ads
އެފްޑީސީގެ އަމާން އުދަރެސްގެ ޓަވަރުތަކުގެ ތެރެއިން ޓަވަރެއް: ފްލެޓު ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހަމަވިއިރު، 7،421 ޝަކުވާ ވަނީ ހުށަހަޅާފައި - ފޮޓޯ:ސީއެންއެމް
ފްލެޓުގެ ދާއިމީ ލިސްޓަށް 7،421 ޝަކުވާ
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި މުއްދަތުގައި 7،421 ޝަކުވާ ހުށަހަޅައިފި އެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން އިމާރާތް ކުރަމުން އަންނަ ފްލެޓުތަކުގެ ތެރެއިން ފުރަތަމަ ބުރުގައި ދޫކުރުމަށް ސަރުކާރުން ނިންމި 4,000 ފްލެޓުގެ ޝަރުތު ހަމަވާ މީހުންގެ ތެރެއިން ފްލެޓް ދޫކުރާ 4،000 މީހުންނަށް ޕޮއިންޓު އުސޫލުން ފްލެޓު ދިނުމާ ގުޅިގެން އެ މައްސަލަ ބޮޑުވުމާ އެކު ހައުސިން މިނިސްޓްރީން ވަނީ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ފަސް ދުވަހުގެ މުއްދަތެއް ދީފަ އެވެ.

ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުސަތު ރޭ ހަމަވިިއިރު، ޖުމުލަ 7،421 ޝަކުވާ ހުށަހަޅާފައިވާ ކަމަށް ގެދޮރުވެރިޔާ ކޮމިޓީގެ ޗެއާ އަދި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވަނީ ވިދާޅުވެފަ އެވެ. އަކްރަމް ވިދާޅުވެފައިވާ ގޮތުގައި އެކަމާ ގުޅޭގޮތުން އިތުރަށް އެއްޗެއް ދެންނެވޭނީ ހުށަހަޅާފައިވާ ޝަކުވާތައް ބެލުމަށްފަހުގައި ކަމުގަ އެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި ދޫކުރުމަށް ނިންމާފައިވާ 4،000 ފްލެޓު ދިނުމަށް ހަމަޖެހިފައި ވަނީ ތިން ކޮޓަރީގެ އެޕާޓްމަންޓަށް ޝަރުތު ހަމަވި މީހުންގެ ތެރެއިން 76 އިން ފެށިގެން މަތިން މާކްސް ލިބުނު މީހުންނަށެވެ. އޭގެ އިތުރުން ދެ ކޮޓަރީގެ އެޕާޓްމަންޓަށް ޝަރުތު ހަމަވި މީހުންގެ ތެރެއިން 73 އިން ފެށިގެން މަތިން މާކްސް ލިބުނު މީހުންނަށެވެ.

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ކުރިމަތިލުމުގެ ފުރުސަތަށް ހުޅުވާލުމުން 4،000 ފްލެޓަށް، 20,697 ފޯމު ހުށަހެޅި އެވެ. އޭގެ ތެރެއިން 13،000 އަށް ވުރެ ގިނަ މީހުންގެ ޝަރުތު ހަމަވި އެވެ. ހައުސިން މިނިސްޓްރީން ބުނެފައިވަނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ޝަރުތު ހަމަވި ނަމަވެސް ފުރަތަމަ ދޫކުރާ 4،000 ފްލެޓު ނުލިބޭ މީހުންނަށް ލިޔުމެއް ދިނުމަށް ނިންމާފައިވާ ކަމަށާއި އެ ލިޔުން 9،000 އަށް ވުރެ ގިނަ މީހުންގެ ގެދޮރުވެރިޔާ ޕޯޓަލްގައި ހިމަނާނެ ކަމަށެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް