
މި މައްސަލައިގައި ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އިސްރާއީލު ސަރުކާރުގެ މިނިސްޓަރަކު ދާދިފަހުން ދެއްކެވި ވާހަކަފުޅުގައި، ގައްޒާގެ ވަގަށް ނަގާފައިވާ ސަރަހައްދުގައި ނިއުކްލިއާ ބޮމެއް ބޭނުންކުރުމަކީ އޮޕްޝަނެއް ކަމަށް ބުނިބުނުން ރާއްޖޭގެ ސަރުކާރުން ވަރަށް ބޮޑަށް ކުށްވެރިކުރާކަމަށެވެ.
"ބައިނަލްއަގްވާމީ އިންސާނީ ގާނޫނުތަކާ ފާޅުކަން ބޮޑު ގޮތެއްގައި ހިލާފުވުން ތަމްސީލުކުރާ ބަޔާނަކަށް އިސްރާއީލު ސަރުކާރުން އެކަށީގެންވާ ތަރުހީބެއް ނުލިބުމާ މެދު ވެސް ދިވެހި ސަރުކާރުން ފުންކޮށް ކަންބޮޑުވުން ފާޅުކޮށް، ފަލަސްތީނުގެ މީހުންގެ ފުރާނައަށް ނުރައްކާވާ މިފަދަ ވާހަކަތަކާ މެދު ފިޔަވަޅުއެޅުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ގޮވާލަން،" ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުންޏެވެ.
ކުށެއްނެތް އާންމުންނަށް ދޭ ހަމަލާތައް ހުއްޓުވުމަށް ބައިނަލްއަގްވާމީ މުޖުތަމައުއަށް އަވަސް ފިޔަވަޅު އެޅުމަށް ދިވެހި ސަރުކާރުން ތަކުރާރުކޮށް ގޮވާލާއިރު، ފަލަސްތީނުގެ ރައްޔިތުންނަށް ހުރަހެއް ނެތި އިންސާނީ އެހީ ފޯރުކޮށްދިނުމަށް ފުރުސަތު ދިނުމަށާއި ހަރުދަނާ ކުރުމަށް ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލާކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
އިޒްރޭލުން މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ދެމުން އަންނަ ހަމަލާތަކުގައި 14،000 އަށްވުރެ ގިނަ މީހުން ގައްޒާއިން ވަނީ މަރުވެފައެވެ.
ގައްޒާގައި 2.2 މީހުން ހާލުގައި ޖެހިފައިވާއިރު، އެ ސިޓީން ކަރަންޓު ފެން، ބޭސް އަދި ކާބޯތަކެތި ލިބުން ވަނީ ހުއްޓުމަކަށް އައިސްފައެވެ.