އަންނަ އަހަރަށް ލަފާކޮށްފައިވާ ދައުލަތުގެ ބަޖެޓުގައިވާ ގޮތުން މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަަލަށް އެސްޑީއެފްއަށް އެއާޕޯޓް ޑިވެލޮޕްމެންޓު ފީ ގެ ގޮތުގައި ހަތަރު ބިލިއަން ރުފިޔާ އާއި ކްރޮސް ސަބްސިޑީ ޕްރޮޖެކްޓްތަކުން 1.4 ބިލިއަން ރުފިޔާ އަދި އެހެނިހެން ގޮތްގޮތުން ދެ ބިލިއަން ރުފިޔާ ޖަމާކޮށްފައިވެ އެވެ.
އެސްޑީއެފްގައި ހުރި ފައިސާގެ ތެރެއިން 5.7 ބިލިއަން ރުފިޔާ ވަނީ ޓީބިލުގައި އިންވެސްޓްކޮށްފަ އެވެ. އެ ފައިސާގެ އިތުރުން އެހެނިހެން އިންވެސްޓްމެންޓްތަކުގައި 1.7 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
މިދިޔަ އަހަރު ނިމުނުއިރު އެސްޑީއެފްގައި ހުރީ 6.4 ބިލިއަން ރުފިޔާ އެވެ. މި އަހަރު ނިމޭއިރު އެސްޑީއެފްއަށް 2.3 ބިލިއަން ރުފިޔާ ޖަމާކުރާނެ ކަމަށް ބަޖެޓު ފޮތުގައިވާއިރު، އަންނަ އަހަރު އެސްޑީއެފްއަށް 1.2 ބިލިއަން ރުފިޔާ ޖަމާކުރާނެ އެވެ. އެ ފޮތުގައިވާ ގޮތުން އެސްޑީއެފްއަށް ޖަމާކުރާ ފައިސާގެ ތެރެއިން 3.8 ބިލިއަން ރުފިޔާ ދަރަނި އަދާކުރުމަށް ބޭނުން ކުރާނެ އެވެ.
ދަރަނި އަދާކުރުމަށް ސީދާގޮތުން 2025 ވަނަ އަހަރު 8.2 ބިލިއަން ރުފިޔާ ހޭދަކުރަން ޖެހޭއިރު، އެސްޑީއެފްގެ އިތުރުން ދަރަނި އަދާކުރުމަށް ބޭރުން ބޮންޑެއް ނުވަތަ ސުކޫކެއް ވިއްކުމަށް ހުޅުވާލާނެ އެވެ. ސީދާ ގޮތުން 9.8 ބިލިއަން ރުފިޔާ ބޮޑު ދަރަންޏެއް 2026 ވަނަ އަހަރު ދައްކަން ޖެހެ އެވެ. އެހެންކަމުން ދަރަނި ދައްކަން އެސްޑީއެފުން ނަގާ 3.8 ބިލިއަން ރުފިޔާގެ އިތުރުން އެ އަހަރު އިތުރު ބޮންޑެއް ނުވަތަ ސުކޫކެއް ވިއްކައިގެން ދަރަނި ރީފައިނޭންސް ކުރުމަށް ވަނީ ނިންމައިފަ އެވެ. އެސްޑީއެފްގެ ބޮޑު ބައި 2025 އާއި 2026 ގައި ދަރަނި އަދާކުރުމަށް ބޭނުން ކުރުމަށް ހަމަޖެހިފައިވާއިރު، މިވަގުތު ދައުލަތުގެ ދަރަނި ހުރީ 120 ބިލިއަން ރުފިޔާގަ އެވެ.
ދައުލަތުގެ ދަރަނި އަދާކުރުމަށް ކުރީ ސަރުކާރުން އުފެއްދި މި ފަންޑުގައި ހުރި ފައިސާގެ ތެރެއިން ޑޮލަރުގެ ގޮތުގައި މިހާރު ހުރީ 125 މިލިއަނެވެ. އަންނަ އަހަރު ނިމޭއިރު ސޮވެރިން ފަންޑުގައި 9.7 ބިލިއަން ރުފިޔާ ހުރުމަކީ ސަރުކާރުގެ އަމާޒެކެވެ.