
ގައުމީ ޔުނިވާސިޓީން ބުނީ، މަތީ ތައުލީމުގެ ފެންވަރު ކަށަވަރުކޮށްދިނުމުގައި ދުނިޔޭގެ ފެންވަރުގައި ކޮލިޓީ ކަށަވަރުކުރާ، އިނގިރޭސިވިލާތުގެ މިނިވަން އިދާރާއެއް ކަމަށްވާ ކޮލިޓީ އެޝުއަރެންސް އެޖެންސީ ފޯ ހަޔާ އެޑިއުކޭޝަން (ކިއުއޭއޭ) އިން ދެވޭ ގްލޯބަލް އެކްރެޑިޓޭޝަން، 'އިންޓަނޭޝަނަލް ކޮލިޓީ ރިވިއު'، (އައިކިއުއާރު) އެ ޔުނިވަސިޓީއިން ހާސިލްކޮށްފައިވާކަމަށެވެ.
ގްލޯބަލް އެކްރެޑިޓޭޝަނަކީ ފަސް އަހަރުގެ މުއްދަތަކަށް ދެމިގެންދާނޭ އެކްރެޑިޓޭޝަނެކެވެ
ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަރސިޓީގައި ގާތްގަނޑަކަށް ދެ އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މިރިވިއުގެ މަރުހަލާތަކުގައި ޔުނިވަރސިޓީގެ ހިންގުމުގެ ސިޔާސަތުތަކާއި، ކިޔަވައިދިނުމާއި އުނގެންނައިދިނުމުގެ އުސޫލުތަކާއި، މަންހަޖުތައް ފަރުމާކޮށް މުރާޖައާ ކުރުމުގެ އުސޫލުތަކާއި، ސްޓޫޑެންޓް ސަޕޯޓްއަށް އަމަލުކުރާ މެކޭނިޒަމްތަކާއި، ޔުނިވަރސިޓީގެ އެތެރޭގެ ފެންވަރު ކަށަވަރުކުރުމުގެ އިންތިޒާމުތައް ހުރީ ރަނގަޅު ފެންވަރެއްގައިކަން އެޝުއަރެންސް އެޖެންސީ ފޯ ހަޔާ އެޑިއުކޭޝަން އިން ވަނީ ފާހަގަކޮށްފައިއެވެ.