
ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އުދުވާނުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ޖޮއިންޓް އަރަބް އިސްލާމިކް އެކްސްޓްރާ-އޯޑިނަރީ ސަމިޓުގައި ބައިވެރިވަޑައިގަންނަވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ހާއްސަ މަންދޫ މިނިސްޓަރު ޝާހިދު ވަނީ، ފަލަސްތީނުގެ ޢާންމުރައްޔިންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ އަސްކަރީ ޙަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި، މިހާރުން މިހާރަށް ހަމަލާތައް ހުއްޓާލަންޖެހޭކަމުގައި ވިދާޅުވިއެވެ.
އަދި ގައްޒާގައި އިންސާނީ ހާލަތު ގޯސްވަމުންދާދިއުމަށް އިޝާރާތްކުރައްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝާހިދު ވަނީ ކާބޯތަކެއްޗާއި ބޭސް ފަދަ ޒަރޫރީ ތަކެތި ރައްކާތެރިކަމާއެކު ގައްޒާއަށް ވަންނާނެކަން ކަށަވަރުކުރުމަށާއި އެކަމަށް އެއްބާރުލުން ދެއްވުމަށް ވެސް އެދިވަޑައިގެންނެވިއެވެ.
އަދި އިންސާނިއްޔަތާގުޅޭ ބައިނަލްއަގްވާމީ ޤާނޫނުތަކާ ހިލާފަށް މުޅި ގައްޒާގެ ރައްޔިތުން ޝާމިލުވާހެން ކުރިޔަށްގެންދާ ހުރިހާ އުދުވާނުތައް ހުއްޓުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވުމަށް ބައިނަލްއަގްވާމީ މުޖުތަމަޢުގެ ކިބައިން މިނިސްޓަރ ޝާހިދު އެދިވަޑައިގެންނެވިއެވެ.
ފަލަސްތީނާއި، މުޅި މެދުއިރުމަތީގައި ދެމެހެއްޓެނިވި ސުލްޙައާއި ހަމަޖެހުން ޤާއިމުކުރުމުގެ މަގަކީ، ފަލަސްޠީނުގެ ސަރަހައްދީ ރޮނގު 1967 ގެ ކުރީގައި އޮތްގޮތަށް، އިރުމަތީ ޤުދުސްއަކީ ޕަލަސްޠީނުގެ ވެރިރަށުގެ ގޮތުގައި ބަލައިގަނެ ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކޮށްގެންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އެކްސްޓްރާ އޯޑިނަރީ ސަމިޓް ނިންމާލާނީ ގައްޒާއާއި އަލްޤުދުސް އަލް ޝަރީފް ހިމެނޭގޮތަށް އިސްރާއީލުން މުޅި ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޢުދުވާނާ ބެހޭގޮތުން މަޝްވަރާކޮށް އެކުލަވާލާ ޢަރަބް އިސްލާމިކް އެކްސްޓްރާ އޯޑިނަރީ ސަމިޓްގެ ގުޅިފައިވާ ޤަރާރާއެކުގައެވެ. މި ޤަރާރަކީ އިސްރާއީލުގެ ޣައިރު ޤާނޫނީ ޢަމަލުތައް ނިމުމަކަށް ގެނައުމަށާއި ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ނިގުޅައިގަނެ ފަލަސްޠީނުގެ ބިންތައް ހިފައިގެން އިސްރާއީލުން ހިންގާ ޢަމަލުތައް ކުށްވެރިކޮށް މެންބަރު ޤައުމުތަކުން ދެކޭގޮތް ހާމަކޮށްދޭ ގުޅިފައިވާ ޤަރާރެކެވެ.
މި ސަމިޓަކީ އިސްރާއީލުން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އުދުވާނުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ފެށި ސަމިޓެކެވެ.
ޖޮއިންޓް އަރަބް އިސްލާމިކް އެކްސްޓްރާ-އޯޑިނަރީ ސަމިޓަކީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ކުރިން ރާވާފައިވާ އެކްސްޓްރާ އޯޑިނަރީ އިސްލާމިކް ސަމިޓާއި އެމަޖެންސީ ޢަރަބް ސަމިޓް އެއްކޮށްލައިގެން ސަޢުދީ ޢަރަބިއްޔާއިން ބާއްވާ ސަމިޓެކެވެ.
ޖުމްލަ 57 މެމްބަރު ގައުމު ހިމެނޭ އޯއައިސީއަކީ ފަލަސްޠީނުގެ ރައްޔިތުންގެ ހައްގުގައި އަބަދުވެސް އަޑުއުފުލަމުން އަންނަ ޖަމިއްޔާއެކެވެ. ރާއްޖެ 1976 ވަނަ އަހަރު އޯއައިސީގެ މެމްބަރު ގައުމަކަށް ވުމަށްފަހު ރާއްޖެއިން އަންނަނީ އެޖަމުޢިއްޔާގެ މެންބަރު ޤައުމުތަކާ ގުޅިގެން އެޖަމުޢިއްޔާގައި ހަރަކާތްތަކުގައި ބައިވެރިވަމުންނެވެ.