ads
އިހުގެ ދިވެހިންގެ މޫދަށް އެރިއުޅުނު ހަދާން އާ ކޮށްދޭ ތަސްވީރެއް - ފޮޓޯ: ސިރޫ އާރޓސް
ކޮބާ ތީ ކޮން ޖީލެއް..!؟
މި ދުވަސްވަރު ދިވެހީން މީސް މީޑިއާގެ ފޭސްބުކް ސްޓޭޓަސްގައި އެންމެ ގަދަޔަށް ދައްކަމުން މިދާ އެއް ވާހަކަ އަކީ "ޖީލު" ތަކެއްގެ ވާހަކަ އެވެ. ފޭސްބުކް ހުޅުވާލާ އިރަށް ފެންނަނީ އެކި މީސްމީހުން އެމީހުންނަކީ ކޮން ޖީލެއް ކަން ކިޔައިދީފައި ހުންނަ ޕޯސްޓް ތަކެވެ.

ފޭސްބުކްގައި މިހާރު މަޝްހޫރު ވެގެން މިއުޅޭ ޖީލު ޕޯސްޓް ތަކުގައި މައިގަނޑު ގޮތެއްގައި ދެކެވެމުން ދަނީ ކުރީގެ ކަންތައް ތަކާއި މިޒަމާނުގައި ކަންކަން އޮންނަ ގޮތް ތަކުގެ ވާހަކައެވެ. މިގޮތުން އެއް ބަޔަކު ތިމަންމީ މިވެނި ކަމެއް ކުރި ޖީލުގެ މީހުންނޭ ބުނެފައި ހުރިއިރު، އަނެއްބައި މީހުން މި ޖީލަކީ މިވެނި ހެނެއް ކަންތައް ވާ ނުވަތަ ކުރާ ޖީލު ކަމަށް ބުނެ ގިނަ ޕޯސްޓްތައް ހިއްސާ ކުރަމުން ދެއެވެ.

ތަފާތު ޖީލު ތަކުގެ ވާހަކައިގެ ތެރެއިން ފޭސްބުކްގައި އެންމެ ގިނައިން ދެކެވިފައިވާ އެއް ވާހަކަ އަކީ ކުރީގައި ސިއްރުން މޫދައް އެރުމުގެ ވާހަކައެވެ. އެކަކު ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި، ބުނީ

"އަހަރެމެންނަކީ މަންމައަށް ވަގަށް މޫދަށް އެރިގެން އަވީގަތިބެ ހިކިގެން ގެއަށް އަންނަ ޖީލުގެ މީހުން" ކަމަށެވެ. 

ދުވަސްވީ މީހުންގެ ވާހަކަ ތަކުން އެނގޭ ގޮތުގައި، އާންމުކޮށް އެކަން އެގޮތަށް ކުރަމުން އައިސްފައި ވަނީ 2000ގެ ކުރީގެ ކުދިންނެވެ. އެ ޖީލުގެ ކުދިން މޫދަށް އެރުމަށްފަހު އަވިން ހިކިގެން ގެއަށް އަންނަނީ މޫދަށް އެރުނުކަން މަންމަ މެނަށް ފޮރުވުމުގެ ގޮތުންނެވެ. އެއީ މައިންބަފައިންގެ ހުއްދަނެތި ތެމިގެން އައިސްފި ނަމަ އަދަބެއް ލިބިދާނެކަމުގެ ބިރަށްޓަކަ އެވެ. އެޖީލުގެ މީހުނަށް މައިންބަފައިންގެ "ރުހުން" މުހިއްމެވެ.

ޖީލުގެ މި "ޓްރެންޑް"ގެ ތެރެއިން ފޭސްބުކްގައި އެހެން މީހަކު ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ....

"އަހަރެމެންނަކީ ނަވަތަ ދަސްނުކޮއްގެން ކުލާހުން ބޭރުގަ ހިސާބުގަޑި ހޭދަކުރި ޖީލްގެ މީހުން"

your imageޖީލެއްގެ ވާހަކައެއް ބުނެދޭ ޕޯސްޓެއް

ކަމަށެވެ. މިއީ މާކަށް ކުރީގެ ޖީލެއްގެ ވާހަކަ އެއް ނޫނެވެ. ސްކޫލް ދުވަސްވަރު މަދުވެގެން 12އާ ހަމަޔަށް ނަވަތަ ދަސްނުކޮށްގެން އެތައް ދުވަހަކު ކްލާސްރޫމުން ބޭރަށް ލީ ކުދިންވެސް މަދެއް ނޫނެވެ. އަދި ދަސްނުކުރާ ކުދިން ކްލާސް ނިމުމުން މަޑުކުރުވައިގެން ދަސްކުރުވުމަކީ ވެސް އޭރު ދޭ އަދަބެކެވެ.

އިތުރު މީހަކު ފޭސްބުކް ގައި ލިޔެފައިވާ ޕޯސްޓެއްގައި ވަނީ "އަހަރެމެން މީ އިލޮށިފަތި ދައްކާލާއިރަށް ސައިޒް ވާ ޖީލް." ކަމަށެވެ. ކުރީގައި ލާނެތް ކަމެއް ކޮއްލައިފިނަމަ މަންމަ މެން ފުރަތަމަވެސް ނަގާނެ ހަތިޔާރަކީ އިލޮށިފަތި ނުވަތަ ފައިވާން ކިބަ އެކެވެ. އެހެންކަމުން އިލޮށިފަތްޗަކީ އެ ޖީލުގެ ކުދިން ނިކަން ބިރުގަންނަ، އެ އެއްޗެއް މަޅާލާ އިރަށް އެ ޖީލު އެކަށް "ސައިޒު" ވެ ދެއެވެ. އެޖީލުގައި އިލޮށިފަތިންދޭ އަދަބަކީ ހިއުމަން ރައިޓްސް އަށް ހުއްޓުވޭނެ އަދަބެއް ނޫނެވެ.

ޖީލުތަކުގެ މި ވާހަކަ ތަކުގެ ތެރެއިން އިހުގެ ބައެއް ރިވެތި އާދަ ތަކުގެ ވާހަކަ ވެސް ފޭސްބުކްގައި ހިއްސާ ކުރަމުން އެބަދެއެވެ. މީގެތެރޭގައި އެއް ޕޯސްޓުގައި

"އަހަރުމެންމީ ކޮންމެ ރެޔަކު ދެނަމާދު ދޭތެރޭ އަޑުހަރުކޮށް އައްމާފޮތް ކިޔެވި ޖީލުގެ މީހުން."

ކަމަށް ބުނެ އެވެ. މި ޕޯސްޓަށް ގިނަބަޔަކު އިއްތިފާގުވެ އަޑުހަރުކޮށް ގުރުއާންކިޔެވި ޖީލަށް ވުމަށް އެދި ޕޯސްޓް ޝެއާރ ވެސް ކުރި އެވެ. މި ކަމަކީ އިހުޒަމާނުގައި ހުރިހާ ގެއެއްގައިހެން ގަވައިދުން ކުރަމުން އައި ކަމެކެވެ. މިހާރުވެސް ދެނަމާދު ދޭތެރޭގައި ގުރުއާން ކިޔަވުމުގެ މި އާދަ ނުފޮހެވޭ ގެތައް މަދުން ނަމަވެސް އެބަހުއްޓެވެ. ނަމަވެސް މި ޖީލުގެ ޅަ ކުދިންގެ ފަރާތުން މިކަން ފެންނަލެއް މަދުވުމަކީ ހިތާމަހުރި ކަމެކެވެ.

your imageޖީލެއްގެ ވާހަކައެއް ބުނެދޭ ޕޯސްޓެއް

އެންމެންވެސް ހަނދާން އާކުރަމުން ދަނީ ކުރީގެ މަޖާ ތަޖުރިބާ ތަކެވެ. އަނެއްކާވެސް މިއޮތީ އިހުގެ ޖީލުގެ މަޖާ ވާހަކަ އެކެވެ.

"އަހަރަމެންމީ މާލޭ މީހުންނަށް ގުލާނު ކޮށްދީގެން އެގޭގޭއި ކިޔަވަން ތިބި ޖީލުގެ މީހުން"

ކަމަށް، އިހުގެ ތައުލީމީ ހަޔާތުގެ ހަނދާނެއް އާކޮށްދެމުން ދިވެހި ޕޭޖަކުން ލިޔެފައިވެއެވެ. އެ ޒަމާނުގައި ރަނގަޅު ފެންވަރުގެ ތައުލީމެއް އުނގެނުމަށް މާލެ ދިޔަ ކުދިން ގޭގޭގައި ބަހައްޓާފައި ވަނީ އެ ގޭގައި ހުންނަ ބައެއް މަސައްކަތްތައް ކޮށްދޭ ގޮތަށެވެ. އޭގެތެރޭގައި ކެއްކުމާއި ގޭތެރެ ސާފުކުރުން އަދި ބާޒާރަށް ގޮސް ވިޔަފާރި ކުރުން ފަދަ ކަންކަން ހިމެނެއެވެ. އެ ހުރިހާ ބުރަޔަކާއެކުވެސް ކިޔެވުމަށް މާލޭގައި ތިބި ތިބުމަކީ އެ ޖީލުގެ ހިއްވަރުގަދަ ކަން ދައްކުވައިދޭ ކަމެކެވެ.

މީގެ އިތުރުން މި ޖީލުގެ ހާލަތު ބަޔާން ކޮށް މީހަކު ހިއްސާ ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ "އަހަރުމެންނަކީ މަހުގެ މެދުތެރެއިން ބޭންކް އެކައުންޓް ބެލެންސް ފެނުނީމަ ރޮވޭ ޖީލުގެ މީހުން" ކަމަށެވެ. ތެދެކެވެ. މިއީ މިއަދު އަހަރެމެންގެ ތެރެއިން ވަރަށް ގިނަ ބައެއްގެ "މާލީ" ހާލަތެވެ. މަހުގެ މެދަށް ދާއިރު އަތުގައި އޮންނަނީ މަދު ފައިސާ ކޮޅެކެވެ. އަދި މަސް ނުނިމެނީސް އަތްމަތި ހުސްވެ އެހެން މީހުންގެ އަތުން ދަރަންޏަށް ފައިސާ ނަގަންޖެހޭ ފަހަރުވެސް އާދެ އެވެ. ގިނަ ފަހަރު އެކަން އެހެން ދިމާވަނީ ފައިސާ އާ މެދު ފަރުވާ ކުޑަ ކުރެވުމުގެ ސަބަބުންނެވެ. މިއީ މި ޖީލުގެ ޒުވާނުން ސަމާލުވާން ޖެހޭ ކަމެކެވެ.

your imageޖީލެއްގެ ވާހަކައެއް ބުނެދޭ ޕޯސްޓެއް

އަދި ބައެއް މީހުން ބުނެފައިވަނީ އެމީހުންގެ ސްޓޭޓަސްގައި "ޖީލު" ނޭނގޭތި ޕޯސްޓް ނުކުރެވި ތިބި ކަމަށެވެ. ހެހެހ އަހަރެމެންގެ މެދުގައި ނިކަން ޝައުގުވެރި ކަމާއިއެކު ޖީލުތަކުގެ ވާހަކަ ދެކެވެމުން ދާއިރު މި ދެކެވޭ ވާހަކަ ތަކާއި މެދު ތަންކޮޅެއް ފުންކޮށް ވިސްނަން އެބަ ޖެހެއެވެ. އިހުގެ ރިވެތި އާދަތައް ހަނދާންކޮށް ދިރުވަން ޖެހެއެވެ. އަދި ކުރީގެ ބައެއް ނުރަނގަޅު ކަންކަމުގެ ވާހަކަ ދެން އިތުރަށް ނުދައްކާ ދޫކޮށްލަންވެސް އެބަ ޖެހެއެވެ. އަހަރެމެން އެންމެންވެސް ބަލަންވީ އިހުގެ ޖީލުތަކުގެ ރަނގަޅު އާދަ ތަކުގައި ހިފައި، މި ޖީލަކީ ހެޔޮލަފާ ޖީލަކަށް ހެދޭތޯއެވެ. ގައުމަށް އިސްކަންދީ ދިވެހިން ދިވެހިންގެ ގޮތުގައި ކުރިއަށް ހިންގަވާށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް