
އެމްއެމްއޭއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ކްރެޑިޓް އިންފޮމޭޝަން ރިޕޯޓް ހޯދުމަށް އީފާސް މެދުވެރިކޮށް މިއަދު މެންދުރުފަހު 2:00 އިން ފެށިގެން ހުށަހެޅޭ ގޮތަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.
މި ބަދަލާ އެކު ކްރެޑިޓް ރިޕޯޓަށް އެދޭ ފަރާތްތަކުގެ ހުށަހެޅުންތައް ދެން ބަލައިގަންނާނީ ކްރެޑިޓް ބިއުރޯގެ ވެބްސައިޓުން، އީފާސް މެދުވެރިކޮށް އަދި އީފާސް ވެރިފައިޑް އެކައުންޓުތަކުން ކަމަށް އެމްއެމްއޭއިން ބުނެ އެވެ. އެ އޮތޯރިޓީން ބުނެފައި ވަނީ މިގޮތަށް ހަމަޖެއްސުމާ ގުޅިގެން ކްރެޑިޓް ރިޕޯޓަށް އެދި ހުށަހަޅާ ފަރާތުގެ އޮންލައިން ވީޑިއޯ ވެރިފިކޭޝަން ހެދުން މާދަމައިން ފެށިގެން ހުއްޓާލާނެ ކަމަށެވެ.
ކްރެޑިޓް ރިޕޯޓަށް އީފާސް ޑިޖިޓަލް އައިޑީ މެދުވެރިކޮށް ހުށަހެޅުމުން މަސައްކަތު ތިން ދުވަހުގެ ތެރޭގައި ރިޕޯޓު ދޫކުރާނެ ކަމަށްވެސް އެމްއެމްއޭއިން ބުނެ އެެވެ.
އަލަށް ގެނައި މި ބަދަލާ އެކު، ކަސްޓަމަރުންގެ ރައްކާތެރިކަމަށްޓަކައި އީފާސްގެ ލޮގިން މައުލޫމާތު އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށް އެމްއެމްއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.