ads
އަކްރަމް ކަމާލުއްދީން: ވިދާޅުވީ ފްލެޓުތަކަށް ވަދެވޭނީ އަންނަ އަހަރުގެ ނިޔަލަށް ކަމަށް - ފޮޓޯ:މިހާރު
ފްލެޓުތަކަށް ވަދެވޭނީ އަންނަ އަހަރުގެ ނިޔަލަށް: އަކްރަމް
ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން މިހާރު އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓު ލިބޭ މީހުންނަށް އެ ތަންތަނަށް ވަދެވޭވަރު ވާނީ އަންނަ އަހަރުގެ ނިޔަލަށް ކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެ އެވެ.

"ގެދޮރުވެރިޔާ" މަޝްރޫއުގެ ދަށުން ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު ނެރުމާ ގުޅިގެން ލިބިފައިވާ ޝަކުވާތަކާ ގުޅޭގޮތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަކްރަމް ވިދާޅުވީ މިހާރު ފްލެޓުތައް ލިބޭނެކަމުގެ ލިޔުން ހަވާލުކުރި ނަމަވެސް އެ ފްލެޓުތަކަށް ވަދެވޭނީ އަންނަ އަހަރު ނިމޭހާ ތަނުގައި ކަމަށެވެ. ފްލެޓުތައް ނިންމަން ހަމަޖެހިފައި ވަނީ ބައިބަޔަށް ބަހާލައިގެން ކަމަށްވެސް އަކްރަމް ވިދާޅުވި އެވެ.

އަކްރަމް ވިދާޅުވި ގޮތުގައި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި 4،000 ފްލެޓު ލިބޭނެ ކަމަށް ކަނޑައަޅައި އެކުލަވާލި ދާއިމީ ލިސްޓަށް ޕޮއިންޓް ދިން ގޮތް ޕޯޓަލް މެދުވެރިކޮށް މިއަދުން ފެށިގެން ފެންނަން ހުންނާނެ ކަމުގަ އެވެ. ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓު ދީފައިވަނީ ހުށަހަޅާފައިވާ ފޯމުތަކުގައި ހުރި މައުލޫމާތަށް ބިނާކޮށް ކަމަށާއި ޕޮއިންޓު ދިނުމުގައި އެއްވެސް އޮޅުވާލުމެއް ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހިނގަމުންދާ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ފްލެޓު ލިބުނު މީހުންގެ ދާއިމީ ލިސްޓު މިދިޔަ ހޮނިހިރު ދުވަހު އާންމު ކުރުމާ ގުޅިގެން ގިނަ ބަޔަކު ބުނެފައި ވަނީ އެ ލިސްޓަކީ އިންސާފުން ބޭރުން އެކުލަވާލާފައިވާ ލިސްޓެއް ކަމަށެވެ. އެ ޝަކުވާތަކާ އެކު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ޝަކުވާތައް ނުބަލައި 4،000 ފްލެޓު ލިބޭކަމުގެ ރަޖިސްޓްރީ އެއްވެސް މީހަކަށް ހަވާލު ނުކުރުމަށް ހައުސިން މިނިސްޓްރީއަށް އަންގާފަ އެވެ.

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ކުރިމަތިލުމުގެ ފުރުސަތަށް ހުޅުވާލުމުން 4،000 ފްލެޓަށް، 20,697 ފޯމު ހުށަހެޅި އެވެ. އޭގެ ތެރެއިން 13،000 އަށް ވުރެ ގިނަ މީހުންގެ ޝަރުތު ހަމަވި އެވެ. ހައުސިން މިނިސްޓްރީން ބުނެފައިވަނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ޝަރުތު ހަމަވި ނަމަވެސް ފުރަތަމަ ދޫކުރާ 4،000 ފްލެޓު ނުލިބޭ މީހުންނަށް ލިޔުމެއް ދިނުމަށް ނިންމާފައިވާ ކަމަށާއި އެ ލިޔުން 9،000 އަށް ވުރެ ގިނަ މީހުންގެ ގެދޮރުވެރިޔާ ޕޯޓަލްގައި ހިމަނާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
80%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް