
އޭއެފްސީ ކަޕުގައި މުޅިން އަލަށް ކުޅޭ އިންޑިޔާގެ އޮޑިޝާ އެފްސީން، މާޒިޔާއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗުން މޮޅުވީ ހަ ލަނޑު އެއް ލަނޑުންނެވެ. އެއީ ނުވަވަނަ ފަހަރަށް އޭއެފްސީ ކަޕުގައި ކުޅޭ މާޒިޔާގެ އެންމެ ބޮޑު އެއް ބައްޔެވެ. މިދިޔަ މަހު 24 ވަނަ ދުވަހު އޮޑިޝާގެ، ބުބަނޭޝްވަރުގައި ހުންނަ ކަލިންގާ ސްޓޭޑިއަމްގައި މާޒިޔާ ކޮޅަށް ހަ ލަނޑު ޖެހިނަމަވެސް އޮޑިޝާގެ ކޯޗު، މިއަދު ބުނީ އެކަން ތަކުރާރު ނުކުރެވޭނެ ކަމަށެވެ.
" އެ ދުވަހުގެ ނަތީޖާއަކީ މި ދެ ޓީމުގެ ފަރަގެއް ނޫން. އެއީ މާޒިޔާގެ ފެންވަރެއް ނޫން އެއީ. ރާއްޖޭގައި ހަ ގޯލު ޖެހޭނެކަމަށް ގަބޫލެއް ނުކުރަން. އެ މީހުންގެ އަސްލު ފެންވަރު އެނގޭނެ އަނެއް ދެ މެޗުން. މާޒިޔާއަކީ ވަރުގަދަ ޓީމެއް. އަހަރުމެންގެ އަމާޒަކީ މެޗުން މޮޅުވެ، ތިން ޕޮއިންޓް ހޯދުން. ގިނަ ގޯލު ޖެހުމެއް ނޫން،"
އޮޑިޝާގެ ކޯޗުގެ ނަޒަރުގައި އެ ޓީމަށް މި ވަގުތު އޮތް އެންމެ ބޮޑު ގޮން ޖެހުމަކީ ގާތް ގާތުގައި މެޗު ކުޅެން ޖެހުމެވެ. އެ ޓީމުން 15 ދުވަހުގެ ތެރޭގައި ފަސް މެޗު ކުޅެފައިވާއިރު، މާޒިޔާއިން މިދިޔަ 15 ދުވަހު އެންމެ މެޗެއްވެސް ނުކުޅެއެވެ.
މާޒިޔާއާ އޮޑިޝާ ކުޅޭ މެޗު އޮންނާނީ މާދަމާ މެންދުރު ފަހު ރަސްމީ ބޯޅަ ދަނޑުގައެވެ. މެޗު ފެށޭނީ ތިނެއް ޖަހާއިރުއެވެ.