
މާޒިޔާއަށް މެޗު ގެއްލުނީ ދެ ލަނޑުގެ ލީޑެއްގައި އޮއްވާ، އޮޑިޝާއިން ފަހަތުން އަަރައި ޖެހި ތިން ލަނޑާއެކުއެވެ. އޮޑިޝާއިން މޮޅުވި ލަނޑު، ތަޖުރިބާކާރު ފޯވާޑު ރޯއީ ކްރިޝްނާ ޖެހި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހައެއްކަ މިނިޓަށް ވެފައި އޮއްވައެވެ.
މި މެޗުގައި މާޒިޔާއިން ޖެހި ފުރަތަމަ ލަނޑު، މެޗުގެ ދެވަނަ މިނިޓްގައި ޖެހީ ނާއިޒް ހަސަން – ދާދުއެވެ. އެ ލަނޑަކީ، އޮޑިޝާގެ ކުޅުންތެރިން އޮފް ސައިޑެއް ކަމަށް ބަލައި ބޯޅަ ދޫކޮށްލައިގެން ތިއްބާ ޖެހި ލަނޑެކެވެ. މާޒިޔާއިން މި މެޗުގައި ޖެހި ދެވަނަ ލަނޑަކީ ލިބުނު ޕެނަލްޓިއަކުން ބިދޭސީ ކުޅުންތެރިޔާ ބަލަބޮނިވިޗް ޖެހި ލަނޑެކެވެ.
ދެ ލަނޑުގެ ލީޑަކުން މާޒިޔާ ފުރަތަމަ ހާފު ނިންމާލާފައިވީ ނަމަވެސް އޮޑިޝާ ޓީމުން ދެވަނަ ހާފުގައި މުޅި މެޗުގެ ކޮންޓްރޯލް ކަހަލަ ގޮތަކަށް ނެގިއެވެ. މާޒިޔާ ކޮޅަށް، އޮޑިޝާއިން ފުރަތަމަ ލަނޑު ޖެހީ، 65 ވަނަ މިނިޓްގައެވެ. އަދި އޮޑިޝާއިން އެއްވަރު ކުރި ލަނޑު ޖެހީ، އޭގެ ހައެއްކަ މިނިޓް ފަހުންނެވެ.
އޮޑިޝާގެ ފުރަތަމަ ދެ ލަނޑުވެސް ޖެހީ ހުރަސް ނަގައި، ބޮލުންނެވެ. ފަހު ލަނޑަކީ ރޯއީ ކްރިޝްނާގެ އިންޖިވިޖުއަލް ހުނަރު ފެނިގެން ދިޔަ މޮޅު ލަނޑެކެވެ.
މި ނަތީޖާއާއެކު، މާޒިޔާއަށް ދެވަނަ ބުރުގެ ހުރިހާ ދޮރެއް ގާތްގަނޑަކަށް ބަންދުވީއެވެ. މިރޭ މޯހަން ބަގާން، ބަޝަންދުރާ ކިންގްސް އަތުން މޮޅުވެއްޖެ ނަމަ މާޒިޔާއަށް ގްރޫޕުގެ އެއްވަނަ އެއް ނުހޯދޭނެއެވެ.
މި ގްރޫޕުގައި އަނެއް ދެ ޓީމު ކުޅޭ މެޗު އޮންނާނީ މިރޭއެވެ. އެއީ މޯހަން ބަގާންއާ، ބަޝަންދުރާ ކިންގްސްގެ މެޗެވެ. އެ މެޗު ކުޅޭނީ ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި، ބަޝަންދުރާ ކިންގްސްގެ ސްޓޭޑިއަމް – ކިންގްސް އެރީނާގައެވެ.
މިއަދުގެ ބައްޔާއެކު މާޒިޔާ އޮތީ ގްރޫޕުގެ ފުލުގައެވެ. މާލޭގައި ބަޝަންދުރާ ކިންގްސް އަތުން މޮޅުވި މެޗުން ލިބުނު ތިން ޕޮއިންޓް ފިޔަވައި، ފަހުން ކުޅުނު ތިން މެޗުން ކުރެ މެޗަކުން ޕޮއިންޓެއް ނުލިބެއެވެ. ގްރޫޕް ލީޑު ކުރަނީ މޯހަން ބަގާންއެވެ. އެއީ ތިން މެޗުން ހަތް ޕޮއިންޓާއެކުއެވެ.
ދެވަނައިގަ އޮޑިޝާ އޮތީ ދެ މެޗުން ހަ ޕޮއިންޓް ހޯދައިގެންނެވެ. އޮޑިޝާގެ ހަ ޕޮއިންޓަކީ މާޒިޔާ އަތުން ހޯދި ހަ ޕޮއިންޓެވެ. ގްރޫޕްގެ ތިންވަނައިގަ އޮތީ ބަޝަންދުރާއެވެ.
މިރޭ މޯހަން ބަގާންއާ ބަޝަންދުރާ ކިންގްސް ކުޅޭ މެޗަށް ފަހު ޕޮއިންޓް ޓޭބަލަށް ބަދަލު އަންނާނެއެވެ.