
ރަސްމީ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުން، މާޒިޔާ ދެ ލަނޑު ސުން ލަނޑުން ކުރީގައި އޮއްވާ، އޮޑިޝާއިންވަނީ ފަހަތުން އަރައި ތިން ލަނޑު ޖަހައި މެޗު ކާމިޔާބުކޮށްފައެވެ. މެޗަށް ފަހު ވާހަކަ ދައްކަމުން އޮޑިޝާގެ ކޯޗު، ސާޖިއޯ ލޮބޭރާ ބުނީ މިއަދުގެ މެޗަކީ އޭނާ އުއްމީދު ކުރި ގޮތަށް ދިޔަ މެޗެއް ނޫން ކަމަށެވެ.
މާޒިޔާއަށް މެޗު ގެއްލުނީ ދެ ލަނޑުގެ ލީޑެއްގައި އޮއްވާ، އޮޑިޝާއިން ފަހަތުން އަަރައި ޖެހި ތިން ލަނޑާއެކުއެވެ. އޮޑިޝާއިން މޮޅުވި ލަނޑު، ތަޖުރިބާކާރު ފޯވާޑު ރޯއީ ކްރިޝްނާ ޖެހި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހައެއްކަ މިނިޓަށް ވެފައި އޮއްވައެވެ.
މި މެޗުގައި މާޒިޔާއިން ޖެހި ފުރަތަމަ ލަނޑު، މެޗުގެ ދެވަނަ މިނިޓްގައި ޖެހީ ނާއިޒް ހަސަން – ދާދުއެވެ. އެ ލަނޑަކީ، އޮޑިޝާގެ ކުޅުންތެރިން އޮފް ސައިޑެއް ކަމަށް ބަލައި ބޯޅަ ދޫކޮށްލައިގެން ތިއްބާ ޖެހި ލަނޑެކެވެ. މާޒިޔާއިން މި މެޗުގައި ޖެހި ދެވަނަ ލަނޑަކީ ލިބުނު ޕެނަލްޓިއަކުން ބިދޭސީ ކުޅުންތެރިޔާ ބަލަބޮނިވިޗް ޖެހި ލަނޑެކެވެ.
ދެ ލަނޑުގެ ލީޑަކުން މާޒިޔާ ފުރަތަމަ ހާފު ނިންމާލާފައިވީ ނަމަވެސް އޮޑިޝާ ޓީމުން ދެވަނަ ހާފުގައި މުޅި މެޗުގެ ކޮންޓްރޯލް ކަހަލަ ގޮތަކަށް ނެގިއެވެ. މާޒިޔާ ކޮޅަށް، އޮޑިޝާއިން ފުރަތަމަ ލަނޑު ޖެހީ، 65 ވަނަ މިނިޓްގައެވެ. އަދި އޮޑިޝާއިން އެއްވަރު ކުރި ލަނޑު ޖެހީ، އޭގެ ހައެއްކަ މިނިޓް ފަހުންނެވެ.
އޮޑިޝާގެ ފުރަތަމަ ދެ ލަނޑުވެސް ޖެހީ ހުރަސް ނަގައި، ބޮލުންނެވެ. ފަހު ލަނޑަކީ ރޯއީ ކްރިޝްނާގެ އިންޖިވިޖުއަލް ހުނަރު ފެނިގެން ދިޔަ މޮޅު ލަނޑެކެވެ.
މި ނަތީޖާއާއެކު، މާޒިޔާއަށް ދެވަނަ ބުރުގެ ހުރިހާ ދޮރެއް ގާތްގަނޑަކަށް ބަންދުވީއެވެ.