ads
އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް. -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ގަރާރު ބޭރުކުރީ ގޯސްކޮށް، މަޖިލީހާ މަޝްވަރާކުރަނީ
ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން މުހައްމަދު ނަޝީދު ވަކިކުރުމުގެ ގަރާރު ގަވާއިދަށް ފެތޭ ކަމަށާއި ގަރާރު ތަޅުމުން ބޭރުކޮށްލީ ގޯސްކޮށް ކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ ގަރާރު މަޖިލީހަށް ހުށަހަޅާފައިވަނީ މަޖިލީހުގެ ގަވައިދާ ހިލާފަށް ކަމަށް ވިދާޅުވެ، އެ ގަރާރު ބޭރުކޮށް މަޖިލީހުގެ މިއަދުގެ ޖަލްސާ، ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ރިޔާސަތުގައި އިންނަވައި މިއަދުވަނީ ކުއްލި ގޮތަކަށް ނިންމަވާލައްވާފައެވެ. އަފީފް އެ ގޮތަށް ކަންތައް ކުރެއްވީ، ދަ ޑިމޮކްރެޓްސްއިން، އެ ގަރާރަކީ މަޖިލީހުގެ ގަވައިދާ ހިލާފަށް ހުށަހަޅާފައިވާ ގަރާރެއް ކަމަށް ވިދާޅުވުމުންނެވެ.

ގަރާރު ބޭރުކޮށްލުމުން އެކަމާ ގުޅޭ ގޮތުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު، އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަސްލަމް ވިދާޅުވީ ގަވާއިދަށް ގަރާރު ނުފެތޭ ކަމަށް ވިދާޅުވެ ގަރާރު ބޭރު ކުރެވިގެން ނުވާނެ ކަމަށެވެ.

"މިއީ މާ ކުރިން ނޯޓިސް ދެވި، އިދާރީ ހުރިހާ މަރުހަލާއެއް ނިންމައި، ގަވާއިދަށް ފެތޭ ކަމަށް މަޖިލީހުގެ އިދާރާއަށް ފެނިގެން މަޖިލީހުގެ ޖަލްސާއަކަށް އެޖެންޑާ ކޮށްފައިވާ ގަރާރެއް، އެ ގަރާރު ބޭރުކުރެވިގެން ނުވާނެ،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ އެ މައްސަލަ ހައްލު ކުރުމަށް މަޖިލީހުގެ އިދާރާއެކު މަޝްވަރާ ކުރައްވަމުން އެބަ ގެންދަވާ ކަމަށެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރުމުގެ މައްސަލަ، ނިޒާމީ ނުކުތާގެ އޮއިވަރެއްގައި ހޫނުވާން ފެށުމަށް ފަހު، ކުއްލިއަކަށް އަފީފް ޖަލްސާ ނިންމަވައިލެއްވީ އިތުބާރު ނެތްކަމުގެ ގަރާރު ހުށަހަޅުއްވާފައި އޮތީ މަޖިލީހުގެ ގަވައިދާ ހިލާފަށް ކަމަށް ވިދާޅުވެއެވެ. މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އަފީފް އިންނެވީ، މިއަދުގެ ޖަލްސާ، ހެނދުނު 9 ޖެހިއިރު، ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ކަނޑައަޅުއްވާފައިވާ ނާއިބު ރައީސް އީވާ އަބްދުﷲ މަޖިލީހަށް ސަލާމް ފޮނުއްވާފައިވުމުންނެވެ. ހަސަން އަފީފު ރިޔާސަތާ ހަވާލުވެ، މަޖިލިސް ފެށުމާއެކު، މަޖިލީހުގެ ރައީސް ނިސްބަތްވާ ދަ ޑިމިކޮކްރެޓްސްގެ ފަރާތުން އެ ޕާޓީގެ ލީޑަރު އަލީ އާޒިމް ނެންގެވީ ނިޒާމީ މައްސަލައެކެކެވެ. އާޒިމްގެ ނިޒާމީ މައްސަލައަކަށްވީ މަޖިލީހަށް ހުށަހަޅާފައިވަނީ ގަރާރެއްތޯ ނުވަތަ ބިލެއްތޯ ނުވަތަ ކުއްލި މައްސަލައެއްތޯ ސާފު ކުރުމެވެ. އެ މައްސަލައަށް ރިޔާސަތުން އަފީފް ޖަވާބު ދެއްވުމާއެކު، އަނެއްކާވެސް އާޒިމް ނިޒާމީ މައްސަލައެއް ނެންގެވިއެވެ. 

އޭގެ ފަހުން، ޑިމޮކްރްޓްސްއަށް ނިސްބަތްވެވަޑައިގަންނަވާ އިބްރާހީމް ރަޝީދުވެސް ނިޒާމީ މައްސަލައެއް ނެންގެވިއެވެ. އޭގެ ފަހުން، އެމްޑީޕީގެ ފަރާތުން މަވޯޓާ ޝަރީފް ނިޒާމީ މައްސަލައެއް ހުށަހެޅި ފަހުން، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބުވެސް ނިޒާމީ މައްސަލައެއް ހުށަހެޅުއްވިއެވެ. 

ދެން މަޖިލީސް ދިޔައީ މުޅިންވެސް ނިޒާމީ މައްސަލަތަކުގެ ތެރޭގައެވެ. އެހެން ދިޔުމަށް ފަހު ޖަލްސާ ނިންމާލީ ހަމަ ކުއްލިއަކަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް