފައިވާ ގޮތުގައި ބަލިމީހާއަށް ޒިޔާރަތްކުރާ މީހާ އޭނާއަށް ޝިފާ ދެއްވުން އެދި ދުއާ ކޮށްދިނުމަކީ ސުންނަތް ވެގެންވާ ކަމެއް ކަމުގަ އެވެ.
ބަލިމީހާއަށް ގޮވާލަން ދާން ވާނީ، އޭނާއަށް އުދަނގޫ ނުވާނެ ވަގުތުތައް ބަލައިގެންނެވެ. އެގޮތުން މި ޒަމާނުގެ ހަސްފަތާލުތަކުން މިފަދަ ކަންކަމަށް ރިއާޔަތްކޮށް ހާއްސަ ވަގުތުތަކެއް ކަނޑައަޅާފައި ހުންނަ ކަމަށާއި އެ ވަގުތުތަކުގައި ޒިޔާރަތް ކުރުމަށް ސަމާލުވުމަކީ އެންމެންގެ ސަލާމަތަށާއި ރައްކާތެރިކަމަށްޓަކައި މުހިންމު ކަމެއް ކަމަށް ވެސް މިއަދުގެ ހުކުރު ހުތުބާގައި ވަނީ ބުނެފަ އެވެ.