
މާޒިޔާއާ އިންޑިޔާގެ އޮޑިޝާ އެފްސީ ކުޅޭ މެޗު އޮންނާނީ މިއަދު ހަވީރު ރަސްމީ ދަނޑުގައެވެ. މި ދެ ޓީމު އިންޑިޔާގައި ކުޅުނު މެޗުން މާޒިޔާވަނީ ބޮޑު ތަފާތަކުން ބަލިވެފައެވެ.
އިންޑިޔާގައި ކުޅުނު މެޗުން ބަލިވެފައި އޮތްނަމަވެސް އެކަމާ މެދު މިހާރު ނުވިސްނާ ކަމަށާއި މިހާރު ހުރިހާ ފޯކަސްއެއް އޮތީ މިއަދުގެ މެޗުން މޮޅުވާން ކަމަށް ހަލީލް ބުންޏެވެ.
އޭއެފްސީ ކަޕުގައި މިއަދު އިންޑިޔާގެ އޮޑިޝާ އެފްސީއާ ދެކޮޅަށް މާޒިޔާ ނުކުންނައިރު، މިދިޔަ މަހު އިންޑިޔާގައި އެ ކްލަބާ ދެކޮޅަށް ކުޅުނު މެޗަށް ފަހު މާޒިޔާ ރަސްމީ މެޗެއް ނުކުޅެއެވެ. އެ މެޗު ކުޅުނީ މިދިޔަ މަހު 24 ވަނަ ދުވަހުއެވެ. އޭގެ ހަތަރު ދުވަސް ފަހުން ލީގުގެ ކުޅުން އަލުން ފަށަން ކަނޑައަޅާފައި އޮތް ނަމަވެސް އަދިވެސް ލީގު ނުފެށެއެވެ.
މާޒިޔާ ހިމެނޭ ގްރޫޕުގައި އެއްވަނައިގަ އޮތީ އިންޑިޔާގެ މޯހަން ބަގާންއެވެ. ބަލިނުވެ އޮތް މޯހަން ބަގާން ގްރޫޕް ޑީގެ އެއްވަނައިގައި އޮތީ، ތިން މެޗުން ހަތް ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތީ ބަންގްލަދޭޝްގެ ޗެމްޕިއަން ކިންގްސް ހަތަރު ޕޮއިންޓާއެކު އެވެ. ތިންވަނައިގަ މިއަދު މާޒިޔާއާ ދެކޮޅަށް ނުކުންނަ އޮޑިޝާ އޮތް އިރު މާޒިޔާ އޮތީ ފުލުގައެވެ.