
އޭއެފްސީ ކަޕުގައި މާދަމާ އިންޑިޔާގެ އޮޑިޝާ އެފްސީއާ ދެކޮޅަށް މާޒިޔާ ނުކުންނައިރު، މިދިޔަ މަހު އިންޑިޔާގައި އެ ކްލަބާ ދެކޮޅަށް ކުޅުނު މެޗަށް ފަހު މާޒިޔާ ރަސްމީ މެޗެއް ނުކުޅެއެވެ. އެ މެޗު ކުޅުނީ މިދިޔަ މަހު 24 ވަނަ ދުވަހުއެވެ. އޭގެ ހަތަރު ދުވަސް ފަހުން ލީގުގެ ކުޅުން އަލުން ފަށަން ކަނޑައަޅާފައި އޮތް ނަމަވެސް އަދިވެސް ލީގު ނުފެށެއެވެ.
މާދަމާގެ މެޗާ ގުޅޭ ގޮތުން މިއަދު މިލޯ ބުނީ ރާއްޖޭގެ ލީގު ހުއްޓާލާފައި އޮތުމުން އޭއެފްސީ ކަޕް މެޗުތަކުގައި މާޒިޔާ އަށް އަސަރު ކުރާ ކަމަށެވެ. ދިވެހި ޕްރިމިއާ ލީގުގައި އެންމެ ފަހުން މެޗެއް ކުޅުނީ އޯގަސްޓް މަހު 29 ގަ އެވެ. އަލުން ލީގު ފެށޭނެ ދުވަހެއް ނުވެސް އެނގެއެވެ.
ލީގު ހުއްޓިފައި އޮތީ، މަނީ ލޯންޑްރިންގެ ތުހުމަތުގައި އެފްއޭއެމަށް ފުލުހުންވަދެ ފެށި ތަހުގީގާ ގުޅިގެންނެވެ. ތަހުގީގު އަވަސް ކުރެވޭތޯ އެފްއޭއެމުން މަސައްކަތް ކުރަމުންދާ ކަމަށްވެއެވެ.
މާދަމާ މާލޭގައި އޮޑިޝާއާ ދެކޮޅަށް މާޒިޔާ ނުކުންނައިރު، އިންޑިއާގެ ބުނަބޭޝްވަރުގައި ކުޅުނު މި ދެ ޓީމުގެ ފުރަތަމަ މެޗުން މެޗުން މާޒިޔާ ބަލިވީ 6-1 ންނެވެ. މިއީ އޭއެފްސީ ކަޕުގައި މާޒިޔާގެ އެންމެ ބޮޑު އެއް ބައްޔެވެ.