ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ ފަސް ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ބެންޗަކުންނެވެ. މި މައްސަލަ ބައްލަވާނީ ފަނޑިޔާރު އަލްއުސްތާޛް މަޙާޒު ޢަލީ ޒާހިރު، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު އަލްއުސްތާޛް ޙުސްނުއްސުޢޫދު، ފަނޑިޔާރު އަލްއުސްތާޛް ޢަލީ ރަޝީދު ޙުސައިން، ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް އެވެ. މައްސަލައިގެ ރިޔާސަތުގައި އިންނަވަނީ ފަނޑިޔާރު މަހާޒްއެވެ.
ބަންޑާރަ ނައިބުގެ ސްޓޭންޑް: ނައިބު ރައީސް ނެތަސް މައްސަލަ ކުރިއަށް ގެންދެވޭނެ
ސުޕްރީމް ކޯޓުގައި ބަންޑާރަ ނައިބުގެ ފަރާތުން ވާހަކަ ދައްކަވަމުން، ބަންޑާރަ ނައިބުގެ އޮފީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ހަލީމް ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސް ނެތް ހާލަތުގައި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް މަޖިލީހުން ނިންމި ނިންމުން ރަނގަޅު ނޫން ކަމަށެވެ. މަޖިލީހުގެ ރައީސް ވަކިކުރުމުގެ މައްސަލައެއްގައި މަޖިލީހުގެ ރައީސަށް ރިޔާސަތު ނުބެލެހެއްޓުނަސް، އެފަދަ ޖަލްސާއެއްގައި މަޖިލީހުގެ ނައިބު ރައީސް ރިޔާސަތު ބެލެހެއްޓުން ކޮންމެހެން ލާޒިމެއް ނޫން ކަމަށް ބަންޑާރަ ނައިބުގެ އޮފީހުގެ ކައުންސެލް ޖެނެރަލް ވިދާޅުވިއެވެ.
ރައީސުލް ޖުމްހޫރިއްޔާގެ އިތުބާރު ނެތްކަމުގެ މައްސަލަތައް ކުރިއަށް ގެންދާއިރު ވެސް ވަކި ބޭފުޅަކު ރިޔާސަތުގައި އިންނަވަން ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދު ލާޒިމް ނުކުރާކަން ދައުލަތުން ސުޕްރީމް ކޯޓުގައި ފާހަގަކުރި އެވެ. އެ ރޫހުގައި ވަކާލާތު ކުރައްވައި، ދައުލަތުން އެދުނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގެ ނައިބު ރައީސް ނެތަސް، ރިޔާސަތު ބަލަހައްޓާ ފަސް މެމްބަރުންގެ ތެރެއިން މެމްބަރަކު އިންނަވައިގެން އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމައި ދިނުމަށެވެ.
ޑިމޮކްރެޓްސްއިން ދެކެނީ ސުޕްރީމް ކޯޓަށް އެ މައްސަލަ ނުބެލޭނެ ކަމަށް
އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައަށް ތަދައްހުލްވެފައިވާ ޑިމޮކްރެޓްސްގެ ފަރާތުން އައްޔަންކޮށްފައިވާ ވަކީލް އަބްދުﷲ ޝާއިރު ވިދާޅުވީ އިޖުރާއީ ގޮތުން ބަލާއިރު މިއީ ސުޕްރީމް ކޯޓަށް ބެލުމުގެ އިހުތިސާސް ނެތް މައްސަލައެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އެހެންނަމަވެސް ޑިމޮކްރެޓްސްގެ ރޫހު ހުރީ މައްސަލައިގައި ވަގުތު ނަގާލުމަށެވެ. އިއްޔެގެ ވަގުތެއްގައި މައްސަލައަށް ތަދައްހުލްވުމުގެ ފުރުސަތު ލިބުމުން، މައްސަލައާ ގުޅޭ ގޮތުން، ހުށަހަޅާފައިވާ ލިޔެކިޔުންތައް ދިރާސާކުރުމަށް އެކަށީގެންވާ ވަގުތު ނުލިބުނު ކަމަށް ޝާއިރު ވިދާޅުވި އެވެ.
އެހެންވެ، އޭނާ ވަނީ ލިޔެކިޔުންތައް ދިރާސާކޮށް، ޑިމޮކްރެޓުން ފާހަގަކުރަން ބޭނުންވާ ނުކުތާތައް ތަފްސީލީ ގޮތެއްގައި ހުށަހަޅަން އިތުރު ވަގުތު ދެއްވުމަށް އެދިވަޑައިގެންނެވި އެދިވަޑައިގަތުމަށް އިޖާބަ ދެއްވައި ސުޕްރީމް ކޯޓުންވަނީ މާދަމާ ހެނދުނު އިތުރު އަޑު އެހުމެއް ބާއްވަން ނިންމަވާފައެވެ.
ގަވައިދު އިސްލާހު ކުރުން ނޫން ހައްލެއް މަޖިލީހުގެ އިދާރީ މޭޒަކަށް ނުފެނުނު
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ގަރާރު ހުށަހަޅާ ޖަލްސާއެއްގެ ރިޔާސަތު މަޖިލީހުގެ ނައިބު ރައީސް ބަލަހައްޓަންޖެހޭ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާތީ، އެ ނޫން ގޮތަކަށް އަމަލުކުރެވޭނީ ގަވައިދު އިސްލާހުކޮށްގެން ކަމަށް ސުޕްރީމް ކޯޓުގައި މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވިދާޅުވިއެވެ. ފިލްޒާ ވިދާޅުވީ ރާއްޖޭގެ ގާނޫނުއަސާސީގައި ވެސް ބަޔާންކޮށްފައިވާ ގޮތަށް އެހެން ގައުމުތަކުގައި ވެސް މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ގަރާރެއްގެ ޖަލްސާގެ ރިޔާސަތު ވަކި ބޭފުޅަކު ބަލަހައްޓަވާ ގޮތަށް ބަޔާންކޮށްފައި ނޯންނަ ކަމަށެވެ.
ނަމަވެސް، ފިލްޒާ ވިދާޅުވި ގޮތުގައި ގާނޫނުއަސާސީގެ 82 މާއްދާގެ ދަށުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ގަރާރެއް ހުށަހަޅާފައިވާ ޖަލްސާގެ ރިޔާސަތުގައި މަޖިލީހުގެ ރައީސް އިނދެގެން ނުވާނެ ކަމަށް ބަޔާންކޮށް، މަސްލަހަތު ފުށުއެރުމުގެ މައްސަލަ ހައްލުކޮށްދީފައި އޮއްވައި، މަޖިލީހުގެ ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކުރީ މަޖިލީހުގެ ވަކި ނިޔަތެއް އޮވެގެން ކަމަށް ގަބޫލުކުރެއްވެ އެވެ.
ޕީޕީއެމް / ޕީއެންސީގެ އިނގިލި ބަންޑާރަ ނާއިބަށް
ބަންޑާރަ ނައިބުގެ ފަރާތުން ގަބޫލުކުރާ ގޮތުގައި މަޖިލީހުގެ ރައީސްގެ އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހަޅާފައިވަނިކޮށް، އެކަމާ މެދު ގޮތެއް ނުނިންމާ އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ އެވެ. މިއަދު ކޯޓުގައި ވެސް ބަންޑާރަ ނައިބުގެ ފަރާތުން ވަނީ އެ ސްޓޭންޑް ދަމަހައްޓައިފަ އެވެ. އެކަމަކު، މައްސަލައަށް ތަދައްހުލްވެފައިވާ ޕީޕީއެމް / ޕީއެންސީގެ ފަރާތުން ވާހަކަ ދެއްކެވި ކުރީގެ ބަންޑާރަ ނާއިބު އާޒިމާ ޝަކޫރުވަނީ މަޖިލީހުގެ ސްޓޭންޑާ ބަންޑާރަ ނާއިބުގެ ސްޓޭންޑް ފުށު އަރާތީ އިޖުރާއީ އިއުތިރާޒެއް ނަންގަވާފައެވެ.
އޭނާ ވިދާޅުވީ މަޖިލިސް ތަމްސީލްކުރާ ބަންޑާރަ ނައިބާއި މަޖިލީހުގެ ވިސްނުން ތަފާތުކޮށް އޮތުމުން ދައުލަތުގެ ސްޑޭންޑަކީ ކޮބައިކަން ސާފުނުވާ ކަމަށެވެ. އެ އިއުތިރާޒު، ބެންޗުން ބަލައެއް ނުގަނެ އެވެ.
އާޒިމާ ވިދާޅުވީ ބަންޑާރަ ނައިބަކީ މުޅި ދައުލަތުގެ ބަންޑާރަ ނައިބު ކަމަށް ވާއިރު ދައުލަތުގެ ހުރިހާ މުއައްސަސާއެއް ވެސް ހިނގަނީ ގާނޫނުއަސާސީގެ ތަރަހައިގެ ތެރެއިންކަން ކަށަވަރު ކުރުމަކީ ބަންޑާރަ ނައިބުގެ ޒިންމާއެއް ކަމަށެވެ. ނަމަވެސް، ގާނޫނުއަސާސީއާ ހިލާފަށް ބަންޑާރަ ނައިބަށް ވެސް އެއްވެސް ލަފައެއް ނުދެވޭނެކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
ދެން ވާނީ ކިހިނެތް؟
ހަގީގަތުގައި ސުޕްރީމް ކޯޓުގެ ކުރިމަތީގައި މިހާރު އުފެދިފައި އޮތް ދުސްތޫރީ ސުވާލަށް ވާނެ ގޮތެއް އަދި ލަފާކޮށްލަން އަވަހެވެ. އެންމެ ބޮޑު ސަބަބަކީ، އަދި އެ މައްސަލައިގައި ބަހުސް ނުނިމި އޮތުމެވެ. ޑިމޮކްރެޓްސްއަށް ތައްޔާރުވާން ވަގުތު ބޭނުންވާތީ އެ ފުރުސަތު ދީފައި އޮތުމުން މައްސަލައިގައި ދެން ވެގެންދާނެ ގޮތެއް އަންދާޒާ ކުރެވޭނީ މާދަމާގެ އަޑު އެހުންތަކަށް ފަހުއެވެ. ޝައުގުވެރި ވާހަކަތަކެއް މާދަމާ އިވޭނެ ކަމަށް ބެލެވެއެވެ.