މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އަމީރު ވިދާޅުވީ، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޔޫއޭއީ ދަތުރުފުޅަށްފަހު އެއާޕޯޓު ނިންމަން 80 މިލިއަން ޑޮލަރު ޔޫއޭއީގެ އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން ދޭން ނިންމިކަމަށް ވިދާޅުވެފައިވީނަމަވެސް އެއީ މާކުރިންވެސް ހަމަޖެހިފައިވާ ފައިސާކަމަށެވެ.
ރައީސް ސޯލިހުގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރު ވިދާޅުވީ މިއަހަރުގެ ތެރޭގައި އަރަބި ގައުމުތަކާއި އެކު ބައްދަލުވުމެއް ބޭއްވި ކަމަށާއި އެ ގްރޫޕުގައި ކުވެއިތު ފަންޑް، ސައޫދީ ފަންޑް، އަބޫދާބީ ސަރުކާރު އަދި އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓްގެ އިތުރުން ޔޫއެންކޭ ބައިވެރިވި ކަމަށެވެ.
އެބައްދަލުވުމުގައި އެއާޕޯޓް ޕްރޮޖެކްޓު ނިންމަން ބޭނުންވާ ހުރިހާ ފައިސާއެއް ރޭޝިއޯއެއްގެ ދަށުން ދޭނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ.
މުއިއްޒުގެ ޔޫއޭއީ ދަތުރުފުޅުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ބޭނުންވާ 1.2 ބިލިއަން ރުފިޔާ އެ ގައުމުން ހަމަޖައްސައިދީފައިވާކަމަށް އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބުންޏެވެ. އެ އޮފީހުގެ ތަރުޖަމާނުވެސް ވިދާޅުވީ އެ މަޝްރޫއުއަށް 80 މިލިއަން އެމެރިކާ ޑޮލަރު ހަމަޖައްސައިދީފައިވާކަމަށެވެ.
އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު ފިރުޒުލް އަބްދުﷲ ވިދާޅުވީ މި ފައިސާ ހަމަޖައްސެވީ ޔޫއޭއީއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅުގެ ހަވާސާގައިކަމަށެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުއަކީ ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައި ފެއްޓެވި މަޝްރޫއުއެކެވެ.
ޔޫއޭއިން ހަމަޖައްސައިދިން ފައިސާއިން އެއާޕޯޓު މަޝްރޫ އެއްކޮށް ނިންމާލެވޭނެކަމަށް ވެސް އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެއެވެ.
ޔޫއޭއީ އަށް ކުރެއްވި ދަތުރަށް ފަހު މުއިއްޒު މާލެ ވަޑައިގިތީ ރޭއެވެ. އެ ދަތުރުގެ ހުރިހާ ހަރަދެއް ބެލެހެއްޓީ ޔޫއޭއީ ގެ ޝާހީ އާއިލާއިންކަމަށް ވެސް ޑރ. މުއިއްޒުގެ ތަރުޖަމާނު ވަނީ ވިދާޅުވެފައިއެވެ.
އިންތިހާބީ ރައީސް، ޔޫއޭއީ އަށް ކުރެއްވީ އަމިއްލަފުޅު ދަތުރެކެވެ. ރޭގެ ވަގުތެއްގައި މުއިއްޒު މާލެ ވަޑައިގަންނަވާފައިވާކަމަށް ފިރުޒުލް ވިދާޅުވިއެވެ. މުއިއްޒު ވަނީ ދާދި ފަހުން ސިންގަޕޫރަށްވެސް ދަތުރުފުޅެއް ކުރައްވައިފައިއެވެ.