
އާބަންކޯ އިން ބުނީ ފްލެޓްތައް ވިއްކަން ހުޅުވާލުމުން ހުރިހާ ފްލެޓެއް މިއަދު ވިކި ހުސްވެފައިވާކަމަށެވެ.
އާބަންކޯއިން ބުނެފައިވަނީ ވިނަރެސް މަޝްރޫއިން ފްލެޓު ވިއްކުމަށް މިފަހަރު ހުޅުވާލީ ފުރުސަތުގައި ވިއްކި ފްލެޓުތަކަކީ މިދިޔަ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ވިއްކި ފްލެޓުތަކަށްފަހު ބާކީ ހުރި ފްލެޓުތައް ކަމަށެވެ. މި ޔުނިޓުތަކަކީ ނިމުނު މަހުގެ ނިޔަލަށް ފްލެޓު ގަތުމަށް ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން މާލީ ގާބިލިއްޔަތުކަން ފުރިހަމަ ނުވާ ފަރާތްތަކާ އަދި ޔުނިޓު އިހުތިޔާރުކުރުމަށް ދައުވަތު ދިނުމަށްފަހު ޔުނިޓު އިހުތިޔާރުކުރުމަށް ހާޒިރުވެފައިނުވާ ފަރާތްތަކުގެ ފޯމު ބާތިލުކޮށް ބާކީ ނުވިކިހުރި ޔުނިޓުތައް ކަމަށް އާބަންކޯއިން ބުނެއެވެ.
ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީ ގައި ތަރައްގީކޮށްފައިވާ ވިނަރެސް ފްލެޓުތަކަށް ދިގު މުއްދަތަށް ބަހާލައިގެން ފައިސާ ދައްކާ ފަރާތްތަކުން ދައްކަން ހަމަޖެހިފައިވާ އިންޓްރެސްޓް ރޭޓް ހަ އިންސައްތައަށް މިދިޔަ މަހު ވަނީ ކުޑަކޮށްފައެވެ.
އާބަންކޯއިން ބުނީ ދިގު މުއްދަތަށް ބަހާލައިގެން ވިނަރެސް ފްލެޓުތަކަށް ކުލި ދައްކާ ފަރާތްތަކަށް ކަނޑައެޅިފައިވާ އިންޓްރެސްޓް ރޭޓް ނުވަ އިންސައްތައިން ހަ އިންސައްތައަށް ކުޑަކޮށްފައިވަނީ ކަސްޓަމަރުންނަށް ލުއިތަކެއް ދިނުމުގެ ބޭނުމުގައެވެ.
އާބަންކޯއިން ބުނެފައިވަނީ މި ބަދަލު ގެނެވިފައިވަނީ ހަމައެކަނި ދިގު މުއްދަތަށް ބަހާލައިގެން ފައިސާ ދައްކާ ފަރާތްތަކަށް އެކަނި ކަމަށެވެ.
މާޅެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް އެ ކޯޕަރޭޝަނުން އިސްނަގައިގެން ގިނަ މަސައްކަތްތަކެއް މިހާރުވެސް އަންނަނީ ކުރަމުން ކަމަށް އާބަންކޯއިން ބުނެއެވެ.
އާބަންކޯއިން ބުނި ގޮތުގައި ހުޅުމާލޭގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން އެ ކޯޕަރޭޝަނުން ހިންގާފައިވާ ވިނަރެސް މަޝްރޫއުގައި މިހާތަނަށް 288 ފަރާތަކާ އެކު އެގްރިމެންޓްގައި ސޮއިކޮށްފައިވާ ކަމުގައެވެ.